Roadha Mihaaru
ނައިކީން އިޒްރޭލުގެ ބައެއް ޕާޓްނަރުން ދޫކޮށްލަނީ

ނައިކީން އިޒްރޭލުގެ ބައެއް ވިޔަފާރި ޕާޓްނަރުން ދޫކޮށްލަނީ

13 އޮކްޓޯބަރ 2021

މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ބްރޭންޑެއް ކަމަށްވާ އެމެރިކާގެ ނައިކީން އިޒްރޭލުގެ ބައެއް ވިޔަފާރި ޕާޓްނަރުންނާ އެކު ހަދާފައި އޮތް އެއްބަސްވުންތައް އުވާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ބްރޭންޑެއް ކަމަށްވާ އެމެރިކާގެ ނައިކީން އިޒްރޭލުގެ ބައެއް ވިޔަފާރި ޕާޓްނަރުންނާ އެކު ހަދާފައި އޮތް އެއްބަސްވުންތައް އުވާލަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިކަމަށް ކުރާ މަސައްކަތުގެ ތެރެއިން މި ވަގުތު ޕާޓްނާޝިޕް ހަދާފައިވާ އިޒްރޭލްގެ ބައެއް ވިޔަފާރިތަކާ އެކު ހަދާފައި އޮތް އެއްބަސްވުންތައް އަންނަ އަހަރުގެ ކުރީކޮޅު ބާތިލު ކުރާނެ ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކާ އެކު ހަދާފައި އޮތް އެއްބަސްންތައް އުވާލަން ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި 31 އިން ފެށިގެންނެވެ.

މިކަން މިގޮތަށް ކުރަން ނިންމިކަން އަންގައި އިޒްރޭލުގެ ބައެއް ޕާޓްނަރުންނަށް ނައިކީން އާދިއްތަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނީ އެ ނިންމުމަކީ އެ ކުންފުނިތަކާ ގުޅިގެން ނައިކީގެ ވިޔަފާރި އަށް އައި ބަދަލުތައް ރިވިއުކޮށް، މާކެޓްޕްލޭސް ވެސް ދިރާސާ ކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެންގެ ޕޮލިސީތަކާ އެއްގޮތަށް އަހަރެމެންނާއި ތިޔަ ކުންފުންޏާ ދެމެދު ވެފައި އޮތް އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމީ،" ނައިކީގެ ސިޓީގައި ބުނެފައިވެ އެވެ. "މި ގޮތަށް ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ ތިޔަ ކުންފުންޏާއި އަހަރެމެންނާ ދެމެދު ހަދާފައި އޮތް އެއްބަސްވުމަށް ރިއާޔަތްކުރާ އިރު އަހަރެމެންގެ ޕޮލިސީތަކާއި ތިޔަ ކުންފުނީގެ ޕޮލިސީތައް ފުށުއަރާތީ އާއި އާއި ހާސިލު ކުރަން ބޭނުންވި ލަނޑުދަނޑިތަކަށް ވެސް ވާސިލު ވެވިފައި ނުވާތީ."

ނައިކީން ބުނީ މި ނިންމުން މި ގޮތަށް ނިންމަން ޖެހިފައިވާތީ ކުންފުނިތަކުން ދެން އެ މީހުންގެ ވިޔަފާރި ބައްޓަން ކުރާނެ ގޮތަކަށް ތައްޔާރުވެ ތިބުމަށް އެދޭ ކަމަށެވެ.

"އުންމީދަކީ އަހަރެމެންނާ ނުލައި ތިޔަ ކުންފުންޏަށް ކާމިޔާބީ ލިބޭނެ ކަމަށް." ނައިކީން ބުންޏެވެ.

އެ ކުންފުނިން ބުނީ އިޒްރޭލްގެ ބައެއް ރީޓެއިލަރުންނާ އެކު ހަދާފައި އޮތް އެއްބަސްވުންތަން އުވާލި ނަމަވެސް އެއްވަސްވުން އުވައިނުލާ ރީޓެއިލަރުންނާއި ކުންފުނީގެ އަމިއްލަ އައުޓްލެޓްތަކާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ނައިކީގެ އުފެއްދުންތައް އިޒްރޭލުގެ ކަސްޓަމަރުންނަށް ގަންނަން ލިބޭނެ ކަމަށެވެ.

ނައިކީގެ މި ނިންމުމާއި ޔަހޫދީ އިޒްލޭރުން ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކާ އެއްވެސް ގުޅުމެއް އޮތް ކަމެއް ސީދާ ސާފެއް ނުވެ އެވެ. އެކަމަކު ނައިކީގެ ނިންމުމަށް ވަރަށް ގިނަ ބަޔަކު ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވެ އެވެ.

އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ ނައިކީން އަބަދު ވެސް ވިޔަފާރީގެ މުއާމަލާތްތައް ހިންގާނީ ގެންގުޅޭ އުސޫލުތަކާއި ހަމަތަކަށް ގަބޫލުކުރާ ވިޔަފާރިތަކާ ގުޅިގެން ކަމަށެވެ.

"އަދި މި ބަދަލަކީ ހަގީގަތުގައި ޒަމާނަށް ފެތޭ ޑިޖިޓަލް ވިޔަފާރި އަށް އަހަރެމެން ދެމުން އަންނަ އިސްކަމުގެ ތެރެއިން ނިންމި ނިންމުމެއް." އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އައިސް ކްރީމް އުފައްދާ ކުންފުނި، ބެން އެންޑް ޖެރީސްގެ އައިސް ކްރީމް އިޒްރޭލުގައި އުފައްދައި، ވިއްކުން ހުއްޓައިލަން އެ ކުންފުނިން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމާފައިވެ އެވެ. އެ ގޮތަށް ނިންމީ ޕަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކާ ހެދި އެވެ.