Roadha Mihaaru
ސަލާހު އެކަންޏެއް ނޫން، ޓީމު ވެސް ތަފާތު: ސިމިއޯނީ

ސަލާހު އެކަންޏެއް ނޫން، ލިވަޕޫލް ވެސް ތަފާތު: ސިމިއޯނީ

19 އޮކްޓޯބަރ 2021

މެޑްރިޑް (އޮކްޓޯބަރު 19) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު ސަމާލު ވާންޖެހޭނީ ހަމައެކަނި ފޯވާޑް މުހައްމަދު ސަލާހާ މެދު ނޫން ކަމަށާއި، ޓީމެއް ގޮތުގައި ވެސް ލިވަޕޫލުން މި ސީޒަނުގައި އަންނަނީ ތަފާތު ކުޅުމެއް ދައްކަމުން ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (އޮކްޓޯބަރު 19) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު ސަމާލު ވާންޖެހޭނީ ހަމައެކަނި ފޯވާޑް މުހައްމަދު ސަލާހާ މެދު ނޫން ކަމަށާއި، ޓީމެއް ގޮތުގައި ވެސް ލިވަޕޫލުން މި ސީޒަނުގައި އަންނަނީ ތަފާތު ކުޅުމެއް ދައްކަމުން ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

ސަލާހު ވަނީ ލިވަޕޫލް އެންމެ ފަހުން މި ސީޒަނުގައި ކުޅުނު އަށް މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. އަދި އެންމެ ފަހުން ލީގުގައި ވަޓްފޯޑު ކޮޅަށް ޖެހި ހިތްގައިމު ސޯލޯ ގޯލާ އެކު، އޭނާއަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ބުނެފަ އެވެ.

"ސަލާހަކީ އާދަޔާ ހިލާފު ކުޅުންތެރިޔެއް. އޭނާ އަންނަނީ މި ފަހުން ލިވަޕޫލަށާއި ގައުމީ ޓީމަށް ވެސް ތަފާތު ލެވެލް އެއްގައި ކުޅެމުން،" ސިމިއޯނީ ބުންޏެވެ

މީގެ އިތުރުން ލިވަޕޫލް މި ސީޒަނުގައި އޮތީ ތަފާތު ފޯމެއްގައި ކަމަށާއި، އެ ޓީމު އަންނަނީ ބަލާލަން ވަރަށް ޝައުގުވެރި ފުޓުބޯޅައެއް ކުޅެމުން ކަމަށް ވެސް ސިމިއޯނީ ވަނީ ބުނެފަ އެވެ.

"ފަހަތުގައި ހުސް ޖާގަތައް ބާއްވައިގެން ވެސް އެ މީހުން (ލިވަޕޫލް) ބިރެއް ނުގަނޭ، ޕްރެސް ކޮށްގެން ހައި ލައިނަކާ އެކު ވަރަށް ހަލުވި ގޭމެއް ކުޅޭ ލިވަޕޫލުން. އަނެއްކާ ވެން ޑައިކް ވެސް ހުރީ ފިޓްކޮށް. މިދިޔަ އަހަރާ ހިލާފަށް އޭނާ އެނބުރި އައުމުން ޓީމުގެ ޑިފެންސް ވެސް އެހާ ވަރުގަ ވެއްޖެ. ލިވަޕޫލް ކަހަލަ އެޓޭކިން ޓީމަކަށް ވަރަށް މުހިއްމު ކަމެއް އެއީ،" ސިމިއޯނީ ބުންޏެވެ.

ލިވަޕޫލުން މިސީޒަނުގައި މިހާތަނަށް މެޗަކުން ބަލިވެފައި ނުވާއިރު، ޗެމްޕިއަންސް ލީގު ގުރޫޕް ބީގެ އެއްވަނައިގައި އެޓީމު އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އެތުލެޓިކޯ މެޑްރިޑް އޮތީ ދެމެޗުން ހޯދި ހަތަރު ޕޮއިންޓާ އެކު ލިވަޕޫލްގެ ފަހަތުން ދެވަނައިގަ އެވެ.

މި ދެ ޓީމު އެންމެ ފަހުން ވާދަކުރީ 2019-2020 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގު ގަދަ 16 ގަ އެވެ. އެފަހަރު ލިވަޕޫލް މުބާރާތުން ކެޓީ ދެ ލެގުން ވެސް އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެގެންނެވެ.

"އަހަރެމެން އެންމެ ފަހުން (އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް) ކުޅުނު ދެ މެޗުން ވެސް ވީ ބަލި. އަހަރެންނަކީ ވަރަށް ޕޮޒިޓިވް މީހެއް، އެކަމަކު ޕޮޒިޓިވް ވެގެން ގޮސް މިފަހަރުގެ މެޗުތައް އޮތީ އަހަރެމެން އަތުގައެކޭ ނުބުނާނަން،" ކްލޮޕް ބުންޏެވެ.

"އެ ޓީމުން ކުޅުންތެރިންނާ ކުޅޭ ސްޓައިލް ވެސް ބަދަލު ކޮށްފި. އަހަރެމެން ކުރިމަތިލާނީ ކުރިޔަށް ވުރެ ތަފާތު ޓީމަކާ، އެމީހުން ބައްޔެއް ނުވާނެ. ބައެއް ކީ ޕްލޭޔަރުން އެބަތިބި އެ ޓީމުގައި ގިނަ ދުވަހު އެކުގައި ކުޅެފައި ތިބި. އެމީހުނަށް އެނގޭނެ މެޗުތަކުން މޮޅުވާން."

ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.