Roadha Mihaaru
އުދައްޔުގެ މަރު: ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް

އުދައްޔުގެ މަރު: އެކަށީގެންވާ ޖަލެއް ނެތް ކަމަށް އެޗްއާރުސީއެމުން ނިންމުމުން، ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް

02 ނޮވެމްބަރ 2021

ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދި ފަހުން ނިންމާފައިވާތީ، ގއ. މާމެންދޫގައި މަރައިލި އަހުމަދު އުދައްޔުގެ މަރުގެ ދައުވާ ލިބޭ ކުޑަކުއްޖާ ޖުވެނައިލް ކޯޓުން މިއަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދި ފަހުން ނިންމާފައިވާތީ، ގއ. މާމެންދޫގައި މަރައިލި އަހުމަދު އުދައްޔުގެ މަރުގެ ދައުވާ ލިބޭ ކުޑަކުއްޖާ ޖުވެނައިލް ކޯޓުން މިއަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ

މިދިޔަ ފެބްރުއަރީ މަހު މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ އުދައްޔު އަށް ހަމަލާދީ މަރައިލި މައްސަލައިގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ކުޑަކުއްޖެއްގެ މައްޗަށް ކުރަނީ ގަސްދުުގައި މީހަކު މެެރުމުގެ ދައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން މިއަދު އަމުރުކުރީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ނެތް ކަމަށް އެޗްއާރުސީއެމުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބަޔާން ކޮށްފައިވާތީ އެކަމަށް ރިއާޔަތްކޮށް ކަމަށެވެ. އަދި އެޗްއާރުސީއެމުން ދިން މުއްދަތުގައި އެފަދަ ޖަލެއް ގާއިމް ނުކުރެވޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށް ކޯޓުން ބުނި ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، އެ ނިންމުމާ މެދު އަމަލު ކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.

އުދައްޔުގެ މަރާ ގުޅިގެން އިތުރު ތިން މީހަކަށް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރެ އެވެ.