Roadha Mihaaru
ކްރިކެޓް ބޯޑުން އަންހެނުންނަށް އިތުރު ފުރުސަތުތަކެއް

ކްރިކެޓް ބޯޑުން އަންހެނުންނަށް އިތުރު ފުރުސަތުތަކެއް

08 މާޗް 2021

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އަންހެނުންނަށް ހާއްސަކޮށްގެން ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އަންހެނުންނަށް ހާއްސަކޮށްގެން ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހަށް ހާއްސަކޮށް ސީބީއެމް އިން މީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް ވަނީ މި އަހަރުގެ ނިޔަލަށް އެ އެސޯސިއޭޝަނުން އަންހެނުންނަށް ހާއްސަކޮށް ކުރާނެ ކަންތައްތަކުގެ އިތުރުން ކުރިއަށް އޮތް މުސްތަގުބަލަށް ވިސްނައި އަންހެނުންގެ ބައިވެރިވުން ކްރިކެޓްގައި ބޮޑުވާނެ ގޮތަށް ކަންތައްތަކެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތުން ކްރިކެޓް ބޯޑުން ވަނީ އެ އެސޯސިއޭޝަންގެ މަސައްކަތް ހިނގަމުން އަންނަ ތިން ރީޖަނުގައި މި އަހަރުގެ ނިޔަލަށް ދެ އަންހެން ކޯޗުންނާއި އަންހެން އަމްޕަޔަރުން ތަމްރީނު ކުރަން ނިންމައިފަ އެވެ. ކްރިކެޓްގެ ހަރަކާތްތައް ހިނގާ ރީޖަންތަކަކީ މާލޭގެ އިތުރުން ޏ. ފުވައްމުލަކާއި ލ. ކުނަހަންދޫ އެވެ.

ކްރިކެޓް ބޯޑްގެ ރައީސް ފައިސަލްގެ މެސެޖް.-- ވީޑީއޯ: ސީބީއެމް/ ފޭސްބުކް

ދެން ކްރިކެޓް ބޯޑުން ނިންމާފައިވަނީ އެސޯސިއޭޝަންގެ މެމްބަރުންގެ އެއްބާރުލުމާ އެކު ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީގެ އިތުރުން އެ އެސޯސިއޭޝަންގެ އެކި ސަބް ކޮމިޓީތަކުގެ ތެރެއިން ކޮންމެ ކޮމިޓީއެއްގައި ވެސް އަންހެން މެމްބަރެއް ހިމެނުމެވެ.

ކްރިކެޓް ބޯޑުގެ ކުރީގެ ރައީސް މުހައްމަދު އަފްލާހް (އަފޫ)ގެ ދައުރުގައި އަންހެން ކްރިކެޓް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެ ގޮތުން ޒުވާން ގިނަ އަންހެން ކްރިކެޓް ކުޅުންތެރިން އުފެއްދުމުުގެ ޕްރޮގްރާމްތަކެއް ހިންގައި ރާއްޖޭގެ ފެންވަރުގައި މުބާރާތްތަކެއް ބާއްވާފައިވެ އެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކަށް ވެސް އަންހެން ކްރިކެޓް ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަކީ ރާއްޖޭގެ އަންހެން ކްރިކެޓް ޓީމު ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކްރިކެޓް ބޯޑުގެ އިންތިހާބު ކާމިޔާބު ކުރެއްވި ފައިސަލް ވަނީ އެ އެސޯސިއޭޝަން ހިންގުމުގައި އާ ޕްލޭންތަކެއް ހަދައި ގިނަ ކަންކަން ބަދަލުކުރުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ. އެ ގޮތުން އަންހެން ކްރިކެޓް ކުރިއަރުވަން ހާއްސަ އަހައްމިއްޔަތެއް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.