Roadha Mihaaru

ވާހަކަ- ހިބާ

(އާދިއްތަ ދުވަހާ ގުޅޭ)

ވާހަކަ- ހިބާ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

21 މެއި 2025

(އާދިއްތަ ދުވަހާ ގުޅޭ)

އެ ހިސާބުން ފޯނު ކެނޑުނީއެވެ. ނާސިފު ފުންމައިގެން ތެދުވިއެވެ. ދުވެފައި ކޮޓަރިން ނުކުތެވެ. އޭރު ހިބާ ކޮޓަރީގެ ދޮރު ކައިރީގައި މީހަކު ހުއްޓެވެ. އޭނަ މަސައްކަތް ކުރީ ތަޅުދަނޑިން ދޮރު ހުޅުވާށެވެ. އެ ކަމެއް އޭނައަކަށް ނުއެއްވެއެވެ. ނާސިފު އެ ދިމާއަށް ހިނގައިގަތްތަނައި ފަހަތުން އައި މީހަކު، ހިބާ ކޮޓަރި ކައިރީގައި ހުރި މީހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެ މީހާ ހުރީ ހަމަހެއަކު ނޫނެވެ. ދެ މީހުން ވާހަކަ ދެއްކީ ނާސިފު ދަންނަ ބަހަކުން ނޫނެވެ. ނާސިފަށް ލަފާކުރެވުނު ގޮތުގައި އޭނައަށް ކޮޓަރި އޮޅުނީއެވެ. ނާސިފު ގޮސް ހިބާ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. ދޮރުކަޅިއަށް ހިޔަނިވުމުން އަތް ހޫރުވައިލިއެވެ. ހިބާ ވަގުތުން ދޮރު ހުޅުވިއެވެ.

"އެ ކަން ނިމިއްޖެ!" ނާސިފު ބުންޏެވެ. "ދެން ނިދާ!"

"ނުކެރޭނެ،" ބިރު ގެންފައި ހުރި ހިބާ ބުންޏެވެ. "އަނެއްކާ އެ މީހާގަނޑު އަންނާނެ. މި ރޭ މި ރޫމްގަ މަޑުކޮށްލަންވީނު. ޕްލީޒް! ނޫނީ އަހަރެން ދަންތަ ތި ރޫމަށް. ސޯފާގަ އޮވެދާނަމޭ!"

ނާސިފު ހިތަށް އެރިއެވެ. ހިތުގައި އޮތް އެތި ވާނީ ބުނާށެވެ.

"އެ މީހާގަނޑު ދެކެ ތިހާ ބިރުގަންނަ އިރު، މި ފޫހި މީހާގަނޑު ދެކެ ބިރެއް ނުގަނޭ؟" ނާސިފު އެހިއެވެ.

"ގައިމު މި ރޭ އެހެން ކިޔާފަ އަހަރެންގެ ރޫމުން ނުކުތީ؟"

"ތި މީހާގަނޑު ފޫއްސަސް ސޭފް ފީލްވެއޭ!" ހިބާ ބުންޏެވެ. "ޓްރަސްޓް ވެސް ކުރެވޭ! އަޅެ ދަންތަ ތި ރޫމަށް؟"

"ނޯ!" ނާސިފު އިންކާރު ކުރިއެވެ. "އަހަންނަކަށް ހިބާއަކަށް ޓްރަސްޓެއް ނުކުރެވޭ!"

"ކޮބާ ތީގެ މާނައަކީ؟" ހިބާ ސުވާލު ކުރިއެވެ.

"އޭގެ މާނަ އަހާނެ ކަމެއް ނެތް،" ނާސިފު ހިނގައިގަންނަމުން ބުންޏެވެ. "ރަނގަޅަށް ނުނިދިއްޖެއްޔާ އަހަރެން ރޯނާ ވާނެ. މާދަމައަކީ ނުލާހިކު ބިޒީ ދުވަހެއް. ގުޑްނައިޓް!"

"އަހަރެން ވެސް ހަމަ ތިހެން،" ފަހަތުން ހިނގައިގަންނަމުން ހިބާ ބުންޏެވެ. "ޕްލީޒް! އޮންލީ ވަން ނައިޓް. ކޮން ކަމަކަށްތަ އަހަންނަށް ޓްރަސްޓް ނުކުރެވެނީ؟ ކޮބައިތަ އޭގެ މާނައަކީ؟"

ނާސިފްގެ ފަހަތުން ހިބާ ކޮޓަރިއަށް ވަނެވެ.

"މި ސޯފާގަ ހިބާއަށް ނިދޭނެ؟" ނާސިފު އެހިއެވެ. "ވަން ނައިޓޭ ކިޔާފަ މާދަމާ ރޭ ވެސް ބުނެފާނެ މި ތާއޭ އޮންނާނީ؟ ނުބުނާނެ؟"

"ގުޑް ޕޮއިންޓް!" ހިބާ އެއްބަސްވިއެވެ. "އަހަންނަށް އެނގޭ ތީ ޖެންޓަލްމޭންއެއްކަން. ނުކެރޭނެ އަހަރެން ސޯފާގަ ނިންދަވާކަށް. އަހަންނަށް ބެޑް ދީފަ ނާސިފް ސޯފާގަ ނިދާނީ. ރައިޓް؟"

ނާސިފް އިރުކޮޅެއް ވަންދެން ހިބާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ހިތަށް އެރިއެވެ. ހިބާ އެ ބުނީ ތެދެކެވެ. ނިމޭ އިރު ސޯފާގައި އޮންނާނީ ނާސިފެވެ.

ހެނދުނު ނާސިފަށް ހޭލެވުނީ ކަރަށް ނާރެއް އަރައިގެންނެވެ. ވާ ތަދުން އެއްފަރާތަކަށް ނޭނބުރެވެއެވެ. ހިބާއަށް ގޮވަން ދިޔަ އިރު އޭނައެއް ނެތެވެ. ނާސިފަށް މައްސަލައަކީ އެއީއެއް ނޫނެވެ. އެ ރޭ ފެނުނު ހުވަފެނެވެ. ނުވަތަ ހިނގި ހާދިސާއެވެ. ހަނދާން ހުރީ ވަރަށް ކުޑަކޮށެވެ.

ކޯހަށް ދާން ތައްޔާރުވި އިރު ނާސިފުގެ އެއް އަތް ރަނގަޅަކަށް ނުހިއްލެއެވެ. ފެން ވެރުމަކީ ނުވާނެ ކަމެއް ކަމަށް ބަލައިފައި ދޫކޮށްލީއެވެ. ސައިބޯން ދާން ހިބާއެއް ނާދެއެވެ. އެއީ ކީއްވެ ކަމެއް ނާސިފަކަށް ނޭނގެއެވެ. އެނގޭ ކަމަކީ، ހިބާ ނައުމުން، ފުރަތަމަ ފަހަރަށް ނާސިފަށް އުނދަގޫވި ކަމެވެ. ނާސިފު ބޭނުންވީ ކުއްލިއަކަށް ދޮރުގައި ޓަކިޖަހައިލާށެވެ. ހުޅުވައިލާ އިރު ހިބާ ހުންނާށެވެ. ވީ ވެސް އެހެންނެވެ. ޓަކި ޖެހިއެވެ. ނާސިފު ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހިބާ ހުއްޓެވެ. އޭނަ ހުރީ ލަދުގެންފައެވެ. ބަސް ހުސްވެފައެވެ. ނޫނެކެވެ. އެއީ ނާސިފުގެ ހީއެކެވެ. ވާން ނާސިފު ހިތަށް އެރި ގޮތެވެ. ޓަކި ޖެހިހެން ހީވެގެން ދޮރު ހުޅުވި އިރު މީހަކު ނެތެވެ. ސަރައްކާލީގައި އޮތީ ފަޅުކަމެވެ. ހަމަހިމޭންކަމެވެ.

އެޕުރީލު ދެވަނަ ދުވަހަކީ ނާސިފު ވަރަށް ހާލުގައި އުޅެން ޖެހުނު ދުވަހެކެވެ. ކުލާހުގައި އިން އިރު ވެސް އިނދެވެނީ އެއް ފަރާތަކަށް ބޯ އަރިކޮށްގެންނެވެ. އެ ފަރާތަށް ގުދުވާން ހިތަށް އެރުވިޔަސް ކަރަށް ތަދުވެއެވެ. ނަސީބު ދިމާކުރި ގޮތުން އެ ދުވަހަކީ، އަމަލީ ގޮތުން ތަންކޮޅެއް ހަރަކާތްތެރިކޮށް އުޅެން ޖެހުނު ދުވަހެކެވެ. ވަކި ހިސާބަކުން ކުލާސް ކަޓުވައިފައި ހޮޓަލަށް ދާން ވެސް ނާސިފު ހިތަށް އެރިއެވެ. އެހެނަސް ކެތްކޮށްލީއެވެ.

ހަވީރު ހޮޓަލަށް ދާން ނުކުތް އިރު އެލިޒަބަތު އިންތިޒާރުގައި އިނެވެ. އެއީ ކާރު ބުރުޖަހަން ނާސިފުގެ ހާލަތު ތަން ދިން ދުވަހެއް ނޫން ނަމަވެސް، ކެތްކޮށްލައިގެން ގޮސް ކާރަށް އެރިއެވެ.

"ހާދަހާ ބޮޑު ސަޕްރައިޒެކޭ ތި ދިނީ." ނާސިފު ބުންޏެވެ.

"އަހަރެންގެ ހިތަށް ޝުކުރު އަދާކުރޭ!" ކާރު ދުއްވައިލަމުން އެލިޒަބަތު ބުންޏެވެ. "އޭނަ ބުނީ ހިނގާބަލާށޭ ދިވެއްސަކު ބުނި ގޮތް ވެސް ހަދައިލަމާ، ގައުމު ކުޑަޔަސް ނަސޭހަތް ގޯހެއް ނޫނޭ! ކީއްވެ މާ އެހެން ކަހަލަ ގޮތަކަށް ތި އިންނަނީ؟"

"ކަރަށް ނާރެއް އެރީ." ނާސިފު ބުންޏެވެ.

"އެއީ ކީއްވެ؟" އެލިޒަބަތު އެހިއެވެ.

"ސޯފާގަ ނިދަން ޖެހުނީމަ!" ބޭއިހުތިޔާރުގައި ނާސިފަށް ބުނެވުނެވެ.

"އެއީ ކީއްވެ؟" އެލިޒަބަތު ސުވާލު ކުރިއެވެ.

ވީ ގޮތް ތެދަށް ބުނާކަށް ނާސިފު ބޭނުމެއް ނުވިއެވެ. އެ ވާހަކައިގެ ތެރެއަށް، ބޭކާރު ގޮތެއްގައި ހިބާ ވައްދަން ބޭނުން ނުވީއެވެ. އެލިޒަބަތަށް ނުބައި ތަސައްވުރެއް ދޭން ވެސް ފަސްޖެހެވުނީއެވެ. އެލިޒަބަތުގެ ފަރާތުން ޖޯން އަށް، ޖޯންގެ ފަރާތުން އަދީލްގެ ކަންފަތަށް ޚަބަރު ހިނގައިދާނެތީއެވެ.

"ގޯސް ވާހަކައެއްތަ މި އެހުނީ؟" އެލިޒަބަތު އެހިއެވެ.

"ނޫނޭ! އެހެން ކަމަކާ ވިސްނައިލެވުނީ،" ނާސިފު ދޮގެއް ހެދިއެވެ. "ފިލްމެއް ބަލަން ސޯފާގައި އޮއްވައި ނިދުނީ."

"ކޮން ފިލްމެއް؟" ލާނެތް ރާގެއްގައި އެލިޒަބަތު އެހިއެވެ.

އެ ސުވާލަށް ތައްޔާރު ނުވެއިން ނާސިފު ޖެހުނީ ވިސްނައިލާށެވެ.

"ކުއްލިއަކަށް ނަން ހަނދާންނެތިއްޖެ!" ދެވަނަ ދޮގުހަދަން ނާސިފަށް މަޖުބޫރުވިއެވެ.

"އެއްވަރުގެ ކަންތައް،" ހިނިތުން ވެލައިފައި އެލިޒަބަތު ބުންޏެވެ. "މަސާޖު ކޮށްލަން ބޭނުން؟ މި ތާ ކައިރީ ހުންނާނެ އަހަރެންގެ ރައްޓެއްސެއްގެ ސްޕާއެއް. އެއްފަހަރުން ރަނގަޅު ކޮށްލާނެ."

"ނޫން! އަރާމުކޮށްލީމަ ރަނގަޅުވެދާނެ." ނާސިފު އިންކާރު ކުރިއެވެ.

އެ ވަރުން ވެސް އެލިޒަބަތު ދިޔައީ ސްޕާއަށެވެ. އެއީ ވަރަށް ފެންވަރު ރަނގަޅު ތަނެކެވެ. އެ ސަރަހައްދުގައި އެ ފެންވަރުގެ ތަނެއް ހުރެދާނެ ކަމަކަށް ނާސިފު ހިޔެއް ނުކުރެއެވެ. އިސާހިތަކު މަސާޖު ފެށުނެވެ. ކަރާއި ކަނދުރާ އަށް ހާއްސަ މަސާޖެކެވެ. ކަރު މަސާޖު ކުރުމުން ކުޑަ ލުޔެއް ލިބުނެވެ. ތަދު އެއްކޮށެއް ނުފިލައެވެ. އިނގުރު ކަހަލަ ވަހެއްދުވާ، ހުތްފޮނި ބުއިމަކާއި، އާވި ކިރިމެއް ވެސް އުނގުޅަން ދިނެވެ.

އެލިޒަބަތުއާ އެކުގައި ރެސްޓޯރަންޓަކަށް ގޮސް ކައިގެން ނާސިފަށް ހޮޓަލަށް ދެވުނު އިރު، ރޭގަނޑު އަށެއް ޖަހަނީއެވެ. އޭރު ވެސް ކަރަށް އެއްކޮށެއް ލުޔެއް ނުވެއެވެ. ވީމާ، ކޮޓަރިއަށް އައިސް އެނދުގައި އޮށޯވެލައިގެން އޮތީއެވެ. ހިބާގެ ޚަބަރެއް ނުވެއެވެ. ނުވެސް ގުޅައެވެ. އެ ކަމާ ކަންބޮޑުވެފައި އޮވެގެން ހިބާގެ ކޮޓަރިއަށް އިންޓަކަމުން ގުޅައިލިއެވެ. ފޯނެއް ނުނަގައެވެ. ނާސިފު ހިތަށް އެރިއެވެ. ހިބާއާ ދޭތެރޭ އެ ވަރަށް މި ވިސްނަނީ ކީއްކުރަން ހެއްޔެވެ؟ އަހަންނަށް ވުރެ ދިހަ އަހަރު ކުޑަ ކުއްޖެކެވެ. އަހަރެން ވިސްނަންވީ ޖޮއޭންއަށެވެ.

ނާސިފު ފޯނު ނެގިއެވެ. ޖޯޑްންގެ ނޫސް ކިޔައިލިއެވެ. ޖޮއޭން ރަށަށް ހިނގައްޖެއެވެ. އެހެން ނޫހަކުން ވަރަށް ހައިރާން ކުރަނިވި ޚަބަރެއް ވެސް ފެނުނެވެ. ޖޮއޭން އާއި އޭނާގެ ފިރިމީހާއާ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރައިފިއެވެ. އެ ޚަބަރު ޖަހާފައި އޮތީ އިނގިރޭސި ވިލާތުގެ ވަރަށް ފަހުގެ ޓެބްލޮއިޑް ނޫހެއްގައެވެ. އެ ފަދަ ނޫސްތަކުގައި ތެދެއް ނުޖަހާނެއެވެ. ނާސިފު އެހެން ހިތަށް އެރި ނަމަވެސް، ނޫސް ކިޔައިނުލައެއް ހިތްހަމައެއް ނުޖެހުނެވެ. އޭގައިވާ ގޮތުން ޖޮއޭންގެ ސިއްރު ލޯބިވެރިއެއް ހުރެއެވެ. އެއީ ބިދޭސީއެކެވެ. ޖޮއޭންއާ އެކުގައި ކިޔަވަން އުޅުނު މީހެކެވެ. ކާކު ކަމެއް ނޫހަށް އަދި ނޭނގޭ ކަމާއި، ވަރަށް އަވަހަށް ހޯދާނެ ކަމަށް ވެސް ލިޔެފައި އޮތެވެ. ނާސިފުގެ ހިތް ބުންޏެވެ. ޖޮއޭންއަކީ އެތައް ކޮލެޖަކުން ކިޔެވި މޮޅު ކުއްޖެކެވެ. ކިތައް މީހުންނާ ދިމާވާނެ ހެއްޔެވެ؟ އެނދުމަތީގައި ފޯނު ބޭއްވުމުގެ ކުރިން، ހިބާ އާއި ނާސިފު އެކުގައި ނެގި ފޮޓޯ ވެސް ބަލައިލެވުނެވެ. އެ ވަގުތު ވަޓްސްއެޕްއިން މެސެޖެއް އައެވެ.

"ކިހިނެއް؟" އިނގިރޭސިން ލިޔެފައިވާ މެސެޖުގައި އޮތެވެ.

"ގޯހެއް ނޫން،" ނާސިފު ވެސް ހަމަ އެ ބަހުން ޖަވާބު ދިނެވެ. "ހެނދުނު ހޭލި އިރު ކަރަށް ނާރެއް އެރިކަން އެކަނި. ވަރަށް ވޭނުގަ މި އުޅެނީ."

ދެން ހިބާގެ ޚަބަރެއް ނުވެ އެތައް އިރެއް ވެފައި އިވުނީ ދޮރުގައި ޓަކިޖަހައިލި އަޑެވެ. ކުޑަ އުނދަގުލަކާ އެކު އެނދުން ތެދުވެގެން ގޮސް ދޮރު ހުޅުވައިލި އިރު ހިބާ ދޮރުމަތީގައި ހުއްޓެވެ. ކުރިން ކޮޓަރިއަށް ވަންނަ ގޮތަށް ވަންނާކަށް ނޫޅުނެވެ. ހިބާ ހުރީ ކުޑަކޮށް ރަކިވެފައިހެން ވެސް ނާސިފަށް ހީވިއެވެ. ހިތަށް އެރިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ކުރީ ރެޔާ ގުޅުމެއް އޮތީ ހެއްޔެވެ؟

"ސޮރީ!" ހިބާ ބުންޏެވެ.

"ކޮން ކަމަކާ؟" ނާސިފު އެހިއެވެ.

"ބުނެ ވެސް ނުލާ ދެވުނީމަ،" ހިބާ ޖަވާބު ދިނެވެ. "ވަރަށް އަރާމުކޮށް ނިދާފަ އޮތީމަ ގޮވައިލަން ނުކެރުނީ. އަހަންނާ ހެދި ކަރަށް ނާރެއް އެރީތީ ވެސް ސޮރީ. ކެރޭނެތަ އަހަންނަށް ޗާންސެއް ދޭން؟"

"އޭނ؟" ސިހިފައި ނާސިފަށް ބުނެވުނެވެ.

ހިބާ ދައްކައިލީ ބޭސްފުޅިއެވެ. އަދި ނާސިފަށް އިނގިލި ދިއްކޮށްލައިފައި ހިބާގެ ކަރުގައި އިނގިލި ޖައްސައިލިއެވެ.

"ޑިސްޕެންސަރީއަށް ގޮސް ބޭސް ހިފައިގެން މި އައީ. އަހަރެން ލައްވާ މި ބޭސް އުނގުޅައިފިއްޔާ، ނިދުމުގެ ކުރިން ކަރު ރަނގަޅުވާނެ،" ވަރަށް ޔަގީންކަމާ އެކުގައި ހިބާ ބުންޏެވެ. "ގެރެންޓީ! އެންމެ ފަހަރަކު އުނގުޅާނީ."

ނާސިފު އެއްބަހެއް ނުވިއެވެ. ހިބާ ކުރެއް ނުކުރިއެވެ.

"މާދަމާ ވެސް ހަމަ ތި ހާލުގަ އުޅެންތަ ބޭނުމީ؟" ހިބާ އެހިއެވެ.

އެ ހިސާބުން ނާސިފު އެއްބަސްވިއެވެ. ސޯފާގައި އިށީނދެފައި ކަރު ދެއްކިއެވެ. ހިބާ ނިކަން ފަރިތަކަމާއި، ފާޑުވެރިކަމާ އެކުގައި ބޭސް އުނގުޅައިދޭން ފެށިއެވެ. ނާސިފު އުޅުނީ އިސްޖަހާލައިގެން އިންނާށެވެ. އެހެނަސް، ވަކި ގޮތަކަށް މޫނު އަނބުރައިގެން އިންނަން ޖެހޭތީ ނާސިފަށް އިނދެވުނީ ހިބާގެ މޫނާ ދިމާއަށް އެނބުރިގެންނެވެ. ކަޅި ހުރީ ހިބާގެ މޫނަށެވެ. ހިބާ ބެލީ ކަނދުރާއަށެވެ. ހިބާގެ މޫނުގައި ވަނީ ސާބިތުކަމާއި، ސީރިޔަސް ކަމެވެ. ފުރަތަމަ ދިހަ ވަރަކަށް ސިކުންތު ތެރޭގައި ނާސިފަށް ލުއިވާން ފެށިއެވެ. ހިސާހިތަކު ތަދު ކެނޑުނެވެ. ނާސިފު ހިތަށް އެރިއެވެ. މި ކުއްޖާގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ހަމަ އެ ވަގުތު ނާސިފުގެ މޫނަށް ހިބާ ބަލައިލިއެވެ. ބުނާ ކަހަލައެވެ. (ނުނިމޭ)