Roadha Mihaaru
ރީތި ބީޗު ރިސޯޓު ހިންގާ ބ. ފޮނިމަގޫދޫ ވިއްކާލަނީ

ރީތި ބީޗު ރިސޯޓު ހިންގަމުން އަންނަ ބ. ފޮނިމަގޫދޫ ވިއްކާލަނީ

24 އޮކްޓޯބަރ 2022

ރީތި ބީޗު ރިސޯޓު ހިންގަމުން އަންނަ ބ. ފޮނިމަގޫދޫ ވިއްކާލަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރީތި ބީޗު ރިސޯޓު ހިންގަމުން އަންނަ ބ. ފޮނިމަގޫދޫ ވިއްކާލަން ނިންމައިފި އެވެ.

އެ ރިސޯޓު ހިންގުމަށް 2015 އަހަރު ފޮނިމަގޫދޫ ކުއްޔަށް ނަގާފައިވާ ސިންގަޕޫރުގެ ކުންފުނި، އެސްސީ ކެޕިޓަލް ޕާޓްނާޒް ގްރޫޕުން އެ ރަށް ވިއްކައިލަން ވަނީ އެމެރިކާގެ މަޝްހޫރު ރިއަލްއެސްޓޭޓް ކުންފުނި، ސީބީއާރުއީއާ ހަވާލުކޮށްފަ އެވެ.

ސީބީއާރުއީ އިން މިހާރު ވަނީ އެ ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

މާލެއިން ސީ-ޕްލޭނުގައި 35 މިނިޓުން ދެވޭ ރީތި ބީޗު ރިސޯޓުގައި 130 ވިލާ ހުރެ އެވެ. އޭގެ އިތުރުން، ފަސް ރެސްޓޯރެންޓާއި ފަސް ބާ އާއި ސްޕާއަކާއި ދެ ޓެނިސްކޯޓާއި ދެ ބެޑްމިންޓަންކޯޓާއި ފަސް ތަރީގެ "ޕަޑީ" ޑައިވް ސެންޓަރަކާއި އަދި ވޯޓާ ސްޕޯޓް ސެންޓަރެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.

ސީބީއާރުއީ އިން ބުނިގޮތުގައި، އެއީ އޭޝިއާ ޕެސިފިކްގެ އެންމެ މަތީ ރޭޓިންގެ މާކެޓު ކަމަށްވާ ރާއްޖޭގެ އެންމެ މަގުބޫލު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ބ. އަތޮޅުގައި މިހާރު ހުރި ފެންވަރަށް ވުރެ އިތުރަށް ރަނގަޅުކޮށް، "ރީ-ބްރޭންޑް" ކުރުމަށް އިންވެސްޓަރުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

އެ ރިސޯޓުގައި މިހާރު ހުރި ތަންތަނުގެ އިތުރުން 13،000 އަކަ މީޓަރުގައި އިތުރު ވަސީލަތްތައް ބިނާކުރާނެ ވަރުގެ ޖާގަ އެބައޮތް ކަމަށް ސީބީއާރްއީ އިން ބުނެ އެވެ.

މިހާރު އޮތް ގޮތުން ނަމަ، 2047 ވަނަ އަހަރު އެ ރިސޯޓުގެ ޑައިރެކްޓް ލީސް ހަމަވާނެ އެވެ. އޭގެ ފަހުން އިންވެސްޓަރުން ބޭނުން ވާ ނަމަ އަދި 49 އަހަރު އިތުރު ކުރެވޭނެ ކަމަށް ސީބީއާރުއީ އިން ބުންޏެވެ.

ރީތި ބީޗް ރިސޯޓު ބީއެމްއެލުން 2015 ވަނަ އަހަރު އެސްސީ ގްރޫޕުގެ ދަށުން ހިންގާ ކުންފުންޏަކަށް ވިއްކައިލީ އޭރު އެ ރަށް ހިންގި ކުންފުނިން ނަގައިފައިވާ ލޯނަށް ފައިސާ ނުދައްކައިގެން އެ ރިސޯޓު ރަހުނު ކޮށްފައި އޮތުމުންނެވެ. އެ ކުންފުނީގެ ދެ ރިސޯޓެއް އެ އަހަރު ބޭންކުން ވަނީ ވިއްކާލައިފަ އެވެ.

ސީބީއާރުއީ ކުންފުނިން ވަނީ އައްޑޫގައި އޮންނަ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ބައި ޝަންގްރިލާ ވިއްކައިލުމުގައި ވެސް މިދިޔަ ޖޫން މަހު އެޑްވައިޒަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.