Roadha Mihaaru
"އަހަރެމެންގެ އެއްލައްކަ ހަނގުރާމަވެރިން އެބަތިބި"

އަހަރެމެންގެ 100،000 ހަނގުރާމަވެރިން ތިބިކަން ހަނދާން ކުރާތި: ހިޒްބުﷲ

19 އޮކްޓޯބަރ 2021

ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެކޮޅަށް ލުބްނާންގައި ދާހިލީ ހަނގުރާމައެއް ފެށުމަށް އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް، ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އިންޒާރު ކުރައްވައިފި އެވެ.

ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެކޮޅަށް ލުބްނާންގައި ދާހިލީ ހަނގުރާމައެއް ފެށުމަށް އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް، ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އިންޒާރު ކުރައްވައިފި އެވެ.

އިއްޔެ ދެއްވި ޓީވީ އިންޓަވިއުއެއްގައި ނަސްރުﷲ ވިދާޅުވީ ހިޒްބުﷲގައި ތަމްރީން ލިބިފައިވާ 100،000 ހަނގުރާމަވެރިން އެބަތިބި ކަމަށެވެ. އަދި އެ މީހުން ތިބީ، އަދާވާތްތެރިންގެ ހަރަކާތްތަކަށް ބަލަބަލައި ކަމަށާއި ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ނަސްރުﷲ ވިދާޅުވީ އެއްވެސް ބަޔަކު ލުބްނާންގައި ދާހިލީ ހަނގުރާމައެއް ފެށުމަށް މަގު ފަހިނުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިދިޔަ ހަފުތާގައި ހަމަނުޖެހުންތަކެއް ހިނގީ، ބެއިރޫތު ބަނދަރުގައި މިދިޔަ އަހަރު ކެމިކަލް ގުދަނެއް ގޮވި މައްސަލަ ތަހުގީގުކުރެއްވުމުގައި އިސްކޮށް ހުންނެވި ފަނޑިޔާރު އެ މަގާމުން ދުރުކުރުމަށް ގޮވާލައި، މިދިޔަ ބުރާސްފަތި ދުވަހު ހިޒްބުﷲ ޖަމާއަތުން ބެއިރޫތުގެ ރަށްބޭރު އަވަށެއް ކަމަށްވާ ތަޔޫނާގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ބަޔަކު ބަޑިޖެހުމުގެ ސަބަބުންނެވެ.

އޮކްޓޫބަރު 15، 2021؛ ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ހިޒްބުﷲ ޖަމާއަތުން ބޭއްވި އެއްވުމެއްގެ ތެރެއަށް ބަޔަކު ބަޑިން ހަމަލާ ދިނުމާ ގުޅިގެން މަރުވި މީހުންގެ ޖަނާޒާ ކުރިއަށް ދިޔައިރު، ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ހަތިޔާރު ހިފައިގެން ބައިވެރިވަނީ. --އޭއެފްޕީ

އޮކްޓޫބަރު 15، 2021؛ ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ހިޒްބުﷲ ޖަމާއަތުން ބޭއްވި އެއްވުމެއްގެ ތެރެއަށް ބަޔަކު ބަޑިން ހަމަލާ ދިނުމާ ގުޅިގެން މަރުވި މީހުންގެ ޖަނާޒާ ކުރިއަށް ދިޔައިރު، ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ހަތިޔާރު ހިފައިގެން ބައިވެރިވަނީ. --އޭއެފްޕީ

ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން، ހަމަލާ ދިން މީހުންނާ ދެކޮޅަށް ހިޒްބުﷲ ޖަމާއަތާއި އަމަލް ޖަމާއަތުގެ ހަނގުރާމަވެރިން ވަރުގަދަ ހަމަލާތަކެއް ދިނެވެ. މި ހަމަލާތަކުގައި ހިޒްބުﷲ އާއި އަމަލް ޖަމާއަތުގެ ހަތް ހަނގުރާމަވެރިން ޒަހަމްވެ އިތުރު އެތައް ބަޔަކު ޒަހަމްވި އެވެ.

ނަސްރުﷲ ތުހުމަތު ކުރެއްވި ގޮތުގައި ޝީއީންގެ އެއްވުމުގެ ތެރެއަށް ހަމަލާ ދިނީ ލެބަނީޒް ފޯސަސް ޕާޓީގެ ހަނގުރާމަވެރިންނެވެ. ލެބަނީސް ފޯސަސް ޕާޓީއަކީ، ލުބުނާންގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު (1975-1990) އެ ގައުމުގައި ހަނގުރާމަކުރި ކްރިސްޓިއަން ދީނުގެ ހަނގުރާމަވެރިންގެ ޖަމާއަތެކެވެ. ދާހިލީ ހަނގުރާމަ ނިމުމަށް ފަހު ހަރަކާތްތެރިވަމުން އަންނަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގަ އެވެ.

ނަސްރުﷲ ވިދާޅުވި ގޮތުގައި ލެބަނީސް ފޯސަސް ޕާޓީން މަސައްކަތް ކުރަނީ، އެ ގައުމުގެ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލައި، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކްރިސްޓިއަނުންނަށް ބިރުވެރިކަން ކުރިމަތި ކުރުވުމަށެވެ. ލެބަނީސް ފޯސަސް ޕާޓީން އެހެން ސިޔާސީ ޕާޓީތަކާ އެކުގައި މަޝްވަރާ ކުރަން ދެކޮޅު ހަދާތީ އެކަމަށް ވެސް ނަސްރުﷲ ފާޑުވިދާޅުވި އެވެ.

"ކްރިސްޓިއަނުންނާއި މުސްލިމުންނާ ދެމެދު މަޝްވަރާގެ ދޮރު ހުޅުވައިލަން އެމީހުން ބޭނުމެއް ނޫން. އަދި ދެފަރާތުގެ ދެމެދުގައި މީގެ ކުރިން ހިނގި ކުރިމަތިލުންތައް ހަނދާން ނައްތާލާކަށް ވެސް އެ މީހުން ބޭނުމެއް ނޫން. ކްރިސްޓިއަނުންގެ މުޖްތަމައަށް ލުބުނާންގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ، ލެބަނީސް ފޯސަސް ޕާޓީ،" ނަސްރުﷲ ވިދާޅުވި އެވެ.

އޮކްޓޫބަރު 14، 2021؛ ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ހިޒްބުﷲ ޖަމާއަތުން ބޭއްވި އެއްވުމެއްގެ ތެރެއަށް ބަޔަކު ބަޑިން ހަމަލާ ދިނުމާ ގުޅިގެން، ހިޒްބުﷲގެ ހަނގުރާމަވެރިން ރައްދުގައި ހަމަލާ ދެނީ. --އޭއެފްޕީ

އޮކްޓޫބަރު 14، 2021؛ ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ހިޒްބުﷲ ޖަމާއަތުން ބޭއްވި އެއްވުމެއްގެ ތެރެއަށް ބަޔަކު ބަޑިން ހަމަލާ ދިނުމާ ގުޅިގެން، ހިޒްބުﷲގެ ހަނގުރާމަވެރިން ރައްދުގައި ހަމަލާ ދެނީ. --އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 14 ވީ ބުރާސްފަތި ދުވަހު ހިނގި ބަޑިޖެހުމުގެ ހާދިސާ އަށް ފަހު، ލެބަނީސް ފޯސަސް ޕާޓީން މިހާތަނަށް ދެއްކި ވާހަކަތަކުންނާއި ނެރުނު ބަޔާންތަކުން އޮޅުމެއް ނެތް ގޮތުގައި އެނގެނީ، ހިޒްބުﷲގެ މެންބަރުން ބޭއްވި އެއްވުމުގެ ތެރެއަށް ބަޑިޖެހީ ލެބަނީސް ފޯސަސްގެ ހަނގުރާމަވެރިން ކަމެވެ.

ނަސްރުﷲ ވިދާޅުވި ގޮތުގައި ލުބްނާންގެ ދެކުނުގައި ތިބި އިޒްރޭލް ސިފައިން އެ ސަރަހައްދުން ފޭބި ފަހުން، ލެބަނާންގައި ކްރިސްޓިއަނުން ދިރިއުޅޭ އެއްވެސް ސަރަހައްދަކަށް ހިޒްބުﷲ އާއި އަމަލް ޖަމާއަތުގެ ހަނގުރާވެރިން ވަނުން އޮންނާނީ، ހިޒްބުﷲގެ ފަރާތުން މަނާކޮށްފަ އެވެ.

އޭނާ ވިދާޅުވީ ސީރިޔާގައި ވެސް ކްރިސްޓިއަނުންނަށް އަމާން ވެއްޓެއް ގާއިމުކޮށްދީފައިވަނީ، ސީރިޔާގެ ސިފައިންނާއި ހިޒްބުﷲ ޖަމާއަތާއި އެ ދެ ފަރާތުގެ ބައިވެރިން ކަމަށެވެ.

ލެބަނާންގެ ސިފައިންނާ ބެހޭ ގޮތުން ނަސްރުﷲ ވިދާޅުވީ، ސިފައިންނާ މެދު ހިޒްބުﷲ އިން އެއްވެސް ދެކޮޅުވެރިކަމެއް ނުގެންގުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ "ލެބަނާންގެ އެއްބައިވަންތަކަން އެންމެ މަތީ ދަރަޖައިގައި ކަށަވަރުކޮށްދެނީ ސިފައިންގެ މުއައްސަސާއިން" ކަމަށެވެ.