Roadha Mihaaru
ސަލްމާންގެ ޑޮކިއުމަންޓްރީ ނެރޭޓްކޮށްދޭނީ އާލިއާ

ސަލްމާންގެ ޑޮކިއުމަންޓްރީ ސީރީޒް ހުށަހަޅައިދޭނީ އާލިއާ

31 އޮކްޓޯބަރ 2021

މިހާރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ސަލްމާން ޚާންގެ ޑޮކިއުމަންޓްރީ ސީރީޒް "ބިޔޯންޑް ދަ ސްޓާ: ސަލްމާން ޚާން" ހުށަހަޅައި ދިނުމުގައި ބަތަލާ އާލިއާ ބަޓް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ސަލްމާން ޚާންގެ ޑޮކިއުމަންޓްރީ ސީރީޒް "ބިޔޯންޑް ދަ ސްޓާ: ސަލްމާން ޚާން" ހުށަހަޅައި ދިނުމުގައި ބަތަލާ އާލިއާ ބަޓް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ހަދާ ޓީމުން ރަސްމީކޮށް ޑޮކިއު-ސީރީޒްއާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ، އެކަމަކު އެ ޓީމްގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އެ ހުށަހަޅައިދޭން އާލިއާ ބައިވެރިކުރާ ގޮތަށް ނިންމީ އޭނާ އަކީ ހިންދީ ސިނަމާގެ މި ޖީލުގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް ބަތަލާއަށް ވެފައި، ވަރަށް ގިނަ ޒުވާނުން މިހާރު އިންސްޕިރޭޝަނަކަށް އާލިއާ ދެކޭތީ އެވެ.

ސަލްމާންގެ ޑޮކިއުމަންޓްރީގައި ހިއްސާވާން ހުނަރުވެރި ބަތަލާ އަށް ފުރުސަތު ފަހިވެފައިވާ އިރު، ސަލްމާނާ އެކީ ފިލްމެއް ކުޅެން ވެސް އާލިއާ އަށް ލިބުނެވެ. އެއީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2019 ގައި އިއުލާންކުރި އަސަރު ގަދަ ލޯބީގެ ފިލްމު "އިންޝާﷲ" އެވެ.

އެކަމަކު އޭގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވެފައި ވަނިކޮށް ސަލްމާން ވަނީ އެ ފިލްމް ދޫކޮށްލައިފަ އެވެ. އެއާ އެކު "އިންޝާﷲ" ހެދުން ހުއްޓާލައި ބަންސާލީ ހަދަން ނިންމި ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީގައި އާލިއާއާ އެކު ގެނެސްދޭން ހަމަޖެހިފައިވާ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 55 އަހަރުގެ ސަލްމާން "އިންޝާﷲ" ދޫކޮށްލީ 28 އަހަރުގެ އާލިއާއާ އެކު ލޯބީގެ ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހޭކަން އެނގުމުން، އެކަމާ ގަޔާނުވެގެންނެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ މިހާރު 33 އަހަރުވީ ސަލްމާންގެ ކެރިއަރުގެ ވާހަކަ ކިޔައިދޭން ހަދާ "ބިޔޯންޑް ދަ ސްޓާ: ސަލްމާން ޚާން" އަކީ އޭނާގެ ފިލްމު ކުންފުނި އެސްކޭއެފާއި އެޕްލޯޒް އެންޓަޓައިންމަންޓްގެ އިތުރުން ވިޒް ފިލްމްސް ގުޅިގެން ހަދާ އެއްޗެކެވެ.

މީގައި ސަލްމާނާ އެކު ފިލްމުތައް ހެދި ޑައިރެކްޓަރުންގެ ތެރެއިން ބަންސާލީ އާއި ސޫރަޖް ބަރްޖަތިއާ އަދި ކަރަން ޖޯހަރް ފަދަ މީހުން ސަލްމާނާ ބެހޭ ގޮތުން ވާހަކަ ދައްކާނެ އެވެ. "ބިޔޯންޑް ދަ ސްޓާ: ސަލްމާން ޚާން" ބެލުންތެރިންނަށް ގެނެސްދޭނެ އިރަކާއި ގެނެސްދޭނެ ޕްލެޓްފޯމެއް އަދި ސާފެއް ނުވެ އެވެ.