Roadha Mihaaru
އައްމަޓީގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

އައްމަޓީ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

18 އެޕްރީލް 2022

ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ހުކުމާ ހަމައަށް ހިނގައްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ހުކުމާ ހަމައަށް ހިނގައްޖެ އެވެ.

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އައްމަޓީ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ އިސްތިއުނާފް ކުރުމަށް އޮންނަ 48 ގަޑިއިރުގެ މުއްދަތު ހަމަވެފައިވާތީ އެވެ. ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ ހައި ކޯޓުން މުއްދަތު ގުނި ގޮތް ރަނގަޅު ނޫން ކަމަށް ބުނެ އެވެ.

ދައުލަތުން ބުނާގޮތުން 48 ގަޑިއިރުގެ މުއްދަތު ގުނަން ޖެހޭނީ އެ ނިންމުމެއް ނިންމާ ދުވަސް ނުހިމަނާ މުއްދަތު ގުނައިގެންނެވެ. އެކަމަކު ހައި ކޯޓުން ނިންމީ ބަންދު މުއްދަތު ޖެހުމުގައި 24 ގަޑިއިރު ގުނާ އުސޫލުން އެ ނިންމުމެއް ނިންމާ ދުވަސް ވެސް މުއްދަތު ގުނުމުގައި ހިމެނޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނިގޮތުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ވަގުތު ގުނާނެ ގޮތެއް ނެތް ކަމަށް ހައި ކޯޓުން ބުނި ބުނުން ރަނގަޅެއް ނޫނެވެ. އަދި އެ ގާނޫނުގައި މުއްދަތު ގުނާނެ ގޮތް އެކި ދާއިރާތަކަށް ބަހާލާފައި އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ނިމުމާ ހަމައަށް ކޯޓު އަމުރުތައް އިސްތިއުނާފް ކުރުމުގައި ކުރިން ހައި ކޯޓާއި ސުޕްރީމް ކޯޓުން އަމަލުކުރީ އެގޮތަށް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ އުސޫލުތައް އެއް ފަރާތް ކުރުމަށްފަހު ހައި ކޯޓުން އެގޮތަށް ނިންމީ ބަންދު މުއްދަތު ޖެހުމަށްޓަކައި 24 ގަޑިއިރު ގުނާ ގޮތަށް ބަލައިގެން ކަމަށާއި އެކަމަކު އެއީ މުޅިން ތަފާތު ދެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން އެދުނީ އެ މައްސަލަ ހައި ކޯޓުން އަލުން ބެލުމަށް އެ ކޯޓަށް ތަހުވީލު ކުރުމަށެވެ.

އައްމަޓީގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން

އައްމަޓީގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން

އައްމަޓީގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ ގާނޫނު އޮތްގޮތުން ނަމަ، 48 ގަޑިއިރުގެ މުއްދަތު ގުނަން ޖެހޭނީ ގަޑިއިރާއި މިނެޓް ހިމަނައިގެން ކަމަށެވެ. ބަންދުން ދޫކޮށްލަން ނެރޭ އަމުރުތައް 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފް ކުރަން ޖެހުމަކީ 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް އޮތް އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ވެސް މުއްދަތުގެ ބަދަލުގައި ވަގުތު ބަޔާން ކޮށްފައި އޮތުމުން 48 ގަޑިއިރު ގުނަން ޖެހޭނީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވީ އޮޅުމެއް ނެތް މިންވަރަށް ސާފުކޮށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އެކަން ލިޔެފައި އޮއްވައި ދައުލަތުން އެ ބުނާ ގޮތަށް ގާނޫނު މާނަކުރުމަކީ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ހެދި މަގްސަދާ ޚިލާފަށް ގާނޫނު މާނަ ކުރުން ކަމަށެވެ. އަދި އެ ގާނޫނުގައި ދައުލަތުން އިސްތިއުނާފް ކުރަން ޖެހޭ ވަގުތާއި ތުހުމަތު ކުރެވޭ މީހާގެ ފަރާތުން އިސްތިއުނާފް ކުރަންޖެހޭ މުއްދަތު ތަފާތުކޮށްފައި އޮތީ ވެސް ވަކި މަގްސަދެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ބުނިގޮތުން އައްމަޓީ މީގެކުރިން ދެ ފަހަރަކު ބަންދުން ދޫކޮށްލި މައްސަލަތައް އިސްތިއުނާފް ކުރުމުގައި ވެސް އަމަލުކުރީ ދައުލަތުން ބުނާ ގޮތަށެވެ. އޭރު އެ ދެ މައްސަލަ ހައި ކޯޓުން ބަލައިގަނެ، އައްމަޓީ ބަންދުން ކުރަން އަންގާފައިވެ އެވެ.

ރައްދުގައި ނިހާޔަތު ވިދާޅުވީ ހައި ކޯޓުން ކުރިން މައްސަލަތައް ބަލައިގެންފައި އޮތުމަކީ މިފަހަރު އެ ވާހަކަ ނުދެއްކޭނެ ސަބަބެއް ނޫން ކަމަށެވެ. އޭރު ހައި ކޯޓުން އެ ދެ މައްސަލަ ބެލީ އައްމަޓީގެ އޭރުގެ ވަކީލުން އެކަން ފާހަގަ ނުކޮށް އޮތުމުން އިޖްރާއީ ހުރަހެއް ނެތް ކަމަށް ބަލައިގެން ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.

ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އެ މައްސަލާގައި ޕީޖީ ހުސައިން ޝަމީމް އަމިއްލަ ބްލޮގާއި ޓްވިޓާގައި ފާޑު ވިދާޅުވާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އައްމަޓީގެ ފަރާތުން ސުޕްރީމް ކޯޓުން މިއަދު އެދުނެވެ. އެ އަމުރާ މެދު އެ ކޯޓުން މިއަދު ގޮތެއް ނިންމާނެ އެވެ.