Roadha Mihaaru

ވާހަކަ- ހިބާ

(ބުދަ ދުވަހާ ގުޅޭ)

ވާހަކަ- ހިބާ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

11 މެއި 2025

(ބުދަ ދުވަހާ ގުޅޭ)

"އެއީ ކީކޭ ހިތަށް އަރައިގެން ފޮނުވި މެސެޖެއް؟" ސިޓީ ފަށައިފައި އޮތީ އެހެންނެވެ.

ނާސިފުގެ ހިތް އަވަސްވެފައި ހުރި ވަރުން ފޮނުވުނީ ކޮން މެސެޖެއް ކަމެއް ހަނދާނެއް ނުވިއެވެ. އެ ކަމެއް ހިނގީ ލިޒް ގެނެސްދިން ފައިލު ބަލަން އިން ވަގުތުއެވެ. އިނގިރޭސިން އެތައް މެސެޖެއް ނާސިފު ލިޔުނެވެ.

"ވަރަށް ހަނދާން ވެއެވެ. މިހާރު ވަރަށް ދެރަވެއެވެ. މާފު ކުރާށެވެ. އަހަރެން ކިހައި މޮޔަ ހެއްޔެވެ؟ ގުޅައިލަން ހެއްޔެވެ؟ ބިޒީ ހެއްޔެވެ؟"

އެ ފަދަ އެތައް އެތައް ޖުމުލައެއް ނާސިފު ލިޔެފައި ފުހެލިއެވެ. އަލުން ރަނގަޅަށް ބެލި އިރު، ޖޮއޭންއަށް ފޮނުވުނު މެސެޖުގައި، އިނގިރޭސިން ލިޔެވިފައި އޮތީ މިހެންނެވެ.

"އަހަރެން އަދި ވެސް ހަނދާންވޭތަ؟"

އެއީ ކީކޭ ހިތަށް އަރައިގެން ފޮނުވި މެސެޖެއްހޭ ކިޔާފައި ޖޮއޭން ކުރި ސުވާލު ރައްދުވަނީ ނާސިފުގެ އެ ސުވާލަށެވެ. ދެން ލިޔެފައިވެއެވެ.

"ތި ރައްޓެހިކަން (އެހެން ލިޔެފައި، ރައްޓެހިކަން ކަނޑައިލާފައި) ލޯބި އަހަރެން ކިހައި ބޭނުންވި؟ ކިތައް ގޮތަށް ބުނިން؟ އޭރު ނުވިސްނިފައި (އެހެން ލިޔެފައި، ނުވިސްނިފައި ކަނޑައިލާފައި) ނުވެސް ދެނަހުރި ކަމަށް ހެދިފައި، މިހައި ދުވަސްކޮށްފައި، އަހަރެން ކަހަލަ މީހަކަށް އެހެން ލިޔެފައި ފޮނުވާ އިރު ވިސްނައިލަން ޖެހޭނެ. މިހާރު އަހަންނަކީ މީހެއްގެ އަންބެއް. އާދައިގެ މީހެއް ގެއެއް ނޫން. ރަސްކަލެއްގެ. އަހަރެންގެ ފޯނަށް އަންނަ ހުރިހައި ކޯލެއް ރިކޯޑު ކުރެވޭ ކަމެއް ނޭނގޭ؟ މެސެޖެއް ފޮނުވާތާ އެއް މިނެޓު ތެރޭގައި ފުހެނުލައިފި ނަމަ، އެ ވެސް މީހަކަށް (އެހެން ލިޔެފައި، މީހަކަށް ކަނޑައިލާފައި) ފިރިމީހާއަށް ފެންނާނެ. ނަސީބެއް އަހަންނަށް ފުހެލެވުނުކަން. އަހަރެން މި ރަށަށް އައި އިރަކު ނޭނގޭ (އެހެން ލިޔެފައި، އިރަކު ނޭނގޭ ކަނޑައިލައިފައި) އިރު ވެސް އެނގޭ ނާސިފު މި ހޮޓަލުގަ އެބަ ހުރިކަން. އަހަރެން ދާ ކޮންމެ ހޮޓަލަކަށް، އަހަރެން އައުމުގެ ހަފުތާއެއް ކުރިން އައި މީހުންނަކީ ކޮބައިތޯ ބަލައި، އެ މީހުންގެ ލިސްޓެއް ފިރިމީހާ ހޯދާނެ. އާންމު ގޮތެއްގަ އަހަރެންނަކަށް އެ ލިސްޓެއް ނުފެންނާނެ. ފެނުނަސް އަހަރެން ނުވެސް ބަލާނެ. ފިރިމީހާގެ ކޮޓަރިއަށް ކަމަކު އަހަރެން ވަން ވަގުތު ފުރަތަމަ ފެނުނީ އަތުރައިފަ ހުރި ގަނޑުތަކެއް. ނާސިފުގެ ނަމުގަ އޮތީ ބޮޅު އަޅައިފަ. އޭނައަށް އެނގޭ ތީ ކޮންމެވެސް ޒަމާނެއްގަ އަހަންނާ ދިމާވި މީހެއްކަން. ނާސިފަށް ފާރަ ވެސް ލާފާނެ. އަހަރެން ފެންނަ ހިސާބަށް ވެސް ނާސިފު ނާންނާތި! ސިއްރު ފުލުހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. އެ ވާހަކަ ބުނަން މިހާ ގިނަ ހާސަރު މި ދަމަން ޖެހުނީ. ދެން ބުނަން. އަހަރެން ކީއްކުރަން ނާސިފު ހަނދާން ބަހައްޓަންވީ؟ އެންމެ ސަބަބެއް ބުނެދީބަލަ! އަހަރެންނަށް ދެން މެސެޖު ނުފޮނުވާތި! އަހަރެން ހަނދާން ނައްތާލާ!"

ދެން ހުރި ގަނޑުތަކުގެ ތެރެއިން ކޮންމެ ގަނޑެއްގައި ވެސް ބޮޑު އަކުރުން އޮތީ އެންމެ ދެ ލަފުޒެވެ. "އަހަރެން ހަނދާން ނައްތާލާ!" އެހެންނެވެ.

އައި ރުޅިން ގަނޑުތައް އުކައިލުމަށް ފަހު ނާސިފު ދެކޮޅަށް ހިނގަން ފެށިއެވެ. ނާސިފަށް ގޯސްވީ ޖޮއޭންއެވެ. ނާސިފުއާ ބައްދަލު ނުކުރީތީއެވެ. ސިޓީއެއް ފޮނުވީތީއެވެ. ނާސިފު ދުށް ގޮތުގައި، ސިޓީއެއް ލިޔެފައި، ނާސިފުއާ ހަމައަށް ރައްދު ކުރެވޭ މީހަކަށް ބައްދަލު ވެސް ކުރެވޭނެއެވެ. ޖޮއޭން އެ ދައްކަނީ ބޭކާރު ވާހަކައެވެ. ނާސިފު ފޯނު ނެގިއެވެ. ގުޅަން އުޅެފައި އެ ހިޔާލު ބަދަލުވިއެވެ.

"އާ ޔޫ ހެޕީ؟" ނާސިފު މެސެޖެއް ލިޔުނެވެ.

އެ މެސެޖުގެ މާނައަކީ، ޖޮއޭން ތި އުޅެނީ އުފަލުގަ ހެއްޔެވެ؟ މެސެޖު ފޮނުވައިލުމާ މެދު ދެ ހިޔާލެއްގައި ހުއްޓައި ދޮރުގައި ޓަކިޖެހި އަޑުއިވުނެވެ. އެއީ ހިބާކަން ނާސިފަށް އެނގެއެވެ. ނާސިފު ގެއްލިގެން ހޯދަމުން ކޮޓަރިއާ ހަމައަށް ވެސް އައީއެވެ. މީ ހާދަހައި ވަރުގަދަ ކަމެކޭ، ދޮރެއް ނުހުޅުވާނަމޭ ނާސިފު ހިތަށް އެރިއެވެ. އެހެނަސް ޓަކި ޖަހާ މީހަކު ހުއްޓައެއް ނުލިއެވެ. އިރުކޮޅަކު ވިސްނަން އިނުމަށް ފަހު ނާސިފު ހިތަށް އެރިއެވެ. ހިބާއަށް އިންޒާރެއް ދޭންވީއެވެ. ނާސިފު ފަހަތުން އަޅުވައިލައިގެން ނޫޅުމަށާއި، ތަންކޮޅެއް ދުރުގައި ހުރުމަށް އެދެން ވީއެވެ. ކުރިޔަށް ވުރެ ބާރަށް ދޮރުގައި ޓަކި ޖަހައިލުމުން ނާސިފު ރުޅި އައިސްފައި ގޮސް ދޮރު ކަޅީގައި ލޯ ޖަހާފައި ބަލައިލިއެވެ. ނާސިފަކަށް ގަބޫލެއް ނުކުރެވުނެވެ. އަވަސްއަވަހަށް ދޮރު ހުޅުވައިލިއެވެ. މޫނުބުރުގާ އަޅައިގެން ހުރި މީހަކު ކޮޓަރިއަށް ވަނެވެ. މޫނު ބުރުގާ ނެގިއެވެ. އެއީ ޖޮއޭންއެވެ.

"ތީ ހާދަ ފިނޑި މީހެކޭ!" ނާސިފު ބުންޏެވެ.

"އެހެން ވެގެންތާ އެހާ ހިސާބުން މިހާ ހިސާބަށް މި އައީ،" ފެން ކަޅިވެފައި ޖޮއޭން ބުންޏެވެ. "މީ އަހަރެން އަންނަން ހަމަޖެހިފަ އޮތް ދަތުރެއް ނޫނޭ! ނާސިފު މި ތާ ހުރިކަން އެނގޭތީ މި އައީ. ލޯބި ވާތީ ފަހަތުން އާދޭސް ކުރަމުން ހިނގީ ވެސް. ލޯބިވެއޭ ބުނަން ނުކެރުނުތާ ފިލައި ރައްކާވެފަ އަހަންނާ ދިމާއަށް ތި ބުނަނީ ހާދަ ފިނޑިމީހެކޭ! ފާހާނަޔަށޭ ކިޔާފަ ފިލައިގެން މި އައީ. ފަސް މިނެޓު ވާ އިރު އަހަރެންގެ ޚަބަރެއް ނުވެއްޖެއްޔާ ފުލުހުން މުޅި ތަން އެ ފުށްމިފުށަށް ޖަހާނެ."

ބުނާނެ އެއްޗެއް ނާސިފަކަށް ނޭނގުނެވެ. ޖޮއޭންއަށް ބަލަހައްޓައިގެން ހުރީއެވެ. ޖޮއޭންގެ ކޮލުގައި ފިރުމައިލަން ދެ ފަހަރަކު ނާސިފަށް އަތް ދިއްކޮށްލެވުނެވެ. ޖޮއޭން ފަހަތަކަށް ނުޖެހެއެވެ. އެހެނަސް، ބުނަން ޖެހޭ އެއްޗެއް ބުންޏެވެ.

"އަހަރެން ގައިގަ އަތް ނުލާތި!" ވައިއަޑުން ޖޮއޭން ބުންޏެވެ. "މިހާރު މާ ބޮޑަށް ލަސްވެއްޖެ! ފިރިޔަކު އެބަ ހުރި. އާއިލާއެއް އެބަ އޮތް. އަހަންނަށް މިހާރު މި ލިބުނީ، ހީ ވެސް ނުކުރާ ކަހަލަ އުފާވެރި ދުނިޔެއެއް."

"ހުސް ދޮގު!" ރުޅި އައިސްފައި މަޑުމަޑުން ނާސިފު ބުންޏެވެ. "ޖޮއޭން އުފަލެއް ނުވޭ! އެކަމަކު ހިނިއައިސްފަ ހުރި ފޮޓޯ ބައިވަރު އެބަ ހުރި. ތީ އުފާވީމަ އެއްމިޔަކަނުން ހީނލާ ކުއްޖެއް. ކޮން ކަމަކާ ދެރަވެގެން ތި އުޅެނީ؟"

ޖޮއޭން ކޮންމެހެން ހަގީގަތް ފޮރުވާކަށް ނޫޅެއެވެ.

"ބުނެފިއްޔާ ކޮން ކަމެއް ކުރެވޭނީ؟" ޖޮއޭން ސުވާލު ކުރިއެވެ. "ޝާހީ ހާންދާންގެ ސިއްރުތަކާ ނާސިފުއާ ކޮން ބެހޭ ކަމެއް؟ އެހެން ނޫނަސް، ދެ އަންހެންދަރިން ލިބުމަކީ އަހަރެންގެ ކުށެއްތަ؟ ފިރިހެންކުއްޖަކު ވިހާށޭ! އެހެން ނޫނީ ވިހޭ ވަރުގެ މީހަކު ގެންނަންވީހޭ ކިޔައިގެން އަހަންނަށް ކޮން ބިރެއް ދައްކާކަށް؟ އިންނާނެ މީހަކާ އިނދެފަ އަހަރެން ވަރިކޮށްލީމަ ނިމުނީނު. ނުކެރޭނެ. އޭނައަށް ކުރެވޭނެހައި ވެސް ކަމަކީ އަހަންނަށް ފާރަލުން. ބިރު ދެއްކުން. އާނ ބިރުގަނޭ! އަހަންނަށް ކަމެއް ވެދާނެތީއެއް ނޫން. ނާސިފަށް ކަމެއް ކޮށްފާނެތީ."

"އަހަރެން އެއްވެސް ބިރެއް ނުގަނޭ!" ނާސިފު ބުންޏެވެ. "މިހާރު ވެސް ޖޮއޭން ބޭނުމިއްޔާ.." "ހެޔޮނުވާނެ!" ނާސިފުގެ ވާހަކަ މެދުކަނޑައިލާފައި ޖޮއޭން ބުންޏެވެ. "އަހަންނަށް މެސެޖު ނުފޮނުވާ! ދަނީ ދެން."

ޖޮއޭން ދާން އުޅެން ފެށުމުން ނާސިފު ހުރަސް އެޅިއެވެ. އެހެނަސް، ނާސިފު އެއްފަރާތަށް ކޮއްޕައިލާފައި ޖޮއޭން ނުކުމެގެން ދިޔައީއެވެ. އޭގެ ފަސް ވަރަކަށް މިނިޓު ފަހުން ހިބާ އައިސް ދޮރުގައި ޓަކި ޖެހިއެވެ. ނާސިފު ދޮރެއް ނުހުޅުވިއެވެ. ހިތަށް ވެފައި ހުރި ތަދެއްގެ ސަބަބުން، އެއްވެސް މީހަކާ ވާހަކަ ދައްކަން ނާސިފު ބޭނުން ނުވީއެވެ. ހިބާ ކޮޓަރިއަށް ގޮސް ކޮޓަރީ ފޯނުން ގުޅިއެވެ. ނާސިފު ފޯނު ނެގިއެވެ.

"މީ ރަނގަޅު މީހެއް،" ރުޅި އައިސްފައި ހިބާ ބުންޏެވެ. "ކީއްތަ ތި ކުރަނީ؟ ހިނގާބަލަ ކާން."

"ކުއްލިއަކަށް ޓޮއިލެޓަށް ދާން ޖެހުނީ،" ނާސިފު ބުންޏެވެ. "އާދެ މި ކޮޅަށް."

އެއީ ވެސް ނާސިފުގެ ހުންނަ ސިފައެކެވެ. ރުޅި ހިންޏަށް، އުފާ ހިތާމައަށް ބަދަލުވާން، ބައެއް ފަހަރު ނަގަނީ މިނެޓު ކޮޅަކަށެވެ. ބޭރަށް ނުކުތުމުގެ ބަދަލުގައި އެ ރޭ ކާއެއްޗެހި ގެނައީ ނާސިފުގެ ކޮޓަރިއަށެވެ. ހިބާ ވަރަށް ރަނގަޅަށް ކެއެވެ. ނާސިފު ކެއީ ނަމަކަށެވެ. އެހައި ވެސް މަދުންނެވެ.

"ޔަގީން މާލެ ގޮއްސަ އަހަރެން ފަޔަރ ކޮށްލާނެކަން." ހިބާ ބުނެލިއެވެ.

"ކޮން ކަމަކާ؟" ނާސިފު އެހިއެވެ. "އަހަރެން އެނޯއިން ކަމުން." ހިބާ ޖަވާބު ދިނެވެ.

"އެނގޭ ދޯ ތީ ކިހާ އެނޯއިން ކުއްޖެއްކަން؟" ނާސިފު އެހިއެވެ.

"އުހުނ!" ހިބާ އެއްބަހެއް ނުވިއެވެ. "މީހުން އެހެން ކިޔަސް، އަހަންނަކީ އަސްލު ވަރަށް ނައިސް، ފްރެންޑްލީ ކުއްޖެކޭ! އަހަންނާ ހެދި މީހަކަށް ވަރަށް އުނދަގޫ ނުވާނެ. އެއީ ވަރަށް ބޭނުން ނުވާ ކަމެއް. ފްރެންޑްސް ބުނޭ އަހަންނާ އެއްކޮށް އުޅެން ވަރަށް ބޮލަށް ފަސޭހައޭ! ތެދެކޭ އެއީ. ދޮގެއް ނަމަ މިހާރު އަހަރެން އަހަންވީނު ކާކުހޭ ދެންމެ މި ރޫމުން ނުކުމެގެން ދިޔައީ؟"

ނާސިފަށް ލިބުނު ސިހުމެއް ނުއެއް ފޮރުވުނެވެ. ހިބާ އިނީ ވަރަށް ފަރުވާތެރިކަމާ އެކީގައި ނާސިފަށް ބަލަހައްޓައިގެންނެވެ.

"އެކަމު ނާހަމެއްނު!" ހިބާ ބުންޏެވެ. "ޑޯންޓް ވޮރީ! އަހަންނަށް ސީކްރެޓް ވެސް ހިފޭއްޓޭނެ. ޓެލް މީ! އެއީ ކޮން ބްލެކް ލޭޑީއެއް؟ ޔަގީން ނޯމަލް ފްރެންޑެއް ނޫން ކަން. އޭނަޔާ މީޓް ކުރަން ވެގެންތަ އަހަންނަށް ފިލައިގެން އައީ؟"

ނާސިފު އެއްވެސް ޖަވާބެއް ނުދިނެވެ. ދެ ލޯ ބޮޑުކޮށްގެން ހިބާއަށް ބަލަހައްޓައިގެން ހުރީއެވެ.

"އޯކޭ!" އަނގައިގަ ޒިބެއް އަޅާ ގޮތަށް އަތުން ހަރަކާތް ކޮށްލަމުން ހިބާ ބުންޏެވެ. "ހިނގާބަލަ ޑެޒަޓެއް ކާލަން. ވަރަށް އެބަ ފޮނިއެއްޗެހި ކަވާ!"

ނާސިފު ހިތަށް އެރިއެވެ. މި ފަހަރު އެންމެ ރަނގަޅު ވާނީ ހިބާ ބުނާ ގޮތެއް ހެދިއްޔާއެވެ. ރެސްޓޯރަންޓަށް ދިޔަ އިރު، ކުރިން އެ ތަނުގައި އޮތް މީހުންތަކެއް ނެތެވެ. އެހެނަސް، ޖޮއޭންއަށް ތައްޔާރުކުރި މޭޒު ހުއްޓެވެ. ނާސިފު ބޭނުންވީ އެ މޭޒު ނުފެންނަ ތާކަށް ދާށެވެ.

"ހިނގާ އެ ތަނަށް ދަމާ!" ބޭރުގައި އަތުރާފައި ހުރި މޭޒުތައް ދައްކައިލަމުން ހިބާ ބުންޏެވެ.

އެ ގޮތް ނާސިފަށް ވެސް މާ ރަނގަޅެވެ. މޭޒު ކައިރީގައި އިށީން އިރު، ކޮކާލެއް ކަހަލަ އެއްޗެއް މޭޒުމައްޗަށް ވެއްޓިފައި އޮތެވެ. އެ އެއްޗަކަށް ނުއެއް އުދުހެވެއެވެ. އިރުކޮޅަކުން ވެއިޓަރު އައެވެ. އޭނަ އަތުގައި އޮތް ފޮތިގަނޑުން މޭޒު ސާފުކޮށްލި އިރު އޭނަ އުޅުނީ ކޮކާ ބޭރަށް ފޮޅައިލާށެވެ. ހިބާ ވަގުތުން ކޮކާ ނެގިއެވެ. ކޮކާ ގެންގޮސް، އެންމެ ކައިރިއަށް ހުރި ގަހުގެ ގޮފިކޮޅެއްގައި ބޭންދިއެވެ. އެއީ ނާސިފު ވަރަށް އަޅައިގަތް ކަމެކެވެ. އޯޑަރު ކުރި އެއްޗެހި ހިފައިގެންއައީ ޒުވާން ފުރައިގެ ފިރިހެންކުއްޖެކެވެ. އެ ކުއްޖާގެ އަޑު ރީތިކަމުން، އެ ކުއްޖާ ގާތުގައި ހިބާ އެ ވާހަކަ ބުންޏެވެ. އެ ސިފަ ވެސް ނާސިފަށް ވަރަށް ކަމުދިޔައެވެ. ދެން ފެނުނީ ހިބާ ފެންކަޅިވި ތަނެވެ. (ނުނިމޭ)