05 ނޮވެމްބަރ 2021
އިންސްވޮއިސްގައި ބުނާ މުއްދަތަށް ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާކުރެވޭނީ އެގޮތަށް ފައިސާ ނަގަން އެއްބަސްވުމެއް އޮވެގެން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
އިންސްވޮއިސްގައި ބުނާ މުއްދަތަށް ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާކުރެވޭނީ އެގޮތަށް ފައިސާ ނަގަން އެއްބަސްވުމެއް އޮވެގެން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ މިގޮތަށް ކަނޑައަޅައި ހުކުމްކުރީ އެމްޕީއެލް އަށް ޓަގު ބޯޓެއް ބަނދެ ސަޕްލައިކުރުމަށް ސެންޓަ އެންޓަޕްރައިސަސްއާ އެކު ހެދި އެއްބަސްވުމަކާ އެއްގޮތަށް މަސައްކަތް ފުރިހަމަ ނުކުރެވި އެކަމަކު ކޮށްދިން މަސައްކަތުގެ އަގަށް ދޭން ޖެހުނު 13 މިލިއަން ރުފިޔާ ދެއްކުން ލަސްވުމުން ޖޫރިމަނާގެ ގޮތުގައި 160 މިލިއަން ރުފިޔާ ދައްކަން ދެ ގަޒިއްޔާއަކުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ހުކުމުގަ އެވެ.
މިހާ ބޮޑު އަދަދެއް ޖޫރިމަނާއަށް ދައްކަން ޖެހުނަސް، އެއްބަސްވުމުގައި ބުނާ މަސައްކަތުގެ ފުރިހަމަ އަގަކީ ވެސް 39،986،205.56ރ. އެވެ.
ސެންޓަ އެންޓަޕްރައިސް އިން ފުރަތަމަ ފޮނުވި އިންވޮއިސްގައި އޮތް 12،991،723.34ރ. ނުދައްކާ ހޭދަވި 83 ދުވަހަށް ދެ ޕަސެންޓުގެ ރޭޓުން ޖޫރިމަނާގެ ގޮތުގައި 21،566،260.18ރ. އަރާ ކަމަށާއި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އޭޕްރީލް 14، 2016 ގައި ހުކުމްކުރި އެވެ.
މިގޮތަށް އެ ކޯޓުން ހުކުމްކުރީ ސެންޓަ އެންޓަޕްރައިސަސްގެ އިންވޮއިސް އެމްޕީއެލް އަށް ލިބި އޭގައި ބުނާ ޖޫރިމަނާގެ ޝަރުތުތަކަށް އެ ކުންފުނިން އިއުތިރާޒްކޮށްފައި ނުވާތީ، އިންވޮއިސްގައި ބުނާ ގޮތަށް، ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް ދެ ޕަސެންޓުގެ ޖޫރިމަނާ ނެގޭނެ ކަމަށް އެއްބަސްވުމެއް ހެދުނީ ކަމަށް ދޭހަވާ ކަމަށް ކަނޑައަޅައިފަ އެވެ.
Center Enterprises Pvt Ltd vs Maldives Ports Limited [2019/SC-A/13, 2021/SC-A/52] https://t.co/pxQHAm0Lac
— Supreme Court of the Maldives (@SCMaldives) November 4, 2021
މި ފައިސާ ނުދެއްކުމުން ސެންޓަ އެންޓަޕްރައިސަސް އިން ދެ ވަނަ ދައުވާއެއް ވެސް ސިވިލް ކޯޓުގައި ކުރި އެވެ. އެއީ އިންވޮއިސްގައި ބުނާ ފައިސާ ނުދައްކާ 1،009 ދުވަސް ވެފައި ވާތީ އެ މުއްދަތަށްވާ ޖޫރިމަނާ ހޯދުމަށެވެ. އެއީ 277،904،162.81ރ. އެވެ. ސިވިލް ކޯޓުން ހުކުމްކުރީ މީގެ ދެ ބައިކުޅަ އެއްބައި ކަމަށްވާ 138،952،081.40ރ. ދައްކަން ޖެހޭނެ ކަމަށެވެ. އެއީ ޖޫރިމަނާ ނުހިމަނައި، އިންވޮއިސްގެ އަސްލު އަދަދު އެމްޕީއެލް އިން އޭރު ދައްކައި ހަލާސްކޮށްފައި އޮތުމުންނެވެ.
ސިވިލް ކޯޓުގެ ދެ ގަޒިއްޔާއަކުން، 160،518،341.58ރ. ސެންޓަ އެންޓަޕްރައިސަސް އަށް ދައްކަން އެމްޕީއެލްގެ މައްޗަށް ކުރި ދެ ހުކުމް ވެސް ހައި ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ. އެހެންވެ ސެންޓަ އެންޓަޕްރައިސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ކުރި ހުކުމުގައި ބުނެފައިވަނީ ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމަށް ހަތަރު ފަހަރެއްގެ މަތިން އިސްލާހު ގެނެސްފައި ވާއިރު ވެސް އެމްޕީއެލް ޖޫރިމަނާއެއް ކުރެވިދާނެ ޖަޒާއީ ޝަރުތެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. މީގެ އިތުރުން ހުކުމުގައި ހުރި މުހިންމު ބައެއް ކަންކަމުގެ ތެރޭގައި؛
- ކޮންޓްރެކްޓަކީ ދެފަރާތުގެ ރުހުން އޮވެގެން ވެވޭ އެއްބަސްވުމެއް ކަމަށް ވާއިރު އެ އެއްބަސްވުމަށް ބަދަލު ގެނެވޭނީ ވެސް ހަމަ އެ ދެ ފަރާތަށްކަން.
- ލިޔުމުން ވެފައިވާ ކޮންޓްރެކްޓަކަށް ބަދަލެއް ގެންނައިރު އެ ބަދަލަށް ދެފަރާތުން ރުހޭކަން ސާބިތުވާން ވާނެ.
- ކޮންޓްރެކްޓެއްގައި އެއްބަސްވެފައިނުވާ ފައިސާއެއް ހޯދުމަށްޓަކައި ކޮންޓްރެކްޓެއްގެ ބައިވެރިއަކު އަނެއް ބައިވެރިޔާއަށް އިންވޮއިސްއެއް ފޮނުވައި އެ އިންވޮއިސް ލިބި ރައްދުވާ ފަރާތުން ހަނުހުރުމަކީ އެ އިންވޮއިސްގައިވާ ފައިސާ އާއި އެ އިންވޮއިސްގައިވާ ޖޫރިމަނާ ފައިސާ އެ ފަރާތުން ދައްކަން ޟިމްނީ [ޒިންމާވާންޖެހޭ] ގޮތުން ރުހި އެއްބަސްވީ ކަމަށް ބަލާނެ ގާނޫނީ އަސާސެއް ނެތްކަން.
އެހެންވެ، ވަކި ޝަތުތަތަކެއް ކަނޑައަޅައި އެ ކަންކަމަށް އަމަލު ނުކޮށްފި ނަމަ އެކަމުގެ ނަތީޖާ ބަޔާންކޮށްފައި ނޯންނަ ހާލަތުގައި އެއްބަސްވުމުގެ އެއްބައިވެރިޔަކު އަނެއް ބައިވެރިޔަކަށް އަންގާ އެންގުމަކުން ނުވަތަ ފައިސާ ހޯދުމަށް ފޮނުވާ އިންވޮއިސްއެއްގައިވާ ފައިސާ ނުދެއްކުމުން ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮވެ، އެ އެންގުން ނުވަތަ އިންވޮއިސް ލިބި ހަނުހުރުމަކީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވުޖޫދުވުން ނޫން ކަމަށް ހުކުމުގައިވެ އެވެ.
"އެމްޕީއެލް އިން ސެންޓަ އެންޓަޕްރައިސަސް އަށް ދައްކަންޖެހޭ ކަމަށް ދެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ ޖުމްލަ 160،518،341.58ރ. ޖޫރިމަނާ ފައިސާ އަކީ ޝަރުއިއްޔަތެއް ނެތް، ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ ދަށުން ސެންޓަ އެންޓަޕްރައިސަސްއިން އުފުލަންޖެހޭ އަސްލީ އިލްތިޒާމު ޓަގު ބޯޓު ބަނުމުގެ އަގު ކަމުގައިވާ 39،986،205.56ރ. އަށް ވުރެ ހަތަރު ގުނަ ބޮޑު އަދަދެއް" ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިކަން ފާހަގަކުރުމާ އެކު، ސިވިލް ކޯޓުގެ ދެ ހުކުމް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިއްތިފާގުން ވަނީ ހުކުމް ކުރައްވައިފަ އެވެ.
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
"ފެބްރުއަރީ 1 ގައި ގެންނަން އުޅުނީ ޖުޑީޝަލް ކޫއެއް"
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ކޯޓާއި މަޖިލިސް ވަކިވާ ހަނި ރޮނގުގެ ފުޅާ ބަހުސް!
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާ ގައުނެއް
ސުޕްރީމް ކޯޓުގެ އެސްޖީކަމުން ފާއިޒް ވަކިކުރީ ގޯސްކޮށް
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟