Roadha Mihaaru

ވާހަކަ- ހިބާ

(އާދިއްތަ ދުވަހާ ގުޅޭ)

ވާހަކަ- ހިބާ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

28 މެއި 2025

(އާދިއްތަ ދުވަހާ ގުޅޭ)

"އަހަރެން ވަރިކޮށްފި!" ކުރެހިފައިވާ އަޑަކުން ޖޮއޭން ބުނެލި އަޑުއިވުނެވެ.

އެ ޖުމުލައަށް ފަހު ޖޮއޭން އެހެން އެއްޗެއް ބުނަން އުޅުނު ހެން ނާސިފަށް ހީވިއެވެ. އެހެނަސް، ދުރުން އިވުނު ފިރިހެނެއްގެ އަޑާ އެކު ޖޮއޭންގެ އަޑު ކެނޑުނީއެވެ. ދެވަނަ ފަހަރަށް ނާސިފު އަޑުއެހިއެވެ. ޖޮއޭން ހުރި ތަނަކަށް މީހަކު ނުވަތަ ބަޔަކު ވަނީކަން އެ ފަހަރު ނާސިފަށް ކަށަވަރުވިއެވެ. ނާސިފު ވަގުތުން ޖޮއޭންއަށް ގުޅިއެވެ. ޖޮއޭންގެ ފޯނު އޮންނަނީ ނިއްވައިލައިފައެވެ. ނާސިފު މެސެޖު ކުރިއެވެ. އެންމެ ކުރީ ޒަމާނުގައި އީމެއިލު ފޮނުވި އެޑުރެހަށް މެއިލް ވެސް ފޮނުވިއެވެ. ދެން ހިތަށް އެރިއެވެ. އެ ޚަބަރު ނޫސްތަކުގައި އޮންނާނެއެވެ. ނޫނެކެވެ. އެއްވެސް ނޫހަކު އެ ވާހަކައެއް ނެތެވެ. އެހެނަސް، އެ ރޭގެ ކޮންމެވެސް ވަގުތެއްގައި ޖޮއޭން އާއި އޭނާގެ ފިރިމީހާ އެކުގައި ހަފުލާއަކަށް ގޮސް ހުއްޓައި ނަގާފައިވާ ފޮޓޯއެއް ފެނުނެވެ. އެއީ ޖޯޑަންގެ ގައުމީ ޓީމު ހޯދި ކާމިޔާބަކާ ގުޅިގެން ބޭއްވި ރަސްމިއްޔާތެކެވެ. ޖޮއޭން ހުރީ ވަރަށް ހިނި އައިސްފައެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވާ ހަގީގަތް އެނގެނީ ނާސިފަށް އެކަންޏެވެ. ފޮޓޯއަށް ބަލަން އިންދައި މެސެޖެއް އައެވެ.

"އަހަރެންގެ ފޯނު އަތުލައިފި،" ނުދަންނަ ނަންބަރަކުން އައި މެސެޖުގައި އޮތީ އެހެންނެވެ. "މި ނަންބަރަށް ގުޅާ!"

ނާސިފު ވަގުތުން އެ ނަންބަރަށް ގުޅިއެވެ. މެދުއިރުމަތީ ގައުމުތަކުގައި ކަންކަން ސިއްރު ކުރުމާއި، ޖާސޫސް ކުރުމާއި، އަދަބު ދިނުމުގައި އެއްވެސް މިންގަނޑެއް ނޯންނަކަން ނާސިފަށް އެނގެއެވެ. އެ ވާހަކަތައް ކިޔައިދީފައި ވަނީ ޖޮއޭންއެވެ. ކިޔަވަން އުޅުނު އިރުއެވެ. ޖޮއޭންގެ ވަރަށް ގިނަ ރައްޓެހިން އެ ހިސާބުގަނޑުގައި އުޅެއެވެ. ބައެއް ގައުމުތަކުގެ ވެރިކަން ކުރާ އާއިލާގެ ނުފޫޒާއި އަނިޔާވެރިކަމާއި ޒާތީ ހަސަދަ ވެސް އޮންނަނީ ހައްދުފަހަނައަޅައިފައެވެ. ރަސްގެފާނުގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ، އަދަބު ދިނުމުގައި ދުރު ހިލޭ މީހެއް، އަންބެއް، ބޮޑުބޭބެއެއް، ބަފައިބެއެއް، ދަނބިދަރިއެއް ނުވަތަ ޅީދަރިއެއް ތަފާތެއް ނުކުރެއެވެ.

ނާސިފު ގުޅުމުން ފޯނު ނަގާނީ ކާކު ކަމެއް ނާސިފަކަށް ނޭނގެއެވެ. އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ފާރަލާން ބޭނުންކުރާ ޕެގާސަސްއަކީ، އޭގެ ދެވަނައެއް ނުވާ ސްޕައިވެއާއެކެވެ. ހަމަ އެކަނި ބޭނުންވާނީ ފޯނު ނަންބަރެވެ. ފޯނުގެ ވެރިމީހާއަށް އެނގުމެއް ކެހުމެއް ނެތި ސިއްރުން ފޯނަށް އެ ސޮފްޓުވެއާ އިންސްޓޯލުވާނެއެވެ. ފޯނުގެ ހުރިހައި އެއްޗެއް ކޮޕީކޮށް، ކެމެރާ އާއި މައިކު ޖައްސައި، ފޯނު އޮތް ތަނަށް ދާންދެން ހޯދާނެއެވެ. ކުޑަމިނުން ޕެގާސަސް ފޯނުގައި އޮތްކަން ކަށަވަރު ކުރެވޭނެ ގޮތެއް ވެސް ނޯވެއެވެ. އެތައް މިލިޔަން ޑޮލަރެއްގެ އަގު ހުރި އެ ސޮފްޓުވެއާއަކީ ހަމަ އެކަނި ސަރުކާރުތަކަށް ވިއްކާ އެއްޗެކެވެ. އެ ހުރިހައި ކަމެއް އެނގި ހުރެ، އަމިއްލަ ފޯނުން ނާސިފު ގުޅިއެވެ. ހަމަ ގުޅާ އިރަށް ފޯނުނެގިއެވެ. ވާހަކައެއް ނުދެއްކިއެވެ. އެއް ފަހަރު ހަލޯ ކިޔުމަކީ ވެސް ނާސިފަށް ހެދުނު ގޯހެކެވެ. ދެން ނާސިފު ފޯނު ކަނޑައިލީއެވެ.

ފަތިހު ނާސިފަށް ހޭލެވުނީ ނޭވާލާން އުނދަގޫވެގެންނެވެ. އޭރު ކަރު ތެރެ ހުރީ ރާޅުވެފައެވެ. އެއީ ވަރަށް ބޮޑަށް އެލާޖިކުވުމުން ނާސިފަށް ކުރިން ވެސް ވާ ގޮތެކެވެ. ހިންދިރުވައިލުމުން ކަރުގައި ރިއްސައެވެ. ނާސިފު ހިތަށް އެރިއެވެ. ޖައްވު އެހައި ނުސާފު އިރު އަހަރެން ބޭރަށް ނުކުތީމައި ވީ ގޮތެކެވެ. އެ ކަމަށް ކާ ބޭސް ކައިގެން ނާސިފު ކުލާހަށް ދާން ތައްޔާރުވިއެވެ. އޭރު ވެސް ޖޮއޭންގެ ޚަބަރެއް ނުވެއެވެ. ނާސިފު ސައިބޯން ރެސްޓޯރަންޓުގައި އިނދެގެން ނޫސްތައް ބެލިއެވެ. ޖޮއޭންގެ ވަރިޔާ ބެހޭ ވާހަކައެއް އެއްވެސް ނޫހަކު ނެތެވެ.

އެއީ ހަމަ ނުވާ ކަމެއް ކަހަލައެވެ.

"މޯނިންގް!" ހިބާގެ އަޑުއިވުނެވެ.

ނާސިފު ފުރަތަމަ ޖެހުނީ ކަރުކެހިލާށެވެ. ކައިރީގައި ހުރި ހޫނު ކޮފީތަށިން އެތި ފޮދެއް ބޯލާށެވެ.

"ގުޑް.." އަނެއްކާ ވެސް ނާސިފު ކަރުކެހިލިއެވެ. "މޯނިންގް!"

"އާ ޔޫ އޯކޭ؟" ހިބާ ސުވާލުކުރިއެވެ.

"ނޫން!" ނާސިފު ބުންޏެވެ. "ރޭގަ ބޭރަށް ނުކުތީމަ.."

"ހީވެއްޖޭ!" ހިބާ ބުންޏެވެ. "ބޭބެއަށް ވެސް ހަމަ ތިހެން ވާނީ. ވެއިޓް!"

ހިބާ ދިޔަ ވަގުތު އެލިޒަބަތު ގުޅިއެވެ.

"ގުޑް މޯނިންގް!" ނާސިފު ބުންޏެވެ. "ހާދަ ހެނދުނަކާ؟"

"މި ގެއަށް އާދެވިދާނެތަ؟" ދެރަވެފައިވާ އަޑަކުން އެލިޒަބަތު އެހިއެވެ. "މިހާރު މި ވަގުތު."

"މި ދަނީ ކުލާ..." އެ ހިސާބަށް ނާސިފު ބުނުމުން އެލިޒަބަތު ފޯނު ކަނޑައިލިއެވެ.

ނާސިފު ދިޔައީ ސިއްސައިގެންނެވެ. އަލުން ގުޅައިލަން ފޯނަށް ބަލައިލި ވަގުތު މެސެޖެއް އައެވެ.

"އަޅާނުލާ!" އެލިޒަބަތު ބުނެފައި އޮތެވެ. "ހެޔޮ ނަޔަސް."

އެލިޒަބަތަށް ގުޅަން ހިތަށް އެރި ވަގުތު، ޖޫސްތަށްޓެއް ކަހަލަ އެއްޗެއް ހިފައިގެން ހިބާ އައެވެ.

"ސައިބޮއިގެން މި ބޯލާ!" އޯގާތެރި ރާގެއްގައި ހިބާ ބުންޏެވެ. "އެހާ މީރެއް ނުވާނެ އިނގޭ! އެކަމަކު ހަމަޖެހިލައިގެން ކުލާހުގަ އިނދެވޭނެ. މިއަދު ދެން ފިނި އެއްޗެއް ނުބޯތި! ޗީޒް އެޅި އެއްޗެއް ނުކާތި! ހަވީރު ކުލާސް ނިންމާފަ އަންނަ ގޮތަށް ހޮޓަލަށް އަންނާތި! ބޭރުގަ ނޫޅޭތި! އަހަރެން މިއަދު ތަންކޮޅެއް އަވަހަށް ނިމޭނެ. ބަހައްޓާނަން އެއްޗެއް ރެޑީކޮށްފަ."

"ކޮން ތާކަށް މަ ދާނީ؟" ނާސިފު ބުންޏެވެ. "އިށީނދެ ސައިބޯން."

ބުފޭއިން އެއްޗެހި އަޅައިގެން ހިބާ އައިސް ނާސިފުގެ ކުރިމަތީގައި އިށީނެވެ. ހިބާ ލައިގެން ހުރީ ވީ ކަރު، ބޮޑު ގިރުވާންލީ، ގަޔަށް ބާރު ޓޮޕެކެވެ. ހެދުމުގެ ކުރިމަތިން ފަޅައި، ދިވެހި އެއް ރުފިޔާ ސައިޒުގެ ތިން ގޮށް ލާފައިވެއެވެ. އުނަގަނޑަށް ވުރެ ތަންކޮޅެއް ތިރިޔަށް ހުރި އެ ހެދުމުގެ އަތުކުރި ހުރީ އުޅަނބޮށްޓަށް ވުރެ ތަންކޮޅެއް ދިގުކޮށެވެ. ތިރިން ލައިގެން ހުރީ، އެތެރެއަށް ތިން ރޫ ނަގާފައިވާ، ކަކުލަށް ވުރެ ކުޑަ ތަންކޮޅެއް މައްޗަށް ހުރި ކަޅު ސްކާޓެކެވެ. އެ ހެދުން ހިބާއާ ވަރަށް ގުޅެއެވެ. ނަލަ ވެސް މެއެވެ. އިސްތަށިގަނޑަށް ބަލައިލުމުން ހީވަނީ ދެންމެ ފެންވަރައިގެން ނުކުތްހެންނެވެ. ތާޒާވެފައި ހިތްގައިމެވެ. މަޑުމަޑު ފިޔާތޮށިކުލައިގެ ލިޕުސްޓިކު ޖައްސައިފައި ހުރީ، ގުދުރަތީ ރީތިކަމަށް ކަމޭހިތައި، އައިބުނުވާ ވަރަށެވެ.

"ސޭ އިޓް!" ހިބާ ބުނެލިއެވެ.

ހިބާއަށް ކަޅި ހުއްޓައިލައިގެން ގާވެފައި އިން ނާސިފަށް ދިރުންއައެވެ. ޓޯސްޓުފޮތި ނަގައި އޭގައި މާމަލޭޑް ޖަހަން ފެށިއެވެ. ބަލަންވާ ވަރަށް ވުރެ މާ ގިނަ އިރު ބެލިއްޖެކަން ނާސިފަށް ވެސް ގަބޫލުކުރެވުނެވެ.

"ކީކޭ ބުނަންވީ؟" ޕާންފޮއްޗަށް ބަލަން އިނދެ ނާސިފު އެހިއެވެ.

"ނޭނގެ މަށަކަށް،" ލާނެތް ރާގަކަށް ހިބާ ބުންޏެވެ. "ތިއެއް ނޫނޭ! މަންމަ ފަހުން ވެސް ގުޅި. ބުނީ ކޮބާހޯ އޭނަ؟ އެ ދެން މަންމައަށް ނާސިފު ވަރަށް ކަމުދިޔައީ. އެންމެ ލައިކުވާ މީހުންނަކަށް މަންމަ ނަމަކުން ނުކިޔާނެ."

އެ ދުވަހަކީ ނާސިފުގެ އަމުރަށް ސިކުނޑި ތަބާނުވި ދުވަހެކެވެ. ކަރަކު ނުރިއްސައެވެ. ކިޔަވައިދޭ މީހާއަށް ބަލަހައްޓައިގެން އިންނަ އިރު ވެސް ނާސިފު ބޭނުންވަނީ ތަނެއްގައި އޮށޯވެލާށެވެ. އެއީ އެލާޖިކުގެ އުނދަގުލެވެ. މެންދުރަށް މެދުކަނޑައިލި އިރު އެލިޒަބަތު ބައްޕަގެ ހަތަރު ކޯލު އައިސްފައި އޮތެވެ. ނާސިފު ގުޅިއެވެ.

"އެނގޭ ބިޒީވާނެކަން. އިރުއިރުކޮޅާ މި ގެއަށް ނާދެވޭނެކަން،" ނާސިފަށް ފުރުސަތެއް ނުދީ ޖޯން ވާހަކަ ދެއްކިއެވެ. "އަހަރެންގެ ދަރިފުޅަށް ނަސޭހަތެއް ދެވޭނެ ހަމަ އެކަނި މީހަކީ ތީ."

ނާސިފުގެ ބަލިކަމާއި ނުދެވޭނެ ކަމާއި ހާލަތު ކިޔައިދޭން ނާސިފު އުޅުނެވެ. ޖޯން އަޑެއް ނޭހިއެވެ.

"އިހަށް އަހަރެންގެ ވާހަކަ އަޑުއަހާ!" ޖޯން އެދުނެވެ. "އަހަރެން ގަބޫލުކުރަމޭ! އެކަމަކު މި ދަނޑިވަޅުގަ އަހަންނަށް ވުރެ އަމިއްލަ އެދުން ބޮޑު މީހަކު ވެސް ނުހުންނާނެ. ހެނދުނުއްސުރެ ދަރިފުޅު އެއްޗެއް ނުކައި. ނުވެސް ނުކުމޭ! ހީވޭތަ އެއްވެސް މީހެއްގެ އުޒުރެއް އަހަރެން ގަބޫލު ކުރާނެހެން؟ އިންތިޒާރުގަ މިހިރީ."

ޖޯން ފޯނުކަނޑައިލީއެވެ. ކުލާސް ނިމުމުން ނާސިފު ދިޔައީ އެލިޒަބަތުގެ ގެއަށެވެ. ގެއަށް ވަން އިރު ވެސް އިވެނީ ދޮރެއްގައި ތަޅާ އަޑެވެ. ގޮތް ހުސްވެފައިވާ ބައްޕައެއްގެ އާދޭހެވެ.

"ދަރިފުޅާ! ދެން ދޮރު ހުޅުވާ! ވާހަކަ ދައްކަދައްކާ މިހާރު އަނގަވާޅުވެއްޖޭ!" ޖޯންގެ އަޑުއިވެއެވެ. "މިހާރު އޭނަ އަންނާނޭ ދަރިފުޅާ! ރައްޓެހިންނަށް ޖެހޭނެ އިތުބާރު ކުރަން."

"ދޮރުގަ ނުތަޅާ ބައްޕަ ދާން އުޅޭ!" އެލިޒަބަތު ބުނާ އަޑުއިވެއެވެ. "އެކަކު ވެސް އަހަންނާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވާނެ. އަހަންނަކީ ފޫހި މީހެއް. ސުންޕާ މީހެއް. ބައްޕަ ކީއްކުރަންތަ ފާޑުފާޑުގެ މީހުން ތަންތަނުން ހޯދައިގެން ތި ގެންނަނީ؟ އަހަރެން ބުނީމަ ކުލާސް ދޫކޮށްނުލެވޭ މީހެއް އެއީ. އޭނަ ދެން މި ގެއަކަށް ނާންނާނެ."

އޭރު ޖޯންއަށް ނާސިފު ފެނިއްޖެއެވެ. އެ ވާހަކަ ބުނަން އުޅެން ފެށުމުން ނާސިފު އެ ކަން މަނާކުރިއެވެ. އަތުގެ ހަރަކާތުން، އަހަރެން ތި ކަން ހަމަޖައްސާނަމޭ ޖޯން ދާށޭ ބުންޏެވެ.

"ތެދެއް ތި ބުނީ!" ނާސިފު ބުންޏެވެ. "ދެން އޭނަ މި ގެއަށް ވަދެއްޖެއްޔާ ބަނދެފަ ބައިންދާ! ހާދަހާ ފޮނި މީހެކޭ އެއީ. އަޅެ ކުލާހަށް ދާ މަގުމަތީގަ ގެއަށް ވަދެލާފަ ހަލޯ ބުނެލެވޭނެ ދޯ؟"

އެލިޒަބަތު އެއްޗެއް ނުބުންޏެވެ. ނާސިފު ބުނާނެ ބައިވަރު އެއްޗެހި ހުއްޓެވެ.

"މާ މޮޅު މީހަކަށް ވެގެން މި ގެއަށް އައިސް، ފޮނިކަނޑާފަ ގޮސް ފިލީޔޭ!" ނާސިފު ވާހަކަ ދެއްކީ އެލިޒަބަތާ އެއްކޮޅަށެވެ. "އަހަރެން މީ ލިޒް ނަމަ ދުވަހަކު ވެސް ދެން އޭނަޔަކާ ވާހަކައެއް ނުދައްކާނަން."

އެލިޒަބަތު ކުއްލިއަކަށް ދޮރު ހުޅުވައިލިއެވެ. އޭނަގެ ދޮން މޫނު ހުރީ، ރޮއިރޮއި ރަތްވެފައެވެ.

"ދެން އެހެން ނަހަދައްޗޭ!" އެލިޒަބަތު އެދުނެވެ. "ވަދެބަލަ!"

ނާސިފަށް ފެނުނީ ފާރުގައި އެލިޒަބަތު ލިޔެފައި ހުރި ލިޔުންތަކުގެ މަތީގައި ކަރުދާސް ތަތްކޮށްފައި ހުއްޓައެވެ.

އެ މަންޒަރު ފެނިފައި ނާސިފު ހައިރާންވިއެވެ.

"މި ދައްކާލަން ބޭނުންވީ!" އެލިޒަބަތު ބުންޏެވެ. "އަހަންނަށް ހިތްވަރު ލިބިއްޖެ!"

ހިބާ އިނީ ގަޑިއަށް ބަލަހައްޓައިގެންނެވެ. ދެ ކުލައެއްގެ ދެ ތަށި ނާސިފަށް ޓަކައި ހުރީ ތައްޔާރުވެފައެވެ. އާވިއަރުވަން ތައްޔާރުކުރި ބޯތަށިން ވެސް ހުރީ ދުންއަރައަރައެވެ. ކުލާސް ނިމުނުތާ ބައިގަޑިއިރު ވީ އިރު ވެސް ނާސިފުގެ ޚަބަރެއް ނުވިއެވެ. ހިބާ ހިތަށް އެރިއެވެ. ނާސިފަށް ޓަކައި ހިބާ ތައްޔާރު ވެގެން ހުރި ވަރު ނާސިފަށް ދައްކައިލާނަމެވެ. ވަރަށް ހިނިއައިސްފައި ވީޑިޔޯކޯލެއް ކޮށްލިއެވެ. ތަށިތަކާއި ހިބާ ފެންނަ ގޮތަށް ފޯނު ދިއްކޮށްލިއެވެ. އިރުކޮޅެއް ވެފައި ފޯނު ނެގިއެވެ. ފެންނަން ހުރީ ބިދޭސީ އަންހެންކުއްޖެކެވެ. (ނުނިމޭ)