Roadha Mihaaru
ބޮލީވުޑްގެ ނުފޫޒުގަދަ މީހުންނާ ދެކޮޅަށް ޕެޓިޝަނެއް

ބޮލީވުޑްގެ ނުފޫޒުގަދަ މީހުންނާ ދެކޮޅަށް ޕެޓިޝަނެއް

18 ޖޫން 2020

ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންނާއި އެ މީހުންގެ ޕްރޮޑަކްޝަން ހައުސްތަކުގެ އުފެއްދުންތަކާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންނާއި އެ މީހުންގެ ޕްރޮޑަކްޝަން ހައުސްތަކުގެ އުފެއްދުންތަކާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ފޭނުންތަކެއް އިސްކޮށް ތިބެގެން ކުރިއަށް ގެންދާ ޕެޓިޝަނުގައި ބުނެފައި ވަނީ ބޮލީވުޑަކީ ހުނަރަށް ބެލުމަށް ނެތި، ރައްޓެހިންނާއި އާއިލާ މީހުންނާއި އެ ނޫން ގޮތްގޮތުން ވެސް އެފަދަ މީސްމީހުންނާ ގުޅިފައިވާ މީހުންނަށް ފުރުސަތުދޭ، ނެޕޮޓިޒަމްގެ ހާއްޔެއް ކަމަށެވެ. އަދި ސުޝާންތު ފަދަ ހުނަވެރިން އެކްޓަރުން ހިތްދަތި ގޮތަކަށް ދުނިޔެ ދޫކޮށްފައި ވަނީ ފިލްމު އިންޑަސްޓްރީގެ ތެރޭގައި ހުރި މިފަދަ ބޮޑެތި މައްސަލަތަކާ ހެދި ކަމަށް ބުނެފައިވެ އެވެ.

އެހެންވެ ޕެޓިޝަނުގައި ވަނީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާއި ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޝާހްރުކް ޚާންފެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ސަންޖޭ ލީލާ ބަންސާލީ އާއި ސަލްމާން ޚާން ފަދަ ފަންނާނުންގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައިފަ އެވެ. ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި ބޮލީވުޑްގައި ކުރިއަށް ދެވޭ ކަމަށް ވަނީ އެއިން އެއްވެސް "ގޭންގަކާ" ގުޅުން ހުރި ނަމަ އެވެ.

އެކަމަކު ފުރުސަތު ލިބެންވާނީ ވަކި މީހަކަށްވެގެން ނޫން ކަމަށާއި ފުރުސަތުތަކަކީ ކޮންމެ އިންޑަސްޓްރީއަކަށް ވިޔަސް، އެ މީހެއްގެ ހުނަރާއި ގާބިލިއްޔަތަށް ބަލާފައި ލިބެންވާނެ ހައްގެއް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ. އަދި ޕެޓިޝަނުގައި ވަނީ "ބުލީކުރުން ހުއްޓާލައި ފަންނާނުންނަށް އެހީވާން" ގޮވާލައިފަ އެވެ.

ޗޭންޖް.އޯގްގައި ކުރިއަށް ގެންދާ ޕެޓިޝަނުގައި މިހާތަނަށް 884،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. ޓާގެޓަކީ އެއް މިލިއަން ސޮއި ހަމަކުރުމެވެ. އެ ޕެޓިޝަނުގައި ސުޝާންތަށް ދިމާވ ކަމަށް ބުނާ އެކި ވާހަކަތައް ވެސް ހިމަނާފައިވެ އެވެ.

ސުޝާންތު އަމިއްލަ އަށް މަރުވުމުގައި ޑިޕްރެޝަން ވެސް ބޮޑު މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ބުނެފައިވާ އިރު، އެ މަރަކީ މުޅީ ފިލްމު އިންޑަސްޓްރީ ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ފިލްމީ ދާއިރާގެ ނުފޫޒު ގަދަ އެތައް ބަޔަކާ ދިމާއަށް އިނގިލި ދިއްކުރަމުންނެވެ. އަދި ފިލްމީ ދާއިރާގެ މީހުން ސުޝާންތަށް އެހީ ބޭނުންވި ވަގުތު އެހީވި ނަމަ އެ މަރަކީ ފެނުން ވަރަށް ދުރު މަރެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އަބަދު ވެސް ބޮލީވުޑަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ ހުނަރުވެރި ފަންނާނުންނަށް ފުރުސަތު ނުދީ އާއިލީ މީހުންނާއި ރައްޓެހިން ކުރިއަރުއަރުވަން މަސައްކަތްކުރާ އިންޑަސްޓްރީއެއް ކަމަށް ބުނުމެވެ. މިކަމާ ސީދާ ބައެއް ފިލްމީ ތަރިން ވެސް ވާހަކަ ދައްކައި، ފާޑު ކިޔައި ހަދައިފަ އެވެ. އޭގެ ތެރޭގައި ފިލްމީ އެއްވެސް ކަމަކާ ގުޅުން ނެތި އެ ދާއިރާ އަށް ނުކުމެ ކާމިޔާބު ހޯދި ތަރިންގެ ތެރޭގައި ހިމެނޭ ބަތަލާ ކަންގަނާ ފަދަ ތަރިން ހިމެނެ އެވެ.

މުޅި ބޮލީވުޑަށް ބޮޑު ޝޮކެއް ލިބުނު ސުޝާންތުގެ މަރާ އެކު އެ އިންޑަސްޓްރީގެ ތެރޭގައި މިހާރު ވަނީ މެންޓަލް ހެލްތާއި ނެޕޮޓިޒަމްގެ ވާހަކަ ވަރަށް ބޮޑަށް ގަދަވެ، އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ސުޝާންތަކީ ފިލްމީ އާއިލާއަކަށް ނިސްބަތް ނުވެ، ފިލްމީ ދާއިރާ އަށް ނުކުމެ މަގުބޫލުކަން ހޯދި މަދު ފަންނާނުންގެ ތެރެއިން އެކެކެވެ.