އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި 3-1 އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާ މިރޭ ހޯދައިފި އެވެ.
13 އޮކްޓޯބަރ 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި 3-1 އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާ މިރޭ ހޯދައިފި އެވެ.
ރާއްޖޭގެ ޓީމު މި މެޗަށް ނުކުތީ އެންމެ ފަހުން ލަންކާއާ ދެކޮޅަށް ވެސް ނެރުނު ފުރަތަމަ 11 އާ އެކު އެވެ. އެ މެޗުގެ ކުރީކޮޅު އަނިޔާވެގެން ބޭލި ކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ އަނިޔާއިން ރަނގަޅުވެ، މިރޭގެ މެޗުގައި ކުޅެފަ އެވެ.
ދެ ޓީމުން ވެސް ފުރަތަމަ ހާފު ފެށީ ފަހަތުގައި ބޯޅަ ނުބާއްވަައި ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެންނެވެ. މެޗުގައި ފެނުނު ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. ބްރެންޑޮން ފެނާންޑޭޒްގެ ހިލޭޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޗެތުރީ ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އޭގެ ފަހުން ރާއްޖޭގެ ހުސައިން ނިހާން (ނިހާޓް) އެންމެ ކުރީގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) އަށް އިންޑިއާގެ ޑިފެންސް ލައިން މަތިން ވައްޓާލި ބޯޅަ ހިފައިގެން ގޮސް ފޮނުވާލުމުން ބްލޮކް ކުރީ އިންޑިއާގެ ސުބަސިޝް ބޯސް އެވެ.
އިންޑިއާއިން ފުރަތަމަ ލީޑު ނެގީ މެޗުގެ 33 ވަނަ މިނިޓުގަ އެވެ. ބްރެންޑޮން ޖައްސާލި ބޯޅަ ހިފައިގެން މަންވީރު ސިންގް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފަ އެވެ. މަންވީރު ވަނީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖުގައި ވެސް ރާއްޖެ ކޮޅަށް ލަނޑު ޖަހައިފަ އެވެ.
ރާއްޖޭން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އިންޑިއާގެ ޕްރީތަމް ކޮޓާލް، ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ދަގަނޑޭ އެވެ.
ގިނަ ފައުލްތަކެއް ފެނުނު ފުރަތަމަ ހާފުގައި އިންޑިއާގެ ހަތަރު ޑިފެންޑަރުންގެ ތެރެއިން ތިން ޑިފެންޑަރަކަށް ވަނީ ރީނދޫ ކާޑު ވެސް ދައްކައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ޑިފެންޑަރު ސަމޫހު އަލީ އަށް ވެސް ވަނީ ފުރަތަމަ ހާފުގައި ޗެތުރީއަށް ކުރި ފައުލަކާ ގުޅިގެން ކާޑެއް ދައްކައިފަ އެވެ.
އިންޑިއާ އިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ 62 ވަނަ މިނިޓުގަ އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް މަންވީރު ސިންގް މެއިން ކޮންޓްރޯލް ކޮށްލިއިރު ލިބުނީ އޭރިއާތެރޭގައި ހުހަށް ހުރި ސުނިލް ޗެތުރީ އަށެވެ. އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެތެރެއަށް ވައްދާލައިފަ އެވެ.
ޗެތުރީގެ މި ގޯލާ އެކު، މެޗު ފެށުމުގެ ގަޑިއެއްހާއިރު ކުރިން ގަލޮޅު ދަނޑުގައި ގުގުމަމުން ދިޔަ އެތައް ހާސް ދިވެހި ސަޕޯޓަރުންގެ އަޑު ވެސް ވަގުތުކޮޅަކަށް ހުއްޓުނެވެ.
މި ގޯލަށް ފަހު އޭރިއާ ކުރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި ދަގަނޑޭ ވަނީ އިންޑިއާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލުގެ ކަނާ ދިމާލުން ދިފާއުކޮށް ބޭރުކޮށްލީ އިންޑިއާގެ ކީޕަރު ގުރްޕްރީތް ސިންގެވެ.
އިންޑިއާ އަށް ތިންވަނަ ލަނޑު ވެސް ޖަހައިދިނީ ޗެތުރީ އެވެ. އިންޑިއާއިން އަލުން ލީޑު ނެގިތާ ނުވަ މިނިޓް ފަހުން ޗެތުރީ މި ލަނޑު ޖެހީ ހިލޭ ޖެހުމަކުން ޕްރީތަމް ނަގައިދިން ބޯޅަ ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށް އޮއްސާލައިގެންނެވެ.
މެޗުގެ 80 ވަނަ މިނިޓުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބަދަލު ރެފްރީއާ ޒުވާބުކުރުމުގެ ސަބަބުން އޭނާ އަށް ވަނީ ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ. އަދި ފަހު ވަގުތު ރާއްޖޭގެ ނާއިޒް ހަސަން (ދާދު) އަށް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ ސުބަސިޝް ބޯސް އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މެޗުން ބަލިވެ، ރާއްޖެއަށް މުބާރާތުގެ ފައިނަލުގެ ޖާގަ ގެއްލުނުކަމުގައި ވިޔަސް ދަނޑަށް ވަދެތިބި ރާއްޖޭގެ ސަޕޯޓަރުން ވަނީ ގައުމީ ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދީ، 12 ވަނަ ކުޅުންތެރިޔާގެ ނަމޫނާ ދައްކައިފަ އެވެ.
އިންޑިއާގައި 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ވެސް އިންޑިއާ ވަނީ މި ނަތީޖާއިން ރާއްޖެ ބަލިކޮށްފަ އެވެ. އެ މެޗުގައި ވެސް އިންޑިއާ އިން ފުރަތަމަ ލީޑު ނެގި ފަހުން ރާއްޖޭން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އަދި އިންޑިއާ މޮޅުވީ ސުނިލް ޗެތުރީގެ ދެ ލަނޑުންނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެރޭ 8 ޖަހާއިރު އިންޑިއާ ބައްދަލުކުރާނީ މިއަދު ހަވީރު ބަންގްލަދޭޝްއާ ވާދަކޮށް މެޗު އެއްވަރު ކޮށްލައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ނޭޕާލާ އެވެ.
ލީގު ބުރުގައި ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅުނު އިރު އަށް ޕޮއިންޓާ އެކު އެއް ވަނަ ހޯދީ އެއްވެސް މެޗަކުން ބަލިނުވާ އިންޑިއާ އެވެ. ހަތް ޕޮއިންޓާ އެކު ނޭޕާލް ދެ ވަނަ އަށް ދިޔަ އިރު ރާއްޖެ އަށް ތިން ވަނަ ލިބުނީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ބަންގްލަދޭޝް އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ލަންކާ އަށް ލިބުނީ އެއް ޕޮއިންޓެވެ.
ސާފްގެ ކުރިން އިންޑިއާއިން ކޮންޓިނެންޓަލް ކަޕް ހޯދައިފި
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
2008 ގެ ފައިނަލް: އިންޑިއާ އަށް ހަޖަމު ނުވި ބަލި
ޓިކެޓް ކިޔުގައި ފޫހިފިލުވުމުގެ ގޮތުން ތާސް ކުޅުމުގައި
ޓިކެޓް ވިއްކުމުގައި ކޮރަޕްޝަނެއް ނޯންނާނެ: ބައްސާމް
ދިވެހިންނަށް 3،000 ޓިކެޓް، މީހަކަށް ދެ ޓިކެޓް
ވާދަވެރި ކޯޗުން ބުނަނީ ރާއްޖޭގެ ގޭމް ވަރުގަދަ ކަމަށް
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ