Roadha Mihaaru
ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި

ވިލާ ކޮލެޖުގެ "ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް" ފަށައިފި

06 ނޮވެމްބަރ 2021

ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން އިން ކުރިއަށްގެންދާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" (އައިސީއެސްއާރުއައި) މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން އިން ކުރިއަށްގެންދާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" (އައިސީއެސްއާރުއައި) މިއަދު ފަށައިފި އެވެ.

ވިލާ ކޮލެޖުގައި ކުރިއަށްގެންދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. މި ކޮންފަރެންސްގެ ކީނޯޓް ސްޕީޗު ވެސް ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރެވެ.

ރާއްޖޭގައި ރިސާޗް ހަދާ މީހުންނަށް ބައިނަލްއަގުވާމީ ޕްލެޓްފޯމެއް ހޯދައިދޭން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ކޮންފަރެންސްގައި އެކި ދާއިރާތަޖުން ރިސާޗް ކަރުދާސް ހުށަހަޅަ އެވެ. މި އަހަރުގެ ކޮންފަރެންސަށް އަށް ދާއިރާއަކުން 57 ކަރުދާސް ވަނީ ހުށަހަޅައިފަ އެވެ.

އައިސީއެސްއާރުއައި ގެ ބައިވެރިންތަކެއް ކޮންފަރެންސް ފެށުމުގެ ރަސްްމިއްޔާތުގައި ބައިވެރިވެލައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އައިސީއެސްއާރުއައި ގެ ބައިވެރިންތަކެއް ކޮންފަރެންސް ފެށުމުގެ ރަސްްމިއްޔާތުގައި ބައިވެރިވެލައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަހަރުގެ ކޮންފަރެންސަށް ކަރުދާސް ހުށަހަޅައިފައިވާ ދާއިރާތައް

- ޕޮލިޓިކްސް، ޕޮލިސީ، ލޯ އެންޑް ގަވަނަންސް

- ބިޒްނަސް، މެނޭޖްމަންޓް، ފިނޭންސް އެންޑް ކޯޕަރޭޓް ގަވަނަންސް

- އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ

- ލެންގުއެޖް، މީޑިއާ އެންޑް ކޮމިއުނިކޭޝަން

- ސައިކޮލޮޖީ، އެޑިއުކޭޝަން އެންޑް ޑެވެލޮޕްމަންޓް

- ހެލްތު، ނާސިން އެންޑް ސޯޝަލް ވޯކް

- ރިލިޖަން، އާޓް، ކަލްޗާ އެންޑް ޓޫރިޒަމް

- ސޯޝަލް ސައިންސް

މި ދާއިރާތަކުން ހުށަހަޅާފައިވާ ކަރުދާސްތައް ހިމެނޭ "އިންޓަނޭޝަނަލް ޖާނަލް އޮފް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" ވެސް ވަނީ މި ހަފްލާގައި ތައާރަފު ކޮށްފަ އެވެ.

މިއަދާ މާދަމާ ކުރިއަށްގެންދާ މި ކޮންފަރެންސުގެ ސަބަބުން ރިސާޗް ހަދާ މީހުންނާއި ލެކްޗަރާއިންނާއި ދަރިވަރުންނާއި ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުން ބައްދަލުވެ މައުލޫމާތާއި ހިޔާލު ބަދަލު ކުރެވޭނެ އެވެ. އަދި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ކީނޯޓް ސްޕީޗުތަކާއި ޕެނަލް ޑިސްކަޝަންތައް ވެސް މި ކޮންފަރެންސުގައި އޮންނާނެ އެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު މިއަދުގެ ހަފްލާގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު މިއަދުގެ ހަފްލާގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ރިސާޗަކީ އެކި ދާއިރާތަކުން ޕޮލިސީތައް ހެދުމުގައްޔާއި އެހެނިހެން ފިޔަވަޅުތައް އެޅުމުގައި މުހިންމު ދާއިރާއެއް ކަމަށެވެ. އަދި ރާއްޖޭގައި ރިސާޗު ކުރާ މީހުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ވިލާ ކޮލެޖުގެ މުވައްޒަފުންނަށް ރިސާޗް ހެދުމަށް އަބަދުވެސް ބާރު އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ދުނިޔެ މަސައްކަތް ކުރަމުން އަންނައިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިސާޗް ކުރާ ފަރާތްތައް އެބަޖެހޭ މިކަމުން އަރައިގަންނާނެ އެންމެ ރަނގަޅު ގޮތްތައް ހޯދަން. މި ދަނޑިވަޅު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި ވެކްސިން އުފެއްދުމަށާއި އަވަސް ފިޔަވަޅުތައް އަޅަން، ސައިންސާއި ރިސާޗްގެ ސަބަބުން ފަސޭހަވެގެންދިޔަ،" އަހުމަދު އަންވަރު ވިދާޅުވި އެވެ.

އައިސީއެސްއާރުއައި ފެށުމުގެ ރަސްމިއްޔާތު-- ފޮޓޯ: ނިޝާން އަލީ/މިހާރު

އައިސީއެސްއާރުއައި ފެށުމުގެ ރަސްމިއްޔާތު-- ފޮޓޯ: ނިޝާން އަލީ/މިހާރު

ވިލާ ކޮލެޖުން އަންނަނީ 2016ވަނަ އަހަަރުން ފެށިގެން ކޮންމެ އަހަރަކު މި ކޮންފަރެންސް ބާއްވަމުންނެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު މި ކޮންފަރެންސް ނުބާއްވަ އެވެ. އަންނަ އަހަރުގެ ކޮންފަރެންސް މާދަމާ އިއުލާން ކުރާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "ބިލްޑިން ބެކް ބެޓާ: އަ ރެޒިލިއެންޓް ފިއުޗާ ފޮ އޯލް" އެވެ.