Roadha Mihaaru

ރާއްޖެއަށް 33 އެއާލައިނަކުން މިހާރު ދަތުރުކުރޭ

ޕީކް ސީޒަން ފެށޭ އިރު ރާއްޖެއަށް 33 އެއާލައިނަކުން މިހާރު ދަތުރުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެއަށް 33 އެއާލައިނަކުން މިހާރު ދަތުރުކުރޭ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

23 އޮކްޓޯބަރ 2021

ޕީކް ސީޒަން ފެށޭ އިރު ރާއްޖެއަށް 33 އެއާލައިނަކުން މިހާރު ދަތުރުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފްލައިޓް އަންނަނީ ގަތަރާއި އެމިރޭޓްސް އިންނެވެ. ޕީކް ސީޒަނާ ދިމާކޮށް އަންނަ މަހުން ފެށިގެން އިތުރު އެެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ކުރާނެ ކަމަށް ރިސޯޓުތައް ހިންގާ ފަރާތްތަކުން ލަފާކުރެ އެވެ.

މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް 28 އެއާލައިނަކުން ދަތުރުކުރި އެވެ. ނަމަވެސް ކޮވިޑް ފެތުރެން ފެށުމުން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް މެއި މަހު ރާއްޖެއަށް ހުއްޓާލި އެވެ. އެއަށްފަހު އަނެއްކާވެސް އެއާލައިންތަކުގެ ދަތުރުތައް އިތުރުވީ މިދިޔަ އޮގަސްޓް މަހުން ފެށިގެންނެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 960،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު އެއް މިލިއަން ޓޫރިސްޓުންގެނައުމެވެ. އެ އަމާޒަށް ވާސިލްވާނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.