Roadha Mihaaru
ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ" އަށް

ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ" އަށް، ސޯޝަލް ނެޓްވޯކަކީ އަދިވެސް "ފޭސްބުކް"

29 އޮކްޓޯބަރ 2021

އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް ނެޓްވޯކް ކަމަށްވާ ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކޮށް ރިބްރޭންޑްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް ނެޓްވޯކް ކަމަށްވާ ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކޮށް ރިބްރޭންޑްކޮށްފި އެވެ.

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އިއުލާނުކުރެއްވި ގޮތުގައި ނަން ބަދަލުވީ ހަމައެކަނި ކުންފުނީގެ އެވެ. ފޭސްބުކް އޮންނާނީ އަދިވެސް ހަމަ އެ ނަމުގަ އެވެ. "މެޓަ" ގެ ނަން ކުންފުންޏަށް ދީ މީގެ ކުރިން ފޭސްބުކްގެ ދަށުން ހިންގަމުން އައި ހުރިހާ ހިދުމަތްތަކެއް މެޓަ ގެ ދަށަށް ބަދަލުކުރާނެ އެވެ.

ޒަކަބާގް ވިދާޅުވި ގޮތުގައި މިއީ ފޭސްބުކުން ތަރައްގީކުރަމުން އަންނަ ވާޗުއަލް ވޯލްޑާ ގުޅުވާލުމަށް ކުންފުނީގެ ނަމަށް ގެނައި ބަދަލެކެވެ. އެކަމަކު ފާޑުކިޔާ މީހުން ބުނަނީ މިއީ ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ސީރިއަސް ބޮޑެތި ތުހުމަތުތަކުން ރެކެންވެގެން ޒަކަބާގް ކުރި ކަމެކެވެ.

"ފޭސްބުކް" އަށް ވާނީ ކިހިނެއް؟

ސޯޝަލް ނެޓްވޯކް ފޭސްބުކް ހަމަ އެ ނަމުގައި އޮންނާނެ އެވެ. "މެޓަ" ގެ ނަން ދިނީ ކުންފުންޏަށެވެ. އަދި ކުންފުންޏަށް ވަނީ އާ ލޯގޯއެއް ވެސް ހަދައިފަ އެވެ.

"ނަމަށް އައި ބަދަލާ އެކު ކުންފުނީގެ އެޕްތަކާއި ޓެކްނޮލޮޖީ އެއް ބްރޭންޑް ނަމެއްގެ ދަށަށް ބަދަލުވާނެ" ކަމަށް މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ފޭސްބުކް 2004 ވަނަ އަހަރު ލޯންޗްކުރި ފަހުން އިންސްޓަގްރާމާއި ވަޓްސްއެޕް ފަދަ އެތައް އެޕެއް ވަނީ ގަނެ އަމިއްލަކޮށްފަ އެވެ. އަދި އަމިއްލަ ޓެކްނޮލޮޖީ ވެސް އަންނަނީ ތަރައްގީކުރަމުންނެވެ. މީގެ ތެރޭގައި ޑިޖިޓަލް ވޮލެޓް "ނޮވި" ވީޑިއޯ ކޯލަށް ހާއްސަ ޑިވައިސްތަކާއި ވާޗުއަލް ރިއަލިޓީ ސިސްޓަމް އޮކިއުލަސް ހިމެނެ އެވެ.

"މެޓަ" އަކީ ކޯއްޗެއް؟

ކުންފުނީގެ ނަމަކަށް ދިން "މެޓަ" ގުޅެނީ އުފައްދަމުން އަންނަ "މެޓަވާސް" އެވެ. މެޓަވާސް އަކީ ވާޗުއަލް ދުނިޔެއެކެވެ. މި ހިޔާލީ ދުނިޔޭގައި މީހުންނާއި އެކި އެއްޗިއްސާ ބައްދަލު ވެސް ވެވޭނެ އެވެ.

ޒަކަބާގް ވިދާޅުވި ގޮތުގައި މެޓަވާސް އަކީ އެއްބަޔަކު އަނެއްބަޔަކާ ދިމާވެ އުފެއްދުންތެރި މަސައްކަތްތައް ކުރެވޭނެ ތަނަކަށް ވާނެ އެވެ. އަދި ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ތެރޭ އޭގެ އާބާދީ ބިލިއަނަކަށް އަރާނެ ކަމަށް ވެސް އޭނާ އަންދާޒާކުރެއްވި އެވެ.

"އެކަމަކު މިއީ މިއިން ޒަމާނަކު ވެސް އަހަރެމެންނަށް މާލީ ފައިދާއެއް ވާނެ ކަމަށް ކުރާ އިންވެސްޓްމަންޓެއް ނޫން،" ޒަކަބާގް ވިދާޅުވެފައިވެ އެވެ.

އެކަމަކު އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ހިދުމަތް އެންމެ ފަހުން މޮބައިލް އިންޓަނެޓްގެ ބަދަލުގައި ބޭނުންކުރާނެ ދުވަހެއް ވެސް އަންނާނެ އެވެ.

"މެޓަ" އަކީ އިނގިރޭސި ބަހުން ލިޔާއިރު ބައެއް ބަސްބަހުގެ ކުރިއަށް އިތުކުރާ "ޕްރިފިކްސް" އެކެވެ. އެއިން ބަހުގެ މާނަ ފުޅާކޮށްލަ އެވެ. އާންމުކޮށް "މެޓަ" އިން މާނަކޮށްދެނީ އިތުރުވުން ނުވަތަ މަތީ ލެވަލްއެކެވެ. އަދި އެއްޗެއްގެ ބޮޑު ބަދަލަކަށް ވެސް މި ބޭނުންކުރެވިދާނެ އެވެ.