Roadha Mihaaru
ހަތަރު ރަށެއް ހިއްކައި، ޓޫރިޒަމަށް ބިން ވިއްކަނީ

ހަތަރު ރަށެއް ހިއްކައި، ޓޫރިޒަމަށް ބިން ވިއްކަނީ

31 އޮކްޓޯބަރ 2021

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަތަރު ރަށެއް ހިއްކައިގެން އެ ތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަތަރު ރަށެއް ހިއްކައިގެން އެ ތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ނިންމައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅި 37 ބިލިއަން ރުފިޔާ ބަޖެޓުގައިވާ ގޮތުން، ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަށްތައް ދޫކުރުމަށް ރާވައިފައި ވަނީ މޯލްޑިވްސް ފަންޑްސް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރިކޮށެވެ. މި ރަށްތައް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުން، ދައުލަތުގެ އާމްދަނީ އިތުރު ވާނީ މި ވިޔަފާރިން އެމްއެފްއެމްސީ އަށް ވާ ފައިދާ އިން ދައުލަތަށް ދޭ ޑިވިޑެންޑުގެ އަދަދަށް ރިއާޔަތް ކޮށެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރުމަށް އެ ކުންފުނިން ކުރަންޖެހޭ ހަރަދުތައް ދައުލަތުގެ ބަޖެޓަށް ބުރަނުވާނޭހެން ހިފެހެއްޓުމަށާއި މި މަސައްކަތުން ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، މި ވިޔަފާރި ހިންގުމުން އަންނަ އަހަރު އިންޓެރިމް ޑިވިޑެންޑް ޑިކްލެއާ ކުރުމަށް ރާވާފައި ވެ އެވެ. މިގޮތަށް ޑިވިޑެންޑްގެ ގޮތުގައި 231 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާ ކޮށްފަ އެވެ.

ދައުލަތުން ހިއްކައިފައިވާ ބިމަށް ކޮށްފައިވާ ހަރަދުގެ ބައެއް ދައުލަތަށް އަނބުރާ ހޯދުމުގެ ގޮތުން، އެ ފަދަ ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދަން ވެސްބަޖެޓުގައި ހިމަނާފައި ވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަނީ. ސަރުކާރުގެ 11 ކުުންފުންޏެއް އުވައިލުމުގެ މަސައްކަތް ވަނީ ފަށާފައި.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަނީ. ސަރުކާރުގެ 11 ކުުންފުންޏެއް އުވައިލުމުގެ މަސައްކަތް ވަނީ ފަށާފައި.

އަންނަ އަހަރު އާމްދަނީ ހޯދުމަށް ހިމަނާފައިވާ އާ ކަންތައްތުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބިން ވިއްކައިގެންނެވެ. އެކަމުން 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި ގޮތަށް އާމްދަނީ ހޯދަން ނިންމީ ރައްޔިތުން ދައުލަތަށް ދައްކާފައިވާ ޓެކްސް ފައިސާ އިން ކޮށްފައިވާ ހޭދައަކަށް ވުމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މި ހޭދައިގެ ފައިދާ ހޯދައިދިނުމަށް ކަމަށެވެ. އެކި ރަށްރަށުގެ ބިންތަކުގެ އަގު މަތިކުރުމަށާއި ބިމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި މިއީ މުހިއްމު ސިޔާސަތެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އާމްދަނީ ހޯދުމުގެ އިތުރުން ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް 12 ރަށެއް ހުޅުވައިލައި އޭގެ ކޮންމެ ރަށަކުން އެކުއިޒިޝަން ފީގެ ގޮތުގައި ހަތް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ. އަންނަ އަހަރު ހުޅުވާލަ ގިނަ ރަށްތަކަކީ ކުދި އަދި އިންވެސްޓްކުރުމަށް ޑިމާންޑް ދަށްކަމަށް ފެންނަ ރަށްތަކަކަށް ވާތީ އެކުއިޒިޝަން ފީގެ ރޭޓު، ކުރީގެ ރޭޓުތަކާ އަޅައިބަލާއިރު ދަށެވެ.

އާ ކަންކަމުން ދައުލަތަށް 727 މިލިއަން ރުފިޔާ ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އޭގެ އިތުރުން އަންނަ އަހަރު 24.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އާމްދަނީގެ ތެރެއިން 15.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރަނީ ޓެކްސްގެ އާމްދަނީންނެވެ.