Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

16 ޖޫން 2021

ކުރިން މިދިޔަ މަހުގެ 28 ގައި ރިލީޒްކުރަން އޮއްވައި އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން ރިލީޒްކުރުން ފަސްކުރި އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" އަންނަ މަހުގެ 27 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން މިދިޔަ މަހުގެ 28 ގައި ރިލީޒްކުރަން އޮއްވައި އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން ރިލީޒްކުރުން ފަސްކުރި އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" އަންނަ މަހުގެ 27 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އެ ފިލްމު ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމި ކަމަށް އެރި އަޑުތައް ދޮގުކޮށްފައި ވަނިކޮށް، އަކްޝޭ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ ޖުލައި 27 ގައި ފިލްމު ސިނަމާތަކަށް ގެންނާނެކަން ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތުގައި ޝޫޓްކުރި "ބެލް ބޮޓަމް" އަކީ 1980 ގެ ވާހަކައެއް ކިޔައިދޭ ސްޕައި ތުރިލާއެކެވެ. ރަންޖީތު ތިވާރީ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ވާނީ ކަޕޫރް، ލާރާ ދައްތާ، ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ހިމެނެ އެވެ.

"ބެލް ބޮޓަމް" ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު، މިދިޔަ އަހަރުން ފެށިގެން އަކްޝޭގެ "ސޫރިޔަވަންޝީ" އަކީ ވެސް ރިލީޒްނުކުރެވި އޮތް ފިލްމެކެވެ.

ރިލީޒްކުރަން ހުރި އޭނާ އިތުރު ފިލްމުތަކުގެ ތެރޭގައި "އަތުރަންގީ ރޭ" އާއި "ޕްރިތުވީރާޖް" ވެސް ހިމެނެ އެވެ.

ޝާހިދާ އެކު ޓްރިޕްތީ

ޝާހިދު ކަޕޫރާ އެކު ޑައިރެކްޓަރު ސުޖޯއި ގޯޝް ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ބަތަލާގެ ރޯލަށް ޓްރިޕްތީ ދިމްރީ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ލައިލާ މަޖްނޫ" އާއި "ޕޯސްޓަރު ބޯއި" އަދި "ބުލްބުލް" ފަދަ ފިލްމުތަކުން ފެނިފައިވާ އުންމީދީ ބަތަލާ އަށް މިހާރު ގިނަ ހުށަހެޅުންތައް ލިބެމުން އަންނަ އިރު، ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާންގެ އަލަތު ފިލްމު "ޤަލާ" ގެ ބަތަލާ އަކީ ވެސް ޓްރިޕްތީ އެވެ. އަދި ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ ރޯލެއް ވެސް އޭނާ އަށް ހުށަހަޅާފައިވެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ސުޖޯއިގެ ފިލްމުގެ ޝޫޓިން ފަށާނީ ސެޕްޓެމްބަރުގައި ކަމަށެވެ. އެކަމަކު މީގެ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ސުޖޯއިގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބަދުލާ" އެވެ.

އަމީތާބް އަލުން ޝޫޓިންތަކަށް

އިންޑިއާގައި ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން ފެށުމާ އެކު، މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ވެސް އަލުން މަސައްކަތްތައް ފަށައިފި އެވެ.

މާސްކެއް އަޅައިގެން ނަގާފައިވާ ފޮޓޯއަކާ އެކު 78 އަހަރުގެ އެކްޓަރު އިންސްޓަގްރާމްގައި ބުނީ ލޮކްޑައުން 2.0 އަށް ފަހު ހެނދުނު ހެނދުނާ މަސައްކަތަށް ނުކުންނަން ފެށީ ކަމަށެވެ. އެކަމަކު ފުރަތަމަ ޝޫޓިން ފެށީ ކޮން ޕްރޮޖެކްޓެއްގެ ކަމެއް ނޭނގެ އެވެ. މަސައްކަތްތައް މެދުކަނޑާލަން ޖެހުނު އިރު އަމީތާބް ގެންދިޔައީ އަޖޭ ދޭވްގަންގެ "މޭޑޭ" އާއި ވިކާސް ބާލްގެ "ގުޑްބާއި" ޝޫޓްކުރަމުންނެވެ.

ސޮނީ ޓީވީގެ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) ސީޒަން 13 އަކީ ވެސް ވަރަށް އަވަހަށް ދައްކަން ފަށާނެ އަމީތާބްގެ ޝޯއެކެވެ.

ރިލީޒްކުރަން ހުރި އޭނާގެ ފިލްމުތަކުގެ ތެރޭގައި "ޗެހެރޭ" އާއި "ޖުންދު" ހިމެނެ އެވެ.

"ބޭޅިޔާ" ދެވަނަ ޝެޑިއުކް މުމްބާއީގައި

މި އަހަރުގެ ކުރީކޮޅު އަރުނަޗަލް ޕްރަދޭޝްގައި ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިލި ވަރުން ދަވަނާއި ކްރިތީ ސެނަންގެ "ބޭޅިޔާ" ގެ ދެވަނަ ޝޫޓިން ޝެޑިއުލް މި މަހުގެ 26 ގައި މުމްބާއީގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ފިލްމުފެއާ އިން ބުނީ އަށް ވަރަކަށް ދުވަހުގެ ޝޫޓިން ބާކީ އޮތް އިރު، އެކަމަށް ހާއްސަކޮށްގެން ސެޓެއް ވެސް ހަދާފައިވެ އެވެ. "އިސްތިރީ" ގެނެސްދިން އަމަރް ކޯޝިކް ޑައިރެކްޓްކުރާ "ބޭޅިޔާ" އަކީ މޯންސްޓާ ކޮމެޑީއެކެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ކާސްޓްގައި ދީޕަކް ދޮބްރިޔާލާއި އަބީޝެކް ބެނަޖީ ވެސް ހިމެނެ އެވެ.

އަމަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބާލާ" އެވެ.