(ބުދަ ދުވަހާ ގުޅޭ)
25 މެއި 2025
(ބުދަ ދުވަހާ ގުޅޭ)
ބުނާ ކަހަލައެވެ. އަހަރެންގެ އުމުރާ އަހަންނާ އަޅައި ނުކިޔާށެވެ. ކުޑަކުއްޖެއްގެ ނަޒަރުން އަހަންނަށް ނުބަލާށެވެ. އަހަންނަކީ ތިޔަ ހީކުރާހާ ކުޑަކުއްޖެއް ނޫނެވެ. މި ސާބިތުކޮށްދެނީ އެ ކަމެވެ. ކުރިން ވެސް ސާބިތުކޮށްދިނީ އެ ކަމެވެ. ތިޔައީ އަހަންނަށް ވުރެ ދިހަ އަހަރު ދޮށީ މީހެކޭ ބުނާ އިރު، އަހަރެން މި ކުރާ އިޝާރާތްތައް ވެސް ތި އުޅެނީ ތަރުޖަމާކުރަން ނޭނގިގެންނެވެ. އެއީ ހިބާ ބުނާހެން ނާސިފަށް ހީވާ އެއްޗިއްސެވެ.
"ނުނިމޭތަ؟" ނާސިފު އެހިއެވެ.
ނާސިފުގެ ބޭނުމަކީ، ފަހަރެއްގައި ވެސް ހިބާ ކުރަމުން ދިޔަ ކަންތައް ހުއްޓުވައިލުމެއް ނޫނެވެ. ހިބާއާ ދިމާއަށް ނާސިފުގެ ހިތް ލެނބޭތީ ނާސިފު ބިރު ގަންނަނީއެވެ. ޖޮއޭންއަށް އިންތިޒާރު ކުރުން ހުއްޓައިލާނެ ގޮތެއް ނާސިފަކަށް ނުވިސްނެއެވެ.
"ހުއްޓާލަންވީތަ؟" ހިބާ ވެސް ކުރީ ސުވާލެކެވެ.
ނާސިފުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ހިބާ ހުއްޓައިލިއެވެ.
"މިހާރު އެބަ އެނގޭ ދޯ އަހަންނަށް ވެސް ހެލްޕެއް ވެވިދާނެކަން؟" ހިބާ ބުންޏެވެ. "ނާސިފު މިހާރު ވަރަށް ގިނަ ކަންތައް ކޮށްދީފި. ފޭވަރ ރިޓާން މި ކުރީ. ކުޑަކޮށް ރެސްޓު ނަގާތި! ހެލްޕެއް ބޭނުންވެއްޖެއްޔާ އަހަންނަށް ގުޅާލާ! އޯކޭތަ އިރުކޮޅަކުން ދިޔަޔަސް؟"
ހުއްދަ ދިނުމުން، ނާސިފު ނިދަން ވަންދެން ހިބާ ކޮޓަރީގައި އުޅުނެވެ. ދޭތެރެއަކުން ޓީވީ ބަލަން އިށީނދެއެވެ. ނާސިފަށް ފަސޭހަ ކޮށްދޭން ކަންކަން ކޮށްލައިދީ، ގާތުގައި އިށީނދެ އެކިއެކި ވާހަކަ ދައްކައި ވެސް ހެދިއެވެ. ކޮފީ ހަދަން ބޭނުންވާ ސާމާނު ކޮޓަރީގައި ހުރުމުން ކޮފީ ހަދައިދިނެވެ. ހީވަނީ ހިބާއަކީ ނާސިފު ބަލަން ގެންގުޅޭ އެހީތެރިއެއް ހެންނެވެ. ކިތަންމެ ފަހަރަކު ނާސިފު ބުންޏެވެ. އަހަރެން އެއްކޮށް ރަނގަޅު ވެއްޖެއެވެ. ހިބާއަކަށް އެ އަޑެއް ނީވެއެވެ. ހިބާ ބަނޑުހައިވި ވާހަކަ ބުނުމުން ނާސިފު ކޮޓަރިއަށް ކާން ގެނެސްދިނެވެ. ކެއުމުގައި ބައިވެރި ނުވިއެއް ކަމަކު ހިބާ ކައި ނިމެންދެން ގާތުގައި އިނެވެ. ފެން ތަށްޓެއް އަޅައިދިނެވެ. ކޮންމެ ފަހަރަކު ހިބާ ޝުކުރު އަދާކުރެއެވެ. ކޮންމެ ކަމެއް ނާސިފުގެ ހިތުގެ ޑައިރީގައި ނޯޓު ކުރެއެވެ. އޭގެ ތިރީގައި ލިޔެވެއެވެ. އަހަންނަށް މި ކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ ޖޮއޭންއަށް ދީފައި އެހެން މީހަކަށް ދޭން އަހަރެންގެ ހިތުގައި ބާކީ އޮތީ ކޮން ލޯތްބެއް ހެއްޔެވެ؟
"ދެން ދަނީ. ނާސިފަށް ޑިސްޓާބް ކުރަން މިރޭ މި ތާކު ނޯންނާނަން،" ދާ ވަގުތު ޖެހުމުން ހިބާ ބުންޏެވެ. "އަހަންނާ ހެދި ކަރަށް ނާރެއް އެރީތީ ވަރަށް ބޮޑަށް ސޮރީ! ލާސްޓް ނައިޓްގަ ކޮށްދިން ހުރިހާ ކަންތަކަށް ތޭންކްސް."
"ސޮރީ ބުނާ ވަރުގެ ކަމެއް ހިބާއެއް ނުކުރޭ!" ޝުކުރުވެރިކަމާ އެކުގައި ނާސިފު ބުންޏެވެ. "ތޭންކްސް ބުނަންވީ އަހަރެން. ވަރަށް ބޮޑު ވޭނަކުން ތި ސަލާމަތް ކޮށްދިނީ."
"އެކަމަކު މި ވަރުން އުޅޭ އިރު ވެސް..." އެ ހިސާބަށް ބުނެފައި ހިބާ ހުއްޓައިލިއެވެ. "ނެވަރ މައިންޑް!"
ހިބާ ދާން ހިނގައިގަތުމުން، ބޭއިހުތިޔާރުގައި ހިބާގެ އަތުގައި ނާސިފަށް ހިފުނެވެ.
"ސެންޓެންސް ނިންމާފަ ދޭ!" ނާސިފު އެދުނެވެ. "ކީކޭ ބުނަން ތި އުޅެނީ؟"
ހިބާ ދެ ފަހަރަށް ވިސްނައިލި ކަހަލައެވެ. ނާސިފަށް ބަލައިލި ގޮތުން ހީވަނީ މިހެން ބުނިހެންނެވެ. ދެން ރަނގަޅު ވާނީ މި ވާހަކަ ނުދެއްކިއްޔާއެވެ. ނާސިފު ހިތްހަމަ ނުޖެހިދާނެއެވެ. އުނދަގުލަކަށް ވެދާނެއެވެ.
"ބުނަންވީތަ؟" ހިބާ އެހިއެވެ. "ރުޅިއެއް ނާންނާނަން؟ އަހަރެން ބުނަން އުޅުނީ، މި ވަރުން އުޅޭ އިރު ވެސް ސިމެއް ވެސް ހޯދައެއް ނުދިނޭ! އެ ވަރު ކަމެއް ވެސް ކޮށްނުދިނޭ!"
ވަގުތުން ހިބާގެ އަތުން ދޫކޮށްލާފައި ނާސިފު ގޮސް ކޮޓަރިއަށް ވަދެފައި ނުކުތީ ސިމެއް ހިފައިގެންނެވެ.
"ހަނދާން ނެތިފަ މިހިރީ!" ކާޑު ދިއްކޮށްލަމުން ނާސިފު ބުންޏެވެ. "ރިޓާން ކުރާނެ ކަމެއް ވެސް ނެތް. އެކްޓިވޭޓްވެފަ އޮންނާނީ. ފުރައިގެން ދާންވީމަ އެއްލާލާ!"
ހިބާގެ މޫނުމަތިން ފެނުނީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. ގާތް އެކުވެރިއެއް ގައިގައި ބައްދައިލާހެން ބައްދައިލާފައި، ޝުކުރު އަދާކުރަމުން ކުރަމުން ހިބާ ނުކުމެގެން ދިޔައެވެ. ގަނޑުވެފައި ނާސިފަށް ހުރެވުނީއެވެ. ވަކި ހިސާބަކަށް ގޮސްފައި އައިސް ނާސިފުގެ އަތުގައި ހިފައިގެން ހިބާގެ ކޮޓަރިއަށް ހިނގައިގަތެވެ.
"ސިމް ލައްވައިދޭން ޖެހޭނެ،" ހިބާ ބުނެލިއެވެ. "ނުބައިކޮށް ލެއްވިދާނެތީ އަހަރެން ވަރަށް ބިރުގަނޭ!"
ކޮޓަރިއަށް ވަދެ ދޮރުލެއްޕިތަނައި ނާސިފަށް ހޭލެވުނެވެ. ނާސިފަށް އިނދެވުނީ ނުގޮތަކަށް ސޯފާގައި އިށީނދެގެންނެވެ. ސިމު ކާޑު ހިފައިގެން ހިބާ ނުކުތްތާ ކިތަންމެ އިރެކެވެ. ފެނުނު ހުވަފެނުގެ ފޮނިކަން އޭރު ވެސް ނާސިފުގެ އަރުތެރޭގައި ހުއްޓެވެ. ފިކުރުކުރަމުން ތެދުވެގެން ގޮސް އެނދަށް ވެއްޓިގަތް ގޮތަށް ދެން ހޭލެވުނީ ހެނދުނުއެވެ.
އެޕުރީލު މަހުގެ ހަތްވަނަ ދުވަހަކީ އާދިއްތަ ދުވަހެކެވެ. ބަންދު ދުވަހެކެވެ. ރޭގަނޑު ރެސްޓޯރަންޓަށް ވަން އިރު ވެސް ހިބާ ހުރީ ވަރަށް އުފާވެފައެވެ. ބޭރަށް ނުކުމެލަން ފުރުސަތެއް ލިބިއްޖެ ނަމަ ލާން ގެނައި ހެދުން އެ ފަދަ ދަނޑިވަޅަކާ ވަރަށް އެކަށޭނައެވެ. ތަނުގައި ހުރި ކުލަ ބޮކިތަކުގެ އަލި އެޅުމުން ހެދުމުގައި ހުރި މިނާތައް ވިދައި ބަބުޅައެވެ. ފުޅާ ފަސްބައި ކޮށި ކޮށްލައިގެން، ފުންނާބު އުސް ބޫޓުގައި ހަރުފަތްތަކުން ހިބާ އެރި އިރު ނާސިފު ހަނދާންވަނީ ސިންޑްރެއްލާއެވެ.
"އަހަންނަށް ހިނގޭލެއް ޖޯކުތަ؟" ހިބާ އެހިއެވެ. "މަންމަ ކައިރީގަ އޭރު ވެސް ބުނިން ޕްރެކްޓިސް ނުކޮށް ކިހިނެއްހޭ މި ބޫޓުގަ ހިނގާނީ؟ އަޑެއް ނޭހި. މާދަން ފުރަން އޮތިއްޔާ މިއަދު އަނެއްކާ ޑްރެސްގެ ބީޑްތައް މަންމައަށް ކަމުނުގޮސްގެން.. ހުވާ މި ބުނީ. އެ އޮތީވާ ކަމެއް."
"އެކަކު ހީވަނީ ސިންޑްރެއްލާހެން އަނެކަކު ހީވަނީ ހަޑިގިއްލާހެން." ނާސިފު މަޑުމަޑުން ބުނެލިއެވެ.
"ހޫ އިޒް ގަޑިދިއްލާ؟" ހިބާ ސުވާލުކުރިއެވެ.
ނާސިފަށް ހިނިގަނޑު ކޮންޓުރޯލެއް ނުކުރެވުނެވެ.
"އަހަރެން ލައްވާ ޑައިނަސޯ ޒަމާނުގެ އެއްޗިހި ކިއުއްވާފަ މީނަ އަދި ހޭނެ،" ގޮނޑީގައި އިށީންނަމުން ހިބާ ބުންޏެވެ. "މި ކަހަލަ ލޯބިލޯބި ކުއްޖަކާ އެއްކޮށް ޑޭޓަކަށް އަންނަ އިރު ތި ހުންނަނީ ހުކުރަށް ދާން ލާ ކަހަލަ އެއްޗިހި ލައިގެން."
ނާސިފު ލައިގެން ހުރީ ނޫކުލައިގެ، ރޮނގުދެމި، އަތްކުރު ގަމީހެކެވެ. ކަޅު ފަޓުލޫނެކެވެ. ދަށަށްނުޖެހީ ވެސް ހިބާ އެ ކަހަލަ އެއްޗެއް ބުނެފާނެތީއެވެ. އެ ވަރުން ވެސް ސަލާމަތެއް ނުވިއެވެ. ނާސިފު ދެން ވެސް އެ ކަމަކަށް ނުވިސްނައެވެ.
"ޑޭޓަކަށޭ؟ އަދި ކިރިޔާ މި އެނގުނީ،" ހިބާ ކައިރީގައި އިށީންނަމުން ނާސިފު ބުންޏެވެ. "އަހަރެން ކައިރީގަ މީހަކު ބުނީ ހޮޓަލުން ކައިކައި ފޫހިވެއްޖޭ ހިނގާބަލާށޭ ކާއެތިކޮޅެއް ދޭން، ބަނޑުހައިވެގެން މަރުވަނީއޭ! ޝުކުރު ކޮށްބަލަ ގަމީހަކާ ފަޓުލޫނެއް ލީތީ ވެސް."
"ވާހަކަ ހުއްޓާލާފަ ދޭބަލަ އެ ގޮނޑިއަށް،" ގޮނޑި ދައްކަމުން ހިބާ ބުންޏެވެ. "މީ ހާދަހާ އޯލްޑް ފެޝަން މީހެކޭ! ހުވާ މި ބުނީ. ޑިނާއަށް އައިސް ތިބެން ވާނީ.."
"އޯކޭއޯކޭ!" ޝަކުވާ ކުރަމުން ނާސިފު ތެދުވެގެން ގޮސް ކުރިމަތީގައި އިށީނެވެ. "ހެޕީ؟"
"ދެން ބުނޭ! އަހަރެން ލޯބިތަ؟" ހިނިތުންވެލާފައި، ތުއި ގޮތަކަށް ހިބާ ބުނެލިއެވެ.
ނާސިފު ނިކަން ފަރުވާތެރިކަމާ އެކުގައި ހިބާއަށް ބަލައިލިއެވެ. ބުނާނީ ކީކޭ ކަމެއް ނާސިފަކަށް ނޭނގުނެވެ. ހިބާގެ އިސްތަށިގަނޑާއި، މޭކަޕާއި، ކަރުގައި އޮތް ފަށާއި، ކަންފަތުގައިވާ ބޮޅަށް އެތައް ފަހަރަކު ނާސިފަށް ބެލިއްޖެއެވެ. އަތުގައި އޮތް ކެވެލިކޮޅާއި، އިނގިލީގައި އޮތް އަނގޮޓި އާއި ނިޔަފަތީގައި ހުރި ކުލަތައް ނާސިފު ހިތުދަހެވެ. ލޯ މެރިޔަސް އެ މަންޒަރު ނާސިފަށް ފެންނާނެއެވެ. އެއީ ނާސިފަށް ކަމުނުދިޔަ ކުއްޖާއެވެ. އެންމެ ފޫހިވި ކުއްޖާއެވެ. އެ ހުރިހައި ކަމެއް ބަދަލުވީ ކިހިނެއް ކަމެއް ނާސިފަކަށް ވެސް ނޭނގެއެވެ. އެ ވަގުތު ހިބާއަށް ފޯނެއް ނައި ނަމަ، ނާސިފުގެ ދިރިއުޅުން އާ ފެށުމަކުން ފެށުނީހެވެ.
"އަދި ވީޑިޔޯ ކޯލެކޭ އެ ކުރީ ވެސް." ހިބާ އެހެން ބުނަމުން ފޯނުނެގިއެވެ. "އާނ ކީކޭ މަންމާ؟"
"ދަރިފުޅު ގުޅާފަ އޮތީމަ!" މަންމަގެ އަޑު ނާސިފަށް އިވުނެވެ. "ބިޒީ ގަޑިއެއްތަ؟"
"ނޫން! ކޮން ބިޒީއެއް ވާނީ މަންމާ؟" ވަރަށް ހަމަޖެހިލާފައި ހިބާ ބުންޏެވެ. "ހެދުން ދައްކާލަން ވެގެން ގުޅީ. މީ ކާކުކަން އެނގޭތަ މަންމައަށް؟"
ހިބާ އެހެން ބުނެފައި ނާސިފުއާ ދިމާއަށް ފޯނު އަނބުރައިލިއެވެ. ނާސިފަށް ބަދޫރާ ފެނުނެވެ. ބަދޫރާއަށް ވެސް ނާސިފު ފެނުނެވެ. އެހެނަސް، ނާސިފަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އަނެއްކާ ވެސް ހިބާއާ ދިމާއަށް ފޯނު އަނބުރައިލިއެވެ.
"އެއީ މަގޭ ފްރެންޑެއް،" ހިބާ ބުނީ އެހެންނެވެ. "އަހަރުމެން މި ތިބީ ރެސްޓޯރަންޓަކަށް ކާން އައިހޭ މަންމާ! މިހިރީ މި ތަން ހުރި ގޮތް."
ތަން ފެންނަ ގޮތަށް ހިބާ ފޯނު އަނބުރައިލިއެވެ. ބަދޫރާ ބަލަން ބޭނުންވީ އެ ތަނެއް ނޫނެވެ.
"ދަރިފުޅުގެ ފްރެންޑް ދައްކަބަލަ މަންމައަށް،" ބަދޫރާ އެދުނެވެ. "މަންމަ ބޭނުން ވާހަކަ ދައްކާލަން."
ނާސިފު ހީކުރީ ހިބާ އިންކާރު ކުރާނެ ކަމަށެވެ. އެކަމަކު ހިބާ އަނެއްކާ ވެސް ފޯނު އަނބުރައިލިއެވެ. މަންމަ ތަންކޮޅެއް ފޯނާ ކައިރިވެލިއެވެ. ނާސިފު ފެންނަން ހުއްޓަސް މަންމަ ވާހަކަ ދެއްކީ ހިބާއާއެވެ.
"ކޮން ނަމެއް މީނައަށް ކިޔަނީ؟" މަންމަ ސުވާލުކުރިއެވެ.
"މަންމަ އަހާބަލަ! ކީއް ކުރަން އަހަރެން ކައިރީ ތި އަހަނީ؟" ހިބާ ނިކަން ލާނެތް ގޮތަކަށް ބުންޏެވެ. "އޭނަ ވަރަށް ނައިސްވާނޭ މަންމާ! އަހަން ތި އުޅޭ އެއްޗެއް އަހާބަލަ!"
"އަޅުގަނޑަށް ކިޔަނީ ނާސިފު." ނާސިފަށް މަޖުބޫރުވީ ވާހަކަ ދައްކާށެވެ.
"ދިވެއްސެއް ދޯ؟" ހިނި އައިސްފައި ބަދޫރާ ބުންޏެވެ. "މަންމަ ހީކުރީ އިންޑިޔާ މީހެއް ކަމަށް."
ހިބާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އެތައް އިރެއްވީ އިރު ވެސް ހުއްޓާލާކަށް ނޭނގުނެވެ. ކާން އިން އިރު ވެސް، ކައި ނިމިގެން ހޮޓަލަށް އައި އިރު ވެސް ހިބާ އިރުއިރުކޮޅާ ހީނގަނެއެވެ.
"މަންމަ ހީކުރީ ތީ ނާސިފު ކުމާރު ކަމަށް،" ހެމުންހެމުން ހިބާ ބުންޏެވެ. "ނޫނީ ނާސިފު ސިންގް!"
"ހަމަ ޔަގީން މި ރޭ ތަންމައްޗަށް ހީސްލާނެ،" ނާސިފު ބުންޏެވެ. "ވަރަކަށް ހީފިއޭ!"
"ހެވޭނެއްނު! ހާދަ ވާހަކަ އެކޭ ދޯ މަންމަ ދެއްކީ،" ކޮޓަރީގެ ދޮރާ ހަމައަށް ހުއްޓިފައި ހިބާ ބުންޏެވެ. "ފޯނު ބާއްވާކަށް ވެސް ނޫޅުނު. ހަމަ ސުވާލު ކުރަނީ ސުވާލު ކުރަނީ. މަންމައަށް މީހަކު ވަރަށް ކަމުދިޔައިމަ އެ ވަރަށް ވާހަކަ ދައްކާނީ. މަ ވަރަށް އުފާވެއްޖެ މަންމަ އެހާ ލައިކުވީމަ."
ވަކިވަމުން ހިބާ ބުނީ އެހެންނެވެ. އެ ހިސާބުން ނާސިފު އެ ކަމާ ވިސްނަން ޖެހިއްޖެއެވެ. އެހެނަސް ހުރިހައި ކަމެއް ބަދަލުވެގެން ދިޔައީ ނާސިފަށް އައި މެސެޖަކުންނެވެ. އެއީ ރިކޯޑު ކޮށްފައިވާ ކުރު މެސެޖެކެވެ.
"އަހަރެން ވަރިކޮށްފި!" ކުރެހިފައިވާ އަޑަކުން ޖޮއޭން ބުނެލި އަޑުއިވުނެވެ. (ނުނިމޭ)