Roadha Mihaaru
ކޮންޓްރެކްޓާމެދު ގޮތެއް ނިންމުންއޮތީ ސަލާހު އަތްމަތީގައި

ކޮންޓްރެކްޓާ މެދު ގޮތެއް ނިންމުން އޮތީ ސަލާހު އަތްމަތީގައި: ކްލޮޕް

12 މާޗް 2022

މާސީސައިޑް (މާޗް 12) - ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށާއި، އާ އެއްބަސްވުމަކާ ހަމައަށް ދިއުން އޮތީ ކުޅުންތެރިޔާގެ އަތްމަތީގައި ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާސީސައިޑް (މާޗް 12) - ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށާއި، އާ އެއްބަސްވުމަކާ ހަމައަށް ދިއުން އޮތީ ކުޅުންތެރިޔާގެ އަތްމަތީގައި ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލާ އެކު ސަލާހު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އުމުރުން 29 އަހަރުގެ ފޯވަޑް މީގެ ކުރިން ބުނެފައި ވަނީ އޭނާ ކުލަބުގައި މަޑުކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އޭނާގެ މުސްތަގުބަލު އޮތީ ލިވަޕޫލުގެ އަތްމަތީގައި ކަމަށާ އަދި އޭނާ އާދަޔާ ހިލާފު ބޮޑު މުސާރައަކަށް ޑިމާންޑް ނުކުރާނެ ކަމަށެވެ.

"މޯ (ސަލާހް) ހަމަ ގައިމުވެސް ބޭނުންވޭ މި ކްލަބަކީ އުއްމީދީ ކްލަބަކަށް ވާން، އަދި އަހަރެމެން މިތިބީ ވަރަށް އުންމީދުގައި. އެއީ މޯގެ ނިންމުމެއް. ކްލަބުން އެކަން ކުރީ އެކަން ކުރެވެން އޮތް ގޮތަކަށް، އެއީ އެކަން އޮތް ގޮތް،" ލީގުގައި ބްރައިޓަންއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ސަލާހާ ބެހޭގޮތުން ކްލޮޕް ބުންޏެވެ.

"ދެން އިތުރަށް އެއްވެސް ކަމެއް ނުހިނގާ، ސޮއެއް ނުކުރޭ، ކުލަބަށް ނޫނެކޭ ވެސް ނުބުނޭ. އެހެންވީމާ، އަހަރެމެން އެކަމަށް އިންތިޒާރު ކުރަން މިޖެހެނީ. އޭގައި ނެތް އެއްވެސް މައްސަލައެއް. މި ހާލަތުގައި އަވަސް އަރުވާލާއިގެން އުޅޭކަށް އަދި ނުވޭ."

ސަލާހުގެ ކޮންޓްރެކްޓާ މެދު ކުލަބުން އޭނާގެ އެޖެންޓާ އެކު އެންމެ ފަހުން މަޝްވަރާތައް ކުރިޔަށް ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭރު ކުލަބުން ދިން ހުށަހެޅުމަށް ސަލާހާއި އޭނާގެ އެޖެންޓް ނޫނެކޭ ބުނެފައިވީ ނަމަވެސް ސަލާހު އަދިވެސް ބޭނުންވަނީ ލިވަޕޫލްގައި މަޑުކުރާށެވެ. ނަމަވެސް ކުރިޔަށް އޮތް 15 މަސް ތެރޭ ލިވަޕޫލަށް ގޮތެއް ނުނިންމިއްޖެ ނަމަ ކުލަބުން އޭނާ ދޫކޮށްލަން ޖެހޭނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

މުސާރައިގެ ގޮތުގައި، މިހާރު ލިވަޕޫލުން ސަލާހަށް ދެނީ ހަފުތާ އަކު 200،000 ޕައުންޑެވެ. އެއީ އެޓީމުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންތާރާ އަށް ވެސް ދޭ މުސާރައާ އެއްވަރު އަދަދެކެވެ. އޭނާއަށް ވުރެ ބޮޑު މުސާރައެއް އެ ކުލަބުގައި ލިބެނީ ޑިފެންޑަރު ވާޖިލް ވެން ޑައިކަށެވެ. އެއީ ހަފްތާއަކު 220،000 ޕައުންޑެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަލާހު ބޭނުންވަނީ ހަފްތާއަކު 400،000 ޕައުންޑު ލިބޭ ކޮންޓްރެކްޓެކެވެ.

ލިވަޕޫލްގެ ފުރަތަމަ މިސްރު ކުޅުންތެރިޔާގެ ގޮތުގައި ސަލާހު އެ ޓީމާ ގުޅުނީ 2017 ވަނަ އަހަރު އިޓަލީގެ ކްލަބް ރޯމާއިންނެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 237 މެޗުގައި 152 ލަނޑު ޖަހައިދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ލިވަޕޫލްގައި އިނގިރޭސި ޕްރިމިއާ ލީގާއި، ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަމާއި އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.