Roadha Mihaaru
ރާއްޖޭގައި ހެއްދޭ ތަރުކާރީގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ

ރާއްޖޭގައި އުފެއްދޭ ތަރުކާރީގެ ބާވަތްތައް ބޭރުން ގެންނަ ނަމަ އިމްޕޯޓު ޑިއުޓީ ބޮޑުކުރަނީ

16 އޮކްޓޯބަރ 2021

ރާއްޖޭގެ އާބާދީއަށް ވާ ވަރަށް އުފެއްދޭނެ ކަމަށް ފާހަގަކުރެވޭ ތަރުކާރީގެ ބާވަތްތައް ރާއްޖެއިން ބޭރުން ގެންނަ ނަމަ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި އުފައްދާ ތަކެއްޗަށް މާކެޓުން ޖާގަ ހޯދައިދިނުމަށް ޕްލޭންކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އާބާދީއަށް ވާ ވަރަށް އުފެއްދޭނެ ކަމަށް ފާހަގަކުރެވޭ ތަރުކާރީގެ ބާވަތްތައް ރާއްޖެއިން ބޭރުން ގެންނަ ނަމަ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި އުފައްދާ ތަކެއްޗަށް މާކެޓުން ޖާގަ ހޯދައިދިނުމަށް ޕްލޭންކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ތ. ކަނޑޫދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާއިރު އެކަމަށް މުހިއްމުކަމެއް ދޭންޖެހިފައިވާ ކަމަށެވެ. ކޮވިޑުގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައުމުން، ބޭރުގެ ގައުމުތަކަށް ބަރޯސާވެފައިވާ ގައުމަކަށް ރާއްޖެ ވުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ކަމަށާއި އެ ތަޖުރިބާގެ އަލީގައި ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދުނިޔެ ހުއްޓުމަކުން އައުމުން އެކަމުން ސަލާމަތްވުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުން ކަމަށާއި ރާއްޖޭގައި ކާބޯތަކެތި ރައްކާތެރިކަމަށް ބަލާއިރު، ދަނޑުވެރިންނަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިން ފުޅާދާއިރާއެއްގައި މަސައްކަތްކުރަން ބަލާއިރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ފަސޭހައިން ދިގު މުއްދަތަކަށް ރަށްރަށުން ބިން ނުލިބުމެވެ. ދަނޑުވެރިކަން ފުޅާވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ވުމުން ކައުންސިލްތަކާ ވާހަކަދައްކައިގެން ދަނޑުވެރިންނަށް އެއަށްވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދެ ވަނަ ކަމަކީ، ދަނޑުވެރިން އުފައްދާ ތަކެތި ތާޒާކަމާއެކު ބާޒާރަށް ނެރުމުގައި ހުރި ގޮންޖެހުމެވެ. ބިން ކުޑަ ގައުމެއްގައި ޒަމާނީ ޓެކްނޮލޮޖީއާ ސައިންޓިފިކް މައުލޫމާތުތައް ދަނޑުވެރިންނާ ހަމައަށް ފޯރުކޮށްދިނުމުގައި ވެސް ދަތިތައް ހުރިކަމަށް ރައީސް ވިދާޅުވި އެވެ.

ބިިން ކުޑަ ގައުމުތަކުގައި ދަނޑުވެރިކަން ކުރުމަށް ވާޓިކަލް ފާމިން އަދި ހައިޑްރޯނިކް ފާމިން ތައާރަފްކުރާއިރު، ސިންގަޕޫރުގައި ވެސް 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރާ ތަރުކާރީގެ 30 ޕަސެންޓަކީ އެ ގައުމުގައި އުފައްދާ ތަކެއްޗަށް އުފައްދަން ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބިން ކުޑަ ގައުމަކަށް ވިޔަސް ދިރާސާއަކާއެކު މަސައްކަތްކޮށްފިނަމަ ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދޭނެ ބާވަތްތައް އެބަހުރި ކަމަށެވެ.

އެގޮތުން އުފެއްދޭނެ 17 ބާވަތެއް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ އެ 17 ބާވަތް ރާއްޖޭގައި ބޭނުންވާ ވަރަށް އުފެއްދޭނެ ގޮތަށް މަޝްރޫއު ކުރިއަށްގެންދިއުމެވެ. އަދި އެ ބާވަތްތައް ރާއްޖެ އެތެރެކުރާ މިންވަރު މަދުކޮށް، އެ ފަދަ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި އުފައްދާ ތަކެއްޗަށް މާކެޓުން ޖާގަ ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ވެސް ޕްލޭނެއް ކަމަށް ވިދާޅުވި އެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ތ. ކަނޑޫދުއަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮޮފީސް

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ތ. ކަނޑޫދުއަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮޮފީސް

ރާއްޖޭގެ އުފެއްދުންތެރިކަމަށް ބަލާއިރު ދަނޑުވެރިކަން ހިއްސާކުރަނީ ޖީޑީޕީގެ 1.7 ޕަސެންޓެވެ. އެއީ، މިކަން އޮވެގެން ވާނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށާއި ދަނޑުވެރިކަން އެއަށްވުރެ ފުޅާދާއިރާއެއްގައި ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި މާކެޓު އެބައޮތް. ހައި އެންޑް ރިސޯޓުތަކަށް ބޭނުންވާ ތަރުކާރީއާ މޭވާ އިންތިހާއަށް ގިނަ. މި ހުރިހާ ތަކެއްޗެއް މިހާރު ވެސް މި ގެންނަނީ ރާއްޖެއިން ބޭރުން އެތެރެކުރަމުން. އަޅުގަނޑުމެންނަށް އަމާޒުކޮށްގެން ބައެއް ބާވަތްތަކަށް އަމާޒުކޮށްގެން މިކަން ކުރެވިއްޖެނަމަ ރާއްޖެއަށް ލިބޭ އާމްދަނީގެ ޖީޑީޕީގެ މިއަށްވުރެ ބޮޑު ބައެއް ދަނޑުވެރިކަމުގައި ހިއްސާކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރިސޯޓުތަކުން ބޭނުންވަނީ ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަމެވެ. ހަމަ އެގޮތަށް ދަނޑުވެރިން ވެސް ބޭނުންވަނީ ތާޒާކަމާއެކު ތަކެތި ވިއްކޭނެ ގޮތްތައް ހަމަޖެހިފައި ހުރުން ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން އިދާރަކުރެއްވިއްޔާ މި ދަނީ އެކަންކަމަށް ގޮތްތަކެއް ހަމަޖައްސައިދެމުން،" ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިކަން ފުޅާކުރުމަށް މި ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓުން މިހާރު ވެސް 67 ރަށެއްގައި 516 ދަނޑުވެރިންނާއެކު ކޮންޓްރެކްޓުކޮށްގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ ތަނުން 58 ދަނޑުވެރިންގެ ފަރާތުން ތަކެތި ގަނެ މާކެޓަށް ނެރޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ދަނޑުތަކުގައި ކެމިކަލް އަޅާފައި ހުންނަ ގަސްކާނާ ބޭނުންކުރުމަކީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށާއި ޔަގީންކޮށް ބުނަން ނޭނގުނަސް ބައެއް ބާވަތްތަކުގެ ސަބަބުން ބަލި ފެތުރެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އޯގަނިކް ފާމިންނަށް އިސްކަންދިނުމަށް ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިކަން ފުޅާކުރުމަކީ ލާމަރުކަޒީ ކުރާއިރު ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިގުތިސޯދު ފުޅާކުރަން ކުރެވިދާނެ ކަމެއް ކަމަށާއި ވަޒީފާ އުފެދި، ނަފާ އިތުރުވެގެންދާނެތީ އެކަމަށް އެގްރިކަލްޗާ މިނިސްޓްރީން އިތުރަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.