Roadha Mihaaru
އެޑެލްގެ "30" އަންނަ މަހުގެ 19 ގައި

އެޑެލްގެ "30" އަންނަ މަހުގެ 19 ގައި

17 އޮކްޓޯބަރ 2021

އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ އެޑެލް ހަ އަހަރު ފަހުން ނެރޭ ފުރަތަމަ އަލްބަމް އަންނަ މަހުގެ 19 ގައި ނެރޭނެ ކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ އެޑެލް ހަ އަހަރު ފަހުން ނެރޭ ފުރަތަމަ އަލްބަމް އަންނަ މަހުގެ 19 ގައި ނެރޭނެ ކަން ކަށަވަރުކޮށް ދީފި އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓް ކޮށްފައިވާ ގޮތަށް އަލްބަމްގެ ނަމަކީ "30" ކަން ކަށަވަރު ކޮށްދީ އާ އަލްބަމާ ބެހޭ ގޮތުން ޓްވިޓާގައި 33 އަހަރުގެ ފަންނާނު އާންމުކުރި ބަޔާނެއްގައި ބުނީ އާ އަލްބަމަށް ތައްޔާރުވާން ފެށީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކަމަށާއި އެހާ ދުވަސްކޮށްފައި މުޅި އަލްބަމްގެ މަސައްކަތް ނިންމާފައި ފޭނުންނަށް ދޫކޮށްލެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ.

އަލްބަމް ނެރޭ ތާރީހު އިއުލާން ކޮށްފައި މި ވަނީ މީގެ ލަވަތަކުގެ ތެރެއިން "އީޒީ އޮން މީ" ކިޔާ ލަވައެއް ހުކުރު ދުވަހު ވީޑިއޯއާ އެކު އާންމު ކުރުމަށް ފަހު އެވެ. އެޑެލް އެހާ ދުވަސްކޮށްފައި އަލްބަމެއް ގެނެސްދޭތީ ފޭނުން ތިބީ ވަރަށް އުފަލުންނެވެ. އެގޮތުން އަލްބަމް ރިލީޒްކުރާނެ ތާރީހެއް އިއުލާން ކުރާނެ އިރަކަށް އިންތިޒާރު ކުރެވެމުން ދިޔަ ކަމަށް ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

އަޑެލް ބުނި ގޮތުގައި އަލްބަމް "30" ގައި އޭނާގެ އަލަތު ކައިވެނި ރޫޅުނު ގޮތުގެ ވާހަކަ ވެސް ކިޔައި ދީފައި ހުންނާނެ އެވެ. އަދި އެ ވާހަކަތައް ހާއްސަކޮށްފައި ވަނީ 8 އަހަރުގެ ދަރިފުޅު އެންޖެލޯ އެޑްކިންސް އަށް ކަމަށް ބުންޏެވެ. މީގެ އިތުރުން މަޔަކަށްވުމުގެ ތަޖުރިބާގެ ވާހަކަތައް ބައެއް ލަވަތަކުގައި ކިޔައިދޭނެ އެވެ.

އެޑެލް އެންމެ ފަހުން ނެރުނު އަލްބަމަކީ 2015 ގެ "25" އެވެ.