Roadha Mihaaru
އަންމަޓީ ދޫކޮށްލުމުން ގާޒީއަށް ޕީޖީގެ ބަހުގެ ހަމަލާއެއް

އަންމަޓީ ދޫކޮށްލުމުން އިސްތިއުނާފަށް، ގާޒީއަށް ޕީޖީގެ ބަހުގެ ހަމަލާއެއް

21 އޮކްޓޯބަރ 2021

ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި މައްސަލާގައި ހިޔާނާތުގެ އެތައް ދައުވާއެއް ލިބޭ އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި މައްސަލާގައި ހިޔާނާތުގެ އެތައް ދައުވާއެއް ލިބޭ އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން ނިންމައިފި އެވެ.

ކަފާލާތު ދޭން ނިންމުމުން އެކަން އިސްތިއުނާފުކުރަން ނިންމާފައި ވާއިރު ޕްރޮސެކިއުޓާ ޖެނަރަލް ހުސެން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަންމަޓީގެ މައްސަލަ ކްރިމިނަލް ކޯޓުން ބައްލަވާ ގާޒީއަށް ވެސް ބަހުގެ ހަމަލާއެއް ދެއްވައިފަ އެވެ. ޖިންސީ ކުށުގެ ސީރިއަސް ދައުވާތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މީހަކު ޖާމިނުކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ވެސް ހުއްދަ ދެއްވީ ވެސް އަންމަޓީގެ މައްސަލަ ބައްލަވާ ގާޒީ އެވެ.

ޝަމީމްގެ ޓްވީޓްގައި ވަނީ "ދަށު ކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް" ޖާމިނުކުރެވޭނެ ގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެއްޖެ ކަމަށެވެ. އެ ޓްވީޓްގައި ޝަމީމް ވިދާޅުވީ ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާއިރު ޖާމިނުކުރާނެ ވަކި ގޮތްތަކެއް ގާނޫނުގައި އޮއްވައި އެ ނޫން ގޮތް ގޮތަށް ދަށުކޯޓުން މައްސަލަ ނިންމާފައި އޮތުމުން ހައިކޯޓަށް ދާނެ ކަމަށެވެ.

ޖާމިނުވުމުގެ މަފްހޫމް ފަނޑިޔާރަށް ކިޔައިދެވޭތޯ ދައުލަތުން ތަފާތު ދެ މައްސަލައެއްގައި ލައްކަ މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި މިހާތަނަށް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ޝަމީމްގެ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ޕީޖީ އޮފީހުން ވަނީ އަންމަޓީ ދޫކޮށްލި މައްސަލަ އަންނަ ހަފްތާގައި އިސްތިއުނާފުކުރާނެ ކަމަށް ބުނެފަ އެވެ.

ތަހުގީގަށް ހާޒިރު ނުވެ، "ފިލައިގެން" ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނު އަންމަޓީ އިއްޔެ ދޫކޮށްލާފައި ވަނީ ރަށުން ބޭރަށް ނުދިއުމަށާއި، ކޮންމެ ދުވަހަކު ހެނދުނު 9:30 އަށް ކަރެކްޝަންސަށް ހާޒިރުވުމާއި އަދި ހެކިންނަށް ނުފޫޒު ނުފޯރުވަން އޭނާ އަށް ޝަރުތުކޮށްފަ އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށް ފަހު، ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް އުފުލައި އޭނާ ބަންދުކުރީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެންނެވެ. އެކަމަކު އިއްޔެ އަންމަޓީ ދޫކޮށްލީ އަންހެން ކޮއްކޮއަކާއި ދައްތައެއް ޖާމިނުކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނުނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ޖެހޭތީ އެންމެ ފަހުން ބޭއްވި އަންމަޓީގެ ބަންދު އަޑުއެހުމުގައި އޭނާ އެދިފައި ވަނީ ނުފިލާނެކަން ކަށަވަރު ކުރެވޭ ފިޔަވަޅުތަކެއް އަޅާފައި ދޫކޮށްލާށެވެ. ނަމަވެސް، އޭނާ ފިލާފާނެ ކަމަށް ގަބޫލު ކުރެވޭތީ އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ.

ސީ ލައިފުން ފައިސާ އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް ބަދަލުދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން، ފައިސާގެ ބަދަލުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ކޯޓުން ބޭރުގައި މައްސަލަ ވަނީ ނިންމައިފަ އެވެ.