ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ އެކު އއ. މަތިވެރިއަށް ދިޔަ ބަޔަކު އެރަށުން މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
04 ނޮވެމްބަރ 2021
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ އެކު އއ. މަތިވެރިއަށް ދިޔަ ބަޔަކު އެރަށުން މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ހުންނަ ކާޒާ މިއާ ގެސްޓްހައުސް އަށް މިއަދު 3:15 ހާއިރު މީހަކު ވައްދައި އަނިޔާކޮށްފައިވާ ކަމަށެވެ. އޭނާ ވެއްދީ އެ ގެސްޓްހައުސްގައި ޖާބިރު ހުންނެވި ރޫމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު އަނިޔާކުރި ވަގުތު ޖާބިރު އެތަނުގައި ނެތް ކަމަށް ވެ އެވެ.
"ޖާބިރުއާއެކު މިރަށަށް އައި ހަތަރު މީހަކު. އެކަމަކު އޭގެ ތެރެއިން ދެ މީހަކު ކާޒާ މިއާ ކައިރިން އޭނަ ފެނިގެން ޖާބިރު އުޅުނު ކޮޓަރިއަށް ވައްދައިފަ ތަޅާލީ. އޭނާގެ ލޯމަތި އޮތީ ދުޅަވެފައި. ނޭފަތުން ވެސް ލޭ އައިސްގެން ސިއްހީ މަރުކަޒަށް ގެންދިޔަ،" މީގެ ކުޑައިރުކޮޅެއް ކުރިން ސިއްހީ މަަރުކަޒަށް ފުލުހުން ގޮސްގެން އުޅުނުކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި އެވެ.
ކައުންސިލްގެ ތުހުމަތުތަކާ ގުޅިގެން "މިހާރު"ން ޖާބިރަށް ގުޅުމުން ދަތުރުމަތީގައި ކަމަށް ވިދާޅުވެ ކޮމެންޓެއް ނުކުރެއްވި އެވެ.
ކާޒާ މިއާއަކީ ޖާބިރު މަތިވެރީގައި ހިންގަމުން އަންނަ ގެސްޓްހައުސް އެކެވެ. އެތަނުގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކަވާ އުޅުއްވާ މައްސަލައާ ގުޅިގެން ޖާބިރު އާއި މަތިވެރީ ކައުންސިލުގެ މެދުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.
އޭނާގެ އެ ގެސްޓްހައުސްއަށް އެ މީހާ ވައްދައި އަނިޔާކުރި މަންޒަރު ދުށް ބައެއް މީހުން އެބަ ތިބި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"އޭނާއަށް އަނިޔާކުރި މަންޒަރު ދުށް މީހުން އެބަ އުޅޭ. އެކަމަކު އަނިޔާކުރި މީހުން ވީތަނެއް ނޭނގޭ މިހާރު،" އޭނާ ވިދާޅުވި އެވެ.
އަނިޔާކުރީ ކޮން ކަހަލަ މައްސަލައެއް ދިމާވެގެން ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެ ހާދިސާ ހިނގި ވަގުތު ޖާބިރު މަތިވެރީ ކައިރީ އެހެން ރަށަކަށް ގޮސްފައިވީ ނަމަވެސް ކައުންސިލުން ތުހުމަތުކުރަނީ އެކަމަކީ ޖާބިރު ކުރުވި ކަމެއްގެ ގޮތުގަ އެވެ.
މަތިވެރިއަށް އަރައި އެރަށު މީހުންނަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.
"މަގުމަތިން ދަމުން ހަމަ އަވަގުރާނަ ގޮވަމުން އެދަނީ. ރެސްޓޯރަންޓުތަކަށް ވަދެ ވެސް ހަޑި ހުތުރުކޮށް ވާހަކަ ދައްކަނީ. އެކަމުގެ ޝަކުވާ ރައްޔިތުން ކައުންސިލުގައި ކުރޭ އެބަ. އެތައް ފަހަރަކު އެކަން ޕޮލިހުންނަށް ވެސް ހުށަހަޅައިފިން. އެންމެ ފަހުން މި ހުށަހެޅީ މިއަދު މެންދުރެއްހާއިރު،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އއ. މަތިވެރީގައި މީހަކަށް އަނިޔާކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެ މަސް ދުވަސް ކުރިން ވެސް ޖާބިރާ ދެކޮޅަށް މަތިވެރީގައި މުޒާހަރާ ކުރި އެވެ. އެންމެ ފަހުން އޭނާ ރަށުން ފައިބަން ޖެހުން ޕޮލިހުންގެ ހިމަޔާތުގަ އެވެ.
ޖާބިރަށް ހަމަލަދިން މައްސަލައިގަ ދެމީހަކު ހައްޔަރުކޮށްފި
ޖާބިރާ ދެކޮޅަށް މަތިވެރި މީހުން މުޒާހަރާކޮށްފި
އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގުކުރަނީ
ޖާބިރުގެ ގެއިން ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފި
ހަސަންފުޅު ހޯދުމަށް މާލެ ވެސް ބަލައިފި، ނުފެނޭ!
ހަސަންފުޅު ގެއްލުނުތާ ހަފްތާއެއް؛ އަދިވެސް ހޯދުމުގައި
ޝަަރީއަތުގައި ބައިވެރިވާ ގޮތަށް ޖާބިރު ދޫކޮށްްލައިފި
ހައްޔަރު ކޮށްގެން ޖާބިރު ކޯޓަށް ގެންދަނީ
ޖާބިރުގެ ގެސްޓް ހައުސްގައި އަލިފާނުގެ ހާދިސާއެއް
އަތަމާ ޕްލާޒާއަށް ޖާބިރުގެ ބާރު ނުހިނގާ ގޮތް ހަދައިފި