Roadha Mihaaru
ކޮލިފައިން ފަހު މެޗުގައި 5 ވިކެޓުން ރާއްޖެ ބަލިވެއްޖެ

ކޮލިފައިންގެ ފަހު މެޗުގައި ކުވޭތު އަތުން ފަސް ވިކެޓުން ރާއްޖެ ބަލިވެއްޖެ

28 އޮކްޓޯބަރ 2021

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ކުވޭތާ ދެކޮޅަށް ކުޅެ ފަސް ވިކެޓުން ރާއްޖެ ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ކުވޭތާ ދެކޮޅަށް ކުޅެ ފަސް ވިކެޓުން ރާއްޖެ ބަލިވެއްޖެ އެވެ.

މިއަދުގެ މެޗަށް ނުކުތް އިރު ވެސް ރާއްޖެ ވަނީ ފުރަތަމަ ތިން މެޗުން ބަލިވެ، އަންނަ އަހަރު އޮސްޓްރޭލިއާގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތުގެ ގްލޯބަލް ކޮލިފައިން ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ.

ކުވޭތަށް މެޗުގެ ޓޮސް ދިމާވުމުން ފުރަތަމަ ކުޅެން އެރީ ރާއްޖެ އެވެ. ރާއްޖޭން ވަނީ 20 އޯވަރު ތެރޭ 10 ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދައިފަ އެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 42 ލަނޑު ހެދި އަހުމަދު ހަސަނެވެ. އޭނާ ވަނީ ފަސް ބޯޅަ ހަތަރަކަށް ޖަހައި، ދެ ބޯޅަ ހަޔަކަށް ޖަހައިފަ އެވެ.

ޖަވާބުގައި ކުވޭތުން ކުޅެން އަރައި އެޓީމުން މެޗު ކާމިޔާބުކުރީ ސީދާ 12 އޯވަރުން ފަސް ކުޅުންތެރިން ނުބައިވެގެން 107 ލަނޑު ހަދައިގެންނެވެ. މި އިނިންގްސް ގައި ރާއްޖޭގެ މުހައްމަދު މަހްފޫޒް ދެ ވިކެޓް ނެގިއިރު، ބާކީ ތިން ވިކެޓް ނެގީ އާދަމް ނާސިފް އުމަރާއި އިބްރާހިމް ހުސެއިން އަދި އިބްރާހިމް ރިޒާނެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ ހަތަރު މެޗުގެ ކުޅުން ވެސް ވަނީ ނިމިފަ އެވެ. މިވަގުތު ތާވަލުގެ އެއްވަނައިގައި ކުވޭތު އޮތްއިރު ދެވަނައިގައި އޮތީ ބަހްރޭނެވެ. ތިންވަނައިގައި ގަތަރު އަދި ހަތަރު ވަނައިގައި ސައުދީ އަރަބިއްޔާ އޮތްއިރު، މި ހަތަރު ޓީމު ވެސް ވަނީ ތިން މެޗު ކުޅެ، ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.