ރާއްޖެ އާއި ލަންކާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ގެނައި ސްކޮޑަކީ އެ ގައުމުން އެ މުބާރާތުގެ ތާރީހުގައި އެކުލަވާލި އެންމެ ވަރުގަދަ ސްކޮޑެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި ކުޅެ ފައިނަލް ކުޅެން ޖެހުނީ ސްރީ ލަންކާގެ ސުގަތަދާސް ސްޓޭޑިއަމްގަ އެވެ.
13 އޮކްޓޯބަރ 2021
ރާއްޖެ އާއި ލަންކާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ގެނައި ސްކޮޑަކީ އެ ގައުމުން އެ މުބާރާތުގެ ތާރީހުގައި އެކުލަވާލި އެންމެ ވަރުގަދަ ސްކޮޑެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި ކުޅެ ފައިނަލް ކުޅެން ޖެހުނީ ސްރީ ލަންކާގެ ސުގަތަދާސް ސްޓޭޑިއަމްގަ އެވެ.
ފައިނަލްގައި ބައްދަލު ކުރީ ރާއްޖެ އާއި އިންޑިއާ އެވެ. ދިވެހި އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު މެޗުގެ ނަތީޖާ ހަމަހަމާން ދަނިކޮށް ފަހު ހާފުގައި މުޚްތާރު ނަސީރު (ޓޯކިލޯ) އިންޑިއާގެ ގޯލަށް އަމާޒުކުރި ބާރު ބޯޅަ ކާމިޔާބުވުމާ އެކު 1-0 އިން މޮޅުވެ ރާއްޖެ ޗެމްޕިއަންކަން ހޯދި އެވެ.
އިންޑިއާގެ ފުޓްބޯޅަ ބޮޑު ބަދަލަކާ ދިމާލަށް ދީލާލީ އެހާ ހިސާބުންނެވެ. އިންޑިއާގެ ފުޓްބޯޅަ އަށް ބޮޑު ބަދަލެއް ބޭނުންވާކަން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނަށް ވިސްނުނީ 2008 ގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ބަލިވުމުންނެވެ. ޖެހިގެން އައި ސާފް ޗެމްޕިއަންޝިޕަށް 23 އަހަރުން ދަށުގެ ޓީމެއް އިންޑިއާ އިން ފޮނުވީ ވެސް ޑެވެލޮޕްމަންޓަށް އިސްކަންދޭން ޖެހޭކަން ގަބޫލުކޮށްގެންނެވެ.
އިންޑިއާގެ ފުޓްބޯޅަ ބަދަލުކޮށްގެން ނޫނީ ރާއްޖެ އާއި ސަރަހައްދުގެ އެހެން ގައުމުތަކުގެ އަތް ދަށުން ސަލާމަތް ނުވާނެކަން އިންޑިއާއިން ގަބޫލު ކުރި އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލަށް އިންޑިއާ ކުރި ދަތުރުގައި ގުރޫޕް ސްޓޭޖުގައި މާލޭގައި ކުޅެ އިންޑިއާ މޮޅުވި އެވެ. އެކަމަކު ފައިނަލުގައި ރާއްޖެ އަތުން ބަލިވުންވީ އެ ގައުމަށް ގަބޫލު ކުރަން ދަތި ނަތީޖާ އެކެވެ.
"އުމުރުފުރާތަކުގެ މުބާރާތްތަކުގައި ބައްދަލުވާ އިންޑިއާގެ ކޯޗުން ވެސް ފާހަގަ ކުރޭ ރާއްޖެ އަތުން 2008 ގެ ފައިނަލުގައިވީ ބަލި. ހީވަނީ އެ މީހުންނަށް އެހާ ފަސޭހަކަމެއް ނޫންހެން ރާއްޖެ އަތުންވީ ބަލި ބަލައިގަންނަން،" 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް ފަރީދު މުހައްމަދު (ފަރިއްޓޭ) ބުންޏެވެ.
"ހަގީގަތުގައި އެ މީހުންގެ ވާހަކަތަކުން އެނގޭ އިންޑިއާ ނުބަލާކަން ރާއްޖެ އަކީ މާބޮޑަށް ފުޓްބޯޅައިގެ ގައުމެއް ކަމަކަށް. އެ މީހުންގެ ވާހަކަތަކުން އެނގޭ އެކަން. އެ މީހުން ބަލަނީ ރާއްޖެ އަކީ އަންޑަ ޑޯގްސްގެ ގޮތުގައި. އެކަމަކު އިއްޔެ އިންޑިއާ ކޯޗު (ޕްރީ މެޗު ޕްރެސްގައި) ދެއްކި ވާހަކައިން އެނގޭ މިހާރު ރާއްޖެއާ މެދު އެމީހުން ދެކޭ ގޮތް ބަދަލު ވެއްޖެކަން."
ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އަދި އައިއެފްސީ އަށް ވެސް ކުޅުނު ފަރީދު ބުނީ 2008 ގެ ފައިނަލުގައި ރާއްޖެއިން އިންޑިއާ ބަލިކުރި ހިސާބުން ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް އުންމީދެއް ލިބުނު ކަމަށެވެ.
"ރާއްޖެ ކަހަލަ ޓޮޕް ލެވަލްގައި ކުޅޭ ކްލަބުތައް މަދު ގައުމަކުން ފައިނަލްގައި އިންޑިއާ ބަލި ކުރީމަ އެހާ ހިސާބުން ބަންގްލަދޭޝް، އަފްގާނިސްތާން ތަންތަނަށް އުންމީދެއް ލިބުނީ އިންޑިއާ ވެސް ބަލި ކުރެވޭނެކަން،" ފަރީދު ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި، ސްރީ ލަންކާ އަތުން އިންޑިއާ 1995 ގައި ބަލިވި އެވެ. އެކަމަކު 2008 ގެ ބައްޔަށް ވުރެ ހިތްދަތި ކުރުވި ބައްޔެއް އިންޑިއާ އަށް ކުރިމަތި ނުވާ ކަހަލަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އިން ރާއްޖެއާ މެދު އެންމެ ފުރަތަމަ ދެކުމުން އައީ ފުޓްބޯޅައިގެ "އަންޑާ ޑޯގްސްގެ" ގެ ގޮތުގަ އެވެ. އެ ވިސްނުމުގައި 2008 ގެ ބަލިން އިންޑިއާ އަށް އިތުރަށް ހިތްދަތި ކުރުވި އެވެ.
2008 ގެ ސާފް ޗެމްޕިއަންޝިޕް ތަށި ރާއްޖެއިން އުފުލާލަނީ
ޖެހިގެން އައި 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުން ރާއްޖެ ބަލި ކުރި އެވެ. ސާފް ޗެމްޕިއަންޝިޕްގެ 2008 ގެ ހިތްދަތި ނަތީޖާއިން އަރައިގަތުމަށް އިންޑިއާ އަށް ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބުނީ ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައި ރާއްޖެ އަތުން އެ ފަހަރު ޕެނަލްޓީ ޖަހައިގެން މޮޅުވުމުންނެވެ.
އެންމެ ފަހުން 2018 ގައި ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ ދިޔައީ ސަރަހައްދުގެ އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހު އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އޭރު އޮތް ބޮޑު މައްސަލަ ސާފްކޮށް، ތިލަކޮށް އިންޑިއާ އެނގެ އެވެ. އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމުގައި ހިމަނައިފައި ނުވުމުން ރާއްޖޭގެ ޓީމަށް އޮތް ޕްރެޝަރު އިންޑިއާއިން ދެނެގަތެވެ. ސަރަހައްދުގެ ފުޓުބޯޅައިގެ ދެން ހުރި ގައުމުތަކުގެ ހާލަތު ވެސް އިންޑިއާ ދެނެގަތެވެ.
އިންޑިއަން ސުޕަ ލީގުގެ ތެރެއިން އެ ގައުމަށް ގައުމީ ޓީމަށް ސަޕްލައި ކުރަމުން ދިޔަ ޒުވާން ހުނަރުވެރިންނާ ވާދަކުރެވޭނެ ވަރަށް ހުނަރު އުފައްދާ އެހެން ގައުމެއް ދެކުނު އޭޝިއާގައި ނެތެވެ. ބެންގަލޫރު އެފްސީގެ ކުރީ ކޯޗު އަލްބަޓް ރޮކާ ބުނެފައި ވަނީ އެހެން ގައުމުތަކަށް ވުރެ އިންޑިއާގައި ފުޓްބޯޅައިގެ ހުނަރު ގިނަ ކަމަށެވެ. އިންޑިއާގެ ބޮޑު އާބާދީގެ ތެރެއިން ނުކުންނަ ފުޓުބޯޅައިގެ ހުނަރުވެރިން ގިނަ ވާނެ އެވެ. އެކަމަކު އިންޑިއާގައި ޓެކްނިކަލް ހުނަރު މަދެވެ.
ބްންގްލަދޭޝް އާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ފަހު ދިވެހި ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު އެއީ ރާއްޖެ އަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖެވެ. ބަންގްލަދޭޝްގެ ކޯޗް އޮސްކާ ބުރުޒޯން ބަރޭރަސް އަކީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓްގައި ކާމިޔާބު ހޯދި ކޯޗެކެވެ. އޭނާ ދެކޭ ގޮތުގައި ރާއްޖޭގައި ފުޓްބޯޅައިގެ ޓެކްނިކަލް ހުނަރު މާ މުއްސަންޖެވެ.
ސަރަހައްދީ ފުޓްބޯޅައިގެ ވާދަވެރި ކަމުގެ ތެރޭގައި އިންޑިއާއިން ރާއްޖޭގެ މައްޗަށް ހުރިހާ ގޮތަކުން ވެސް ކުރި ހޯދަ އެވެ. މުބާރާތުގެ ހަތް ތައްޓާއި ރާއްޖޭގެ މައްޗަށް ހޯދިި 14 މެޗުން މޮޅުވުގެ ރެކޯޑަކީ ވެސް އިންޑިއާ އަށް ހުރިހާ ގޮތަކުން ވެސް ކުރި ލިބޭ ކަންކަމެވެ. މިހާރު އެންމެ ބޮޑު ތަފާތަކީ އިންޑިއާގެ ލީގު ސިސްޓެމެވެ. ވާދަވެރި ދެ ލީގު އިންޑިއާގެ ފުޓްބޯޅައިގެ މަރުހަލާގެ ތެރޭގައި ތަރުތީބުވެފައި އެބައޮތެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މިހާރުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) 2018 ގައި ބުނެފައި ވަނީ ރާއްޖޭގެ ލީގު މާލޭގައި ކުޅޭ ގޮތަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމުގެ ފުރުސަތު ލިބޭ ވަރަކަށް މިހާރަށް ވުރެ ވެސް ފުޓްބޯޅައިގެ ހުނަރު ރާއްޖެ އަށް ހޯދޭނެ ކަމަށެވެ. އެންމެ ޓޮޕް ލެވެލްގައި އެ ހުނަރު ފެނިގެންދާ ވަރަކަށް ރާއްޖެ އަށް ވެސް އިންޑިއާއާ އެއްހަމައެއްގައި ވާދަކުރެވޭނެކަން މޯހަން ފާހަގަކޮށްފައިވެ އެވެ. އިންޑިއާއާ ވާދަކުރަން ބަންގްލަދޭޝް އިން ވެސް ކުރި އެންމެ ބޮޑު މައްސައްކަތަކީ އެއީ އެވެ. އެ ގައުމުގެ ލީގު ވަރުގަދަ ކުރުމެވެ.
"ރާއްޖޭގައި ބޯން ޓެލެންޓް ބައިވަރު. އެއީ ވަރަށް ޔަގީން ކަމެއް، ހުނަރު ހުރީ ކޮން ސަރަހައްދުތަކެއްގައިކަން ވެސް އެނގޭ،" މޯހަން ބުނެފައިވެ އެވެ. "އެ ހިސާބަށް އަޅުގަނޑުމެންގެ ލީގު ގެންދެވޭނެ އުސޫލެއް ހަމަޖައްސަން މިޖެހެނީ."
ރާއްޖެ އާއި އިންޑިއާ ދިވެހި ގައުމީ ފުޓްބޯޅަ ދަނޑުގައި މީގެ ކުރިން ކުޅުނީ ދެ ފަހަރު އެވެ. އެންމެ ފުރަތަމަ ފަހަރު 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގައި ރާއްޖެއިން އިންޑިއާ ބަލިކުރި އެވެ. އޭގެ ފަހުން 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ އެވެ. މިރޭގެ މެޗަކީ މާލޭގައި މި ދެ ޓީމު ކުޅޭ ތިން ވަނަ ފަހަރެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
ސާފްގެ ކުރިން އިންޑިއާއިން ކޮންޓިނެންޓަލް ކަޕް ހޯދައިފި
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
ޗެތުރީގެ ދެލަނޑުން ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ޓިކެޓް ކިޔުގައި ފޫހިފިލުވުމުގެ ގޮތުން ތާސް ކުޅުމުގައި
ޓިކެޓް ވިއްކުމުގައި ކޮރަޕްޝަނެއް ނޯންނާނެ: ބައްސާމް
ދިވެހިންނަށް 3،000 ޓިކެޓް، މީހަކަށް ދެ ޓިކެޓް
ވާދަވެރި ކޯޗުން ބުނަނީ ރާއްޖޭގެ ގޭމް ވަރުގަދަ ކަމަށް
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ