Roadha Mihaaru
"ޓޮއިލެޓް" ހެދި ޑައިރެކްޓަރު ބައޮޕިކެއް ހަދަނީ

އަކްޝޭގެ "ޓޮއިލެޓް" ހެދި ޑައިރެކްޓަރު ބައޮޕިކެއް ފިލްމެއް ހަދަނީ

31 އޮކްޓޯބަރ 2021

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އަކްޝޭ ކުމާރުގެ ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ޚާތާ" ގެނެސްދިން ޑައިރެކްޓަރު ޝްރީ ނާރާޔަން ސިންގް، އިންޑިއާގެ ތާރީހީ ޝަހުސިއްޔަތެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އަކްޝޭ ކުމާރުގެ ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ޚާތާ" ގެނެސްދިން ޑައިރެކްޓަރު ޝްރީ ނާރާޔަން ސިންގް، އިންޑިއާގެ ތާރީހީ ޝަހުސިއްޔަތެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

ނަމާއި ކާސްޓް އަދި އިއުލާން ނުކުރާ މި ފިލްމަކީ 11 ވަނަ ގަރުނުގައި އިންޑިއާގައި ރަސްކަންކުރި ޗޯހާން ދަރިކޮޅުގެ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ޝޭރު ސިންގް ރާނާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ދުވަސްވަރަކީ ވަރުގަދަ ހަނގުރާމަވެރި ރަސްކަލެއްގެ ގޮތުގައި ފާހަގަކުރެވުނު ޕްރިތުވީރާޖް ޗޯހަންގެ ރަސްކަމުގެ ޒަމާން ވެސް މެ އެވެ.

ޕްރިތުވީރާޖްގެ ވާހަކަ ކިޔައިދޭ ފިލްމެއް އަންނަ އަހަރުގެ ޖެނުއަރީ 21 ގައި އަކްޝޭއާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭނެ އެވެ. ދެހާސް އަށާރައިގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުކުރާ އެ ފިލްމަކީ ޑރ. ޗަންދުރަޕްރަކާޝް ދިވެދީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ޝޭރު ސިންގް ރާނާގެ ވާހަކަ ކިޔައިދޭ ފިލްމާ ބެހޭ ގޮތުން ނާރާޔަން ބުނީ އެ ފިލްމު ހަދަން ނިންމީ އޭނާގެ ވާހަކަ ކިޔާފައި އެއަށް ދެވުނު ޝައުުވެރިކަން ބޮޑުކަމުން ކަމަށެވެ. އަދި އެއީ އިންޑިއާގެ ތާރީހުގެ ތެރެއިން ވަރަށް މުހިއްމު ސޮފުހާއަކަށްވާތީ މިހާރުގެ ޖީލަށް އެ ވާހަކަ ކޮންމެހެން ވެސް ކިޔައިދޭން ޖެހޭ ކަމަށް ބުންޏެވެ. ނާރާޔަން ބުނީ ރާނާގެ ވާހަކަ އަށް ވަރަށް ފުރިހަމަ އަށް ފިލްމުގައި އިންސާފުކޮށްދޭން މަސައްކަތްކުރާނެ ކަމަށެވެ.

ފިލްމުގެ ޝޫޓިން އަންނަ އަހަރު ފަށަން ނިންމާފައިވާ އިރު މީގެ ކާސްޓް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ވިނޯދު ބަނުޝާލީގެ ބަނުޝާލީ ސްޓޫޑިއޯސް ލިމިޓެޑާއި މަޓަރުގަސްޓީ ފިލްމްސް ގުޅިގެންނެވެ.

އިންޑިއާގެ އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ ރަަށްފުށުގެ ސަރަހައްދުތަކުގައި ފާހާނާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ މައްސަލައިގެ ސަބަބުން ދިމާވާ ހާދިސާތަކެއް ކިޔައިދިން 2017 ގެ "ޓޮއިލެޓް" އަށް ފަހު، ނާރާޔަން ގެނެސްދިން ފިލްމަކީ ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް 2018 ގައި ހެދި "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ. ފިލްމުގެ ތަރިންނަކީ ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރްގެ އިތުރުން ޔާމީ ގޯތަމެވެ.