Roadha Mihaaru
އެޗްއާރްސީއެމްއާ ގުޅޭ މައްސަލަ ބަލައެއް ނުގަތް

އެޗްއާރްސީއެމްއާ ގުޅޭ މައްސަލަ މަޖިލީހަށް ބަލައެއް ނުގަތް

13 އޮކްޓޯބަރ 2021

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މަސައްކަތުގެ މާހައުލުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެ އެކަން ބަލައިދޭން އެދި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިނުގެން ބޭރުކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މަސައްކަތުގެ މާހައުލުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެ އެކަން ބަލައިދޭން އެދި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިނުގެން ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ކުރިމަތިވަމުންދާ 84 މައްސަލައެއް، އެ މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށާއި އެ މައްސަލަތައް ފާހަގަކުރުމުން، ކޮމިޝަނުގެ މެމްބަރުންނާއި އެތަނުގެ އިސްވެރިންގެ ބިރުދެއްކުން އިތުރުވެފައިވާ ކަމަށެވެ. ބިރުދެއްކުމާއި ބުލީކުރުން ފަދަ އަމަލުތަކާއި ބައެއް މުވައްޒަފުން ކޮމިޝަން ދޫކޮށް ގޮސްފައިވާ ކަމަށް ވެސް މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

"...ބައެއް މެމްބަރުންނާއި މުވައްޒަފުންނާއި ދެމެދު ޒާތީ މައްސަލަތައް އުފެދި، މިނިވަން މުއައްސަސާއެއްގެ ޒިންމާ އަދާކުރުމަށް ބުރޫ އަރާ ހާލަތަކަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސްްގެ މަސައްކަތްތައް ބޮއްސުންލާފައި ވާތީ، މެމްބަރުންނާއި މުވައްޒަފުންނާއި ދެމެދު ދިމާވެފައިވާ މައްސަލަތައް ބަލައި ތަހުގީގުކޮށް، އެ މުވައްޒަފުންނަަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭ [ގޮވައިލަމެވެ]،" އާދަމް ޝަރީފް ހުށަަހެޅުއްވި މައްސަލަައިގައި ވިދާޅުވި އެވެ.

އެެ މައްސަލަ މަޖިލީހަށް ބަލައިގަތުމާއި މެދު ގޮތެއް ނިންމަން މިއަދު ނެގި ވޯޓްގައި އެ މައްސަލައާ އެއްކޮޅަށް ވޯޓް ދެއްވީ އެންމެ ހަތަރު މެމްބަރެކެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 36 މެމްބަރަކު ވޯޓް ދެއްވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓް ނުދެއްވި، އެމްޑީޕީ މެމްބަރުންނަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް، ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ "19 ވަނަ މަޖިލިސް ތަފާތުވާނެ ކަމަށް" ވިދާޅުވެ ވަޑައިގެންނެވި މެމްބަރުންގެ ފަރާތުން އެ ތަފާތު ނުފެންނަ ކަަމަށެވެ.