Roadha Mihaaru

ވާހަކަ- ހިބާ

(އާދިއްތަ ދުވަހާ ގުޅޭ)

ވާހަކަ- ހިބާ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

14 މެއި 2025

(އާދިއްތަ ދުވަހާ ގުޅޭ)

ދެން ފެނުނީ ހިބާ ފެންކަޅިވި ތަނެވެ. އެ މަންޒަރު ފޮރުވަން ހިބާ މަސައްކަތްކުރި ތަން ވެސް ނާސިފަށް ފެނުނެވެ. ނާސިފު ހިތަށް އެރިއެވެ. މީނަ މި ރޮނީ ކޮން ކަމަކާ ހެއްޔެވެ؟ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަހަންނަށް ކަމެއް ކުރެވުނީބާއެވެ؟

"ކިހިނެއްވީ؟" ނާސިފު އެހިއެވެ.

"ނަތިން!" ހިބާ ބުނެލިއެވެ. "އަހަންނަށް ސިމްއެއް ހޯދަ ދީބަލަ! ޕްލީޒް!"

ހިބާ އިސްޖަހާލައިގެން އިނދެ، އިރުކޮޅެއް ވަންދެން ރުޔެވެ. ނާސިފު ނިންމި ގޮތުގައި ހިބާ އެ އުޅެނީ އޭނަގެ ލޯބިވެރިޔާއަށް ނުގުޅިގެންނެވެ.

"ގުޅަންޖެހޭ މާ މުހިންމު މީހެއް ހުރީތަ؟" ނޫން ކަމަށް ހެދިލާފައި ނާސިފު އެހިއެވެ.

"ބޭބެ ވަރަށް ބަލިކޮށް އުޅެނިކޮށް އަހަރެން ފުރީ،" ހިބާ ބުންޏެވެ. "ދެންމެ އެ އައީނު ވެއިޓަރެއް. އޭނަގެ ވޮއިސްއާ ބޭބެގެ އަޑާ ވަރަށް ވައްތަރު. އެހެންވެ ބޭބެ.. ބޭބެ މާ ބޮޑަށް މިސްވީ!"

ނާސިފުގެ ހިތަށް ހަމުދަރުދީ ވަނެވެ. އެހެނަސް، ސިމެއް ހޯދައިދޭނަމޭ ބުނާކަށް ނުކެރުނެވެ. ކަމުގެ އުނދަގޫ ކަމުންނެވެ.

"މަންމަ ކޮބާ؟" ނާސިފު ސުވާލުކުރިއެވެ.

"މަންމަ ހުންނާނެ،" ހިބާ ބުންޏެވެ. "އެކަމަކު ބޭބެ ހުންނާނީ އަހަންނާ ވަރަށް ބޮޑަށް އެޓޭޗް ވެފަ. ބުނި ކޮންމެ ދުވަހަކު ގުޅައްޗޭ! އެކަމަކު... ނެޓް އެހާ ސްޓޭބަލްއެއް ނޫން. ބޭބެއަށް ކިހިނެއް އެނގެނީ އަހަންނަށް ހެލްޕު ވާނެ މީހަކު މި ތާ ނުހުންނާނެ ކަމެއް؟ އަހަރެން ހާދަ ބަޔަކަށް ހެލްޕުވަމޭ! ޓައިމް ވެސް ދެމޭ! އެކަމަކު އަހަންނަށް ކަމެއް ކޮށްދޭނެ މީހަކު ނުވާނެ. އެއްވެސް ފެއާއެއް ނޫން. އަޅެ އަހަންނަށް ސިމްއެއް ހޯދަދީބަލަ! ޕްލީޒް!"

"ތީ އެހާ ފަސޭ ހަކަމެއް ނޫން އެކަމަކު އަހަރެން ޓްރައި ކޮށްދޭނަން." ނާސިފު ބުންޏެވެ.

ނާސިފަށް އެހެން ބުނެވުނީ ތަންކޮޅެއް ކަންފަސޭހަ ގޮތަކަށެވެ.

"ނުކޮށްދޭނެ،" ހިބާ ބުންޏެވެ. "ކީއްކުރަން ކޮށްދޭންވީ؟ ޔޫ ހޭޓް މީ! އަހަންނަށް އެނގޭ އަހަންނާ ހެދި ބޮލަށް އުނދަގޫވެފަ ހުންނަ ކަން. އެކަމަކު ފަހަރަކު ކަމެއް އެބަ ޖެހޭ! އަހަންނަކަށް ނޭނގެ މި ތާ އުޅޭކަށް ވެސް. އެއާޕޯޓުގަ މައްސަލަ ޖެހިއްޖެ! ރޫމަކަށް ވައިފައިއެއް ނުލިބޭ! އެކަނި ކާން އަންނާކަށް އަހަންނަކަށް ނުކުރޭ!"

"ކޮން ކަމަކާ އަހަރެން ހިބާ ދެކެ ރުޅި އަންނަންވީ؟" ވަރަށް އޯގާތެރިކަމާ އެކުގައި ނާސިފު ބުންޏެވެ.

"އަހަރެން އުޅޭ ގޮތުން،" ރޮމުންރޮމުން ހިބާ ބުންޏެވެ. "ވެދާނެ އަހަރެން ޑްރެސް ކޮށްފަ ހުންނަ ގޮތުން ކަމަށް ވެސް. ޖަހާ ޕާފިއުމުން ދުވާ ވަހުން ކަމަށް ވެސް. މި ގޮތަށް ބޯ ކޮށާފަ ހުންނާތީ ވެސް ބައެއް މީހުން ފޫހިވާނެ. ހުރިހާ ކަމަކަށް ވެސް ސޮރީ. އެކަމަކު އަހަރެން ވަރަށް ލޯބިވޭ ބޭބެ ދެކެ. ސިމްއެއް ލިބުނީމަ..."

"ހިބާ!" ހިބާގެ އަތުގައި މަޑުމަޑުން ޖަހައިލަމުން ނާސިފު ބުންޏެވެ. "އަހަރެން ޓްރައި ކޮށްދޭނަމޭ! ދެން ހުއްޓާލާ! އައިސްކްރީމެއް ގެންނަން؟ ޗޮކްލެޓް އައިސްކްރީމެއް ކާލީމަ މޫޑް ރަނގަޅުވާނެ."

"މަ މީ ބޭބީއެއްތަ؟" ކުޑަކޮށް ހިނިތުންވެފައި ހިބާ އެހިއެވެ.

"އާނ! ތި އުޅެނީ އެހެން،" ނާސިފު ބުންޏެވެ. "ހިނގާ ކުޑަކޮށް ހިނގާލަން. އޭރުން ވެސް ހިތްހަމަޖެހޭނެ."

ދެ މީހުން ނުކުމެ ހޮޓާ ކައިރީގައި ހިނގައިލިއެވެ. ނާސިފުގެ ހިތުގައި އެނބުރުނީ ޖޮއޭންގެ ފިކުރުތަކެވެ. އޭނަ އުޅެނީ އުފަލުގައި ނޫން ކަން ޔަގީން ވުމަކީ ނާސިފަށް ލިބުނު އިތުރު ހިތްދަތިކަމެކެވެ. އޭގެ ޒިންމާ ވެސް ނާސިފު އަޅުވަނީ ނާސިފުގެ ބޮލުގައެވެ. އެ ލޯބި ގަބޫލުކުރި ނަމަ، ޖޮއޭންގެ އުނގަށް ނާސިފަށް އުފާތައް ބަންޑުން ކޮށްލެވުނީހޭ ނާސިފުގެ ހިތަށް އެރިއެވެ. ލޯބިން ހިތް ފުރައިލަދެވުނީހެވެ. އެ ފަދަ ހިތްހެޔޮ ކުއްޖަކަށް ލިބެން ޖެހޭނީ ހިތްހަމަޖެހުމެވެ. ހިބާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ގަޔާ ދިމާއަށް ކުއްތާއެއް އަންނަ ނަމަ، ނާސިފު ގާތަށް ޖެހިލައި، އަތުގައި ހިފައެވެ. ސަލާން ޖަހާ މީހަކު އަޔަސް ހަމަ އެ ފަދައިން ކަންތައް ކުރެއެވެ. ކުޑަކުއްޖަކު ގޮވައިގެން ދުވާރު މަތީގައި މީހަކު ސަލާން ޖަހަން އިނދެއްޖެއްޔާ، ކޮންމެވެސް ލާރިއެއް ދެއެވެ. މާ ބޮޑު އެއްޗެއް ނޫނެވެ. މާ ވިއްކާ މީހަކާ ވެސް ދިމާވިއެވެ. އޭނަ އަތުގައި، ތިން ކުލައެއްގެ މާ ހުއްޓެވެ.

"އަޅޭ! ލޯބި!" ރަތް ފިނިފެންމާތައް ފެނިފައި ހިބާއަށް ބުނެވުނެވެ.

އެ މީހާ ކައިރިއަށް ހިބާއަށް ހުއްޓެވުނެވެ. އެކަމަކު މަލެއް ގަންނަ ވަރަކަށް ހިބާ އަތަކު ފައިސާއެއް ނެތެވެ. ނާސިފު ލާރި ދިނެވެ. މާ ވިއްކާމީހާ ދިއްކޮށްލީ ހުދު ފިނިފެންމަލެކެވެ. ނާސިފު އެ މާ ހިބާއަށް ދިއްކޮށްލިއެވެ. އެއީ ކީއްކުރަން ކުރި ކަމެއް ބާއޭ ނާސިފު ހިތަށްއެރީ ފަހުންނެވެ. ހުދު މަލެއް ހިބާއަށް ދެވުމުން ނާސިފަށް އެ ކުރެވުނީ ބޮޑު ކަމެއްބާއޭ ވެސް ހިތަށް އެރިއެވެ.

"ތެންކިޔޫ!" ކޮޓަރިއާ ހަމައިން ހިބާ ބުންޏެވެ. "ފީލިން މަޗް ބެޓަރ."

"ޔޫ އާ މޯސްޓް ވެލްކަމް!" ނާސިފު ބުނެލިއެވެ.

ހިބާގެ ހިތްދަތި ކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދެވުނީތީ ނާސިފު އުފާވިއެވެ. ހަގީގަތުގައި އެއީ އެއް ރައްޓެއްސެއްގެ ފަރާތުން އަނެއް ރައްޓެއްސަކަށް ދޭ ކަހަލަ ދިލާސާއެކެވެ. ޖިންސަށް ބެލުމެއް ނެތި އެއް އިންސާނެއްގެ ފަރާތުން އަނެއް އިންސާނަކަށް ދޭ ކަހަލަ ތަސައްލީއެކެވެ. ނޫނެކެވެ. ނާސިފުގެ ހިތުގައި އިތުރު ސުވާލެއް އުފެދިއްޖެއެވެ. ހިބާއަކީ ނާސިފުގެ ކާކުހެއްޔެވެ؟ ގައިމު ވެސް ރައްޓެއްސެއް ނޫނެވެ. އެނދުގައި އޮށޯވެލައިގެން ވިސްނަން އޮއްވައި، ވައިބާއިން މެސެޖެއް އައެވެ. ބަލައިލި އިރު އެއީ ހިބާ ފޮނުވި ފޮޓޯއެކެވެ. ކުޑަ އިރުކޮޅެއް ކުރިން ހިނގައިލަން ގޮސް އުޅުމުގެ ތެރޭގައި ހިބާގެ ފޯނުން ނެގި، ހިބާއާއި ނާސިފްގެ ސެލްފީއެކެވެ. ދިހަ ވަރަކަށް އަހަރުގެ ތަފާތު ހުއްޓަސް، ހިބާ އާއި ނާސިފު އެއްކޮށް ފެންނަ އިރު ވަރަށް ގުޅެއެވެ. އުމުރުގެ ތަފާތެއް ނުފެނެއެވެ. ކުރިޔާ ދިމާ އިދިކޮޅު އެއްޗެއް ވެސް ނާސިފު ހިތަށް އެރިއެވެ. ހިބާގެ ކުރު އިސްތަށިގަނޑު އޭނަޔާ ވަރަށް ގުޅެއެވެ. އެ މޫނުގެ ބައްޓަން އިތުރަށް ރީތި ކޮށްދެއެވެ. ހޮލީވުޑްގެ ފިލްމުސްޓާރަކާ ވެސް ހިބާ ވައްތަރުވިއެވެ. ނިދުނީ އެ ކަމާ ވިސްނަނިކޮށެވެ.

ޖެހިގެން އައި ދުވަހަކީ، އެޕުރީލުމަހުން އެއްވަނަ ދުވަހެވެ. ހޯމަ ދުވަހެކެވެ. ކޯސް ފެށުމުން ނާސިފު އުޅުނީ ވަރަށް ބިޒީކޮށެވެ. ހިބާ އުޅޭ ގޮތެއް، ވީ ތަނެއް ވެސް ބަލައެއް ނުލެވެއެވެ. އެއީ ނާސިފުއާ ބެހޭ ކަމެއް ވެސް ނޫނެވެ. އެހެނަސް، ނާސިފު ހައިރާންވީ ހިބާ މަތިން ހަނދާން ނުނެތުނީމައެވެ. އޭނަ ބުނި ވާހަކައެއް، ކޮށްލި ކަމެއް، މޫނަށް ޖައްސައިލި ލާނެތް ވައްތަރެއް އިރުއިރުކޮޅާ ނާސިފު ހަނދާންވެއެވެ. ކީއްހޭ ތި ކުރަނީ، އެއްޗެއް ކައިފިންހޭ އަހައިލަން ފޯނު ކޮށްލަން ނާސިފު ވަރަށް ބޭނުންވިއެވެ.

ކޯސް ނިންމައިލާފައި، ކުރިން ވެސް ރޭވިފައިވާ ގޮތުގެ މަތިން ނާސިފު ދިޔައީ ޖޯންއާ ބައްދަލުކުރަން ޖޯންގެ ގެއަށެވެ. ދޮރުގައި ހުރި ރަނގަބީލު ޖަހައިލުމާ އެކު ދޮރުހުޅުވީ އެލިޒަބަތުއެވެ. އެ ފަހަރު އޭނަ ހުރީ، ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައެވެ. ނާސިފަށް ހިޔެއް ވެސް ނުލިއެވެ.

"ޑެޑީ!" އެލިޒަބަތު ގޮވައިލައިފައި، ބޮލަށް ހުޅިއެއް ޖަހަމުން ގޮސް ކޮޓަރިއަށް ވަނެވެ.

ޖޯން ނުކުމެފައި ސަލާން ގަލާންކޮށް ހަދައިފައި އިށީނުމަށް ގޮނޑިއަށް އިޝާރަތް ކޮށްލިއެވެ.

"ލިޒް ދޯ ދޮރު ހުޅުވީ؟" ޖޯން ބުންޏެވެ. "ބޭއަދަބީ ކަމެއް އޭނަ ކުރި ނަމަ އޭނަގެ ފަރާތުން އަހަރެން.."

"ނޫންނޫން! އެ ކަހަލަ އެއްވެސް ކަމެއް ނުކުރޭ!" ނާސިފު ބުންޏެވެ. "ކޮން ކަމަކާ ހިތްހަމަނުޖެހިފަ އެހެރީ؟"

"ކޮން ކަމަކާ މިހާރު އޭނަ ހިތްހަމަޖެހެނީ؟" ނިތްކުރިޔަށް އެރި ރޫތައް އިތުރުކުރަމުން ޖޯން ބުންޏެވެ. "ކާރު އެކްސިޑެންޓުގަ ލޯބިވެރިޔާ ނިޔާވީމަ ލިޒް ވާހަކަ ދައްކާ ހިތްވާ މީހެއް، ދާ ހިތްވާ ތަނެއް، ކުރާ ހިތްވާ ކަމެއް ވެސް ނޯވޭ! ކީއް ކުރާނީ؟ އެ ދަނޑިވަޅާ ދިމާކޮށް މަންމަ ވަރިވެއްޖެ! އެހެން މީހަކާ އިނދެފި. ހުރިހާ ކަމެއް ހުއްޓާލާފަ، ދަރިފުޅު ބަލަން ގޭގަ މި އިންނަނީ. ހިތަށް އަރާ... ނުވެސް ދަންނަ މީހަކު ގެއަށް އައި ފުރަތަމަ ދުވަހު ކޮން ވާހަކައެއް މި ދެއްކެނީ؟ މާފުކުރާތި! ހިނގާ ޕުރޮޖެކްޓުގެ ވާހަކަ ދައްކަމާ! ރާއްޖޭގެ ރަށެއްގަ ފެން ޕުލާންޓެއް ބަހައްޓަން މި އުޅެނީ. ވީ ގޮތް އެނގެއެއްނު ދޯ؟"

"ނޫން! އެހާ ރަނގަޅަކަށް ނޭނގޭ!" ނާސިފު ޖަވާބުދިނެވެ.

"ގައުމުތަކުގެ ތަރައްގީގަ އަބަދު ވެސް ސިޔާސީ ކުލަޖެހޭ!" ޖޯން ކިޔައިދިނެވެ. "އެއް ސަރުކާރުގެ މަޝްރޫއުތަކަކަށް އަނެއް ސަރުކާރެއްގެ ތާއީދެއް ނޯވޭ! ވެރިކަން ބަދަލުވީމަ ދެން މަސައްކަތް ކުރިޔަށް ގެންދެވޭނީ ހަދިޔާ ދީގެން. އެނގޭނެ، އަދީލަކީ އެ ކަހަލަ މީހެއް ނޫން. މިހާރު އަނެއްކާ މި އޮތީ މަގު ތަނަވަސްވެފަ. އެކަމަކު މިހާރު އެ ރަށަކު ޖާގައެއް ނެތް. ޓެކްނޮލޮޖީ ބަދަލުވެއްޖެ! އާ މެޝިނުގެ އަގާ، ބެހެއްޓުމުގެ ހަރަދު ވެސް ވަރަށް ބޮޑު. ބެލެހެއްޓުމާ މަރާމާތުގެ ހަރަދު ވަރަށް ކުޑަ. އެއީ ރާއްޖެއިން ކުރަންޖެހޭ ހަރަދަކީ. އެހެން ރަށެއްގަ ނަމަވެސް އަހަރުމެން ބޭނުން މި ކަން ކޮށްދޭން."

ވަރަށް ދިގުކޮށް ވާހަކަ ދެކެވުނެވެ. ނާސިފު އެ ވަގުތު ވެސް ހިތަށް އެރިއެވެ. މި ކަމަކީ އަހަރެން އިންޑިޔާއަށް ނައިސް ވެސް ކުރެވޭ ކަހަލަ ކަމެކެވެ. ޖޯން ކައިރިއަށް އަހަރެން ފޮނުވަން އަދީލް ބޭނުންވީ ކީއްވެ ހެއްޔެވެ؟ ބައްދަލުވުން ހިނގަމުންދިޔަ ވަގުތު ވެސް ޖޯން ދެ ފަހަރަކު ދަރިފުޅަށް ގޮވައިލިއެވެ.

ދަރިފުޅެއް ނައެވެ. ކޮޓަރިއަކުން ނުވެސް ނުކުތެވެ.

"ނުނިކުންނާނެ،" ޖޯން ބުނެލިއެވެ. "ފައިލު ދީފަ ނާސިފު ގާތަށް ފޮނުވީ ވެސް އޭނަ ކޮޓަރިން ނެރެން ވެގެން. ހިޔެއް ނުކުރަން ދާނެ ކަމަކަށް ވެސް."

ބައްދަލުވުން ނިންމާފައި، ނުކުންނަން ވެގެން ނާސިފު ތެދުވިތަނާ އެހެން ކަމެއް ހަނދާންވިއެވެ.

"ސިމްއެއް ލިބިދާނެތަ؟" ނާސިފު އެހިއެވެ. "ދަމުން އަނބުރާ ދައްކާ ގޮތަށް ވިޔަސް މައްސަލައެއް ނެތް."

"ތީ ފެންޕްލާންޓެއް ބެހެއްޓުމަށް ވުރެ ވެސް އުނދަގޫ ކަމެއް،" ސަމާސާ ރާގެއްގައި ޖޯން ބުންޏެވެ. "ބަލައިލާނަން. ދޭބަލަ ލިޒްއަށް ގޮވާލަން."

ނާސިފު ހިތަށް އެރިއެވެ. ޖޯން ބުނާ ކަމެއް ކޮށްލަދީފިއްޔާ، ޖޯން ވެސް އަހަރެން ބުނި ކަންތައް ކޮށްދޭ ހިތްވާނެއެވެ. ލިޒް ފަދަ ހާލަތެއްގައި ހުރި ކުއްޖަކާ ވާހަކަ ދައްކަންޖެހޭ ރާގެއް، ދައްކާނެ ވާހަކައެއް ވެސް ނާސިފަކަށް ނޭނގެއެވެ. ވާހަކަ ފަށާނެ ގޮތަކާ މެދު ވިސްނަމުން ނާސިފު ގޮސް ލިޒްގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. ޓަކިޖެހީ ވަރަށް މަޑުން ނަމަވެސް ނިކަން ބާރަށް ދޮރުހުޅުވައިލިއެވެ. (ނުނިމޭ)