Roadha Mihaaru
ޓިކެޓް ވިއްކާ އަގު ރައީސްގެ އެދުމަކަށް ހެޔޮކޮށްފި

ދިވެހިންނަށް ޓިކެޓް ވިއްކާ އަގު 3،000 ރުޕީސް އަށް ހެޔޮކޮށްފި

07 ނޮވެމްބަރ 2021

މާދަމާ ލަންކާގައި ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ދިވެހިންނަށް އަގުބޮޑުކޮށް ޓިކެޓް ވިއްކާތީ ދިވެހި ސަޕޯޓަރުންގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ އެދުމަކަށް، ދިވެހިންނަށް ޓިކެޓް ވިއްކާ އަގު 3000 ރުޕީސް އަށް ހެޔޮކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މާދަމާ ލަންކާގައި ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ދިވެހިންނަށް އަގުބޮޑުކޮށް ޓިކެޓް ވިއްކާތީ ދިވެހި ސަޕޯޓަރުންގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ އެދުމަކަށް، ދިވެހިންނަށް ޓިކެޓް ވިއްކާ އަގު 3000 ރުޕީސް އަށް ހެޔޮކޮށްފި އެވެ.

މާދަމާ ރޭ ރާއްޖެ އާއި ލަންކާ ކުޅޭ މެޗަށް، ދިވެހިންނަށް ޓިކެޓް ވިއްކަން، ފުޓްބޯލް ސްރީލަންކާ އިން އެންމެ ފުރަތަމަ އަގުކަނޑައެޅީ ޓިކެޓެއްގެ އަގު 5،000 ރުޕީސްގެ މަގުންނެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންނަށް ޓިކެޓް ވިއްކާ އަގު ހެޔޮ ކުރުމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޖަސްވާރް އުމަރު އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"މިހާރު އެބޭފުޅުން ވަނީ ދިވެހިންނަށް 3،000 ރުޕީސް (15 ޑޮލަރަށް) ޓިކެޓް އަގު ދަށް ކުރަން އެއްބަސް ވެފައި،" ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވެ އެވެ.

މަހްލޫފްގެ ޓްވީޓް

މިނިސްޓަރު ވިދާޅުވީ މިހާރު ދިވެހި ސަޕޯޓަރުން ތިބެން ހަމަޖައްސާފައި ވަނީ މުބާރާތް ކުޅޭ ރޭސް ކޯޒް ސްޓޭޑިއަމްގެ އެހެން ބްލޮކެއް ކަމަށެވެ.

ދިވެހިންނަށް ޓިކެޓު ވިއްކާނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުން ކަމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަންގެ އިއުލާނުގައި ވެ އެވެ. ޓިކެޓް ވިއްކަން ފަށާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު ތިނަކުން ހަވީރު ހައެއް ޖަހަންދެނެވެ. މާދަމާ ޓިކެޓް ވިއްކާނީ ހެނދުނު 11 އިން މެންދުރު ފަހު ދޭއް ޖަހަންދެންނެވެ. ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ލަންކާ ގަޑިން އަށެއް ޖަހާއިރު އެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 އެވެ.

ރާއްޖެ އާއި ލަންކާ މާދަމާ ރޭ ކުޅޭ މެޗަށް ލަންކާ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަނީ 200 ރުޕީސް އަށެވެ.

ޓިކެޓްގެ އަގު ކަނޑައެޅުމުގައި ގެންގުޅޭ ތާފތު ކުރުމާ ހެދި ގިނަ ދިވެހިން ތިބީ ކަންބޮޑު ވެފަ އެވެ.

ކޮލަމްބޯގައި ދިރިއުޅޭ ދިވެހިން ދަނޑަށް ގެންދިއުމަށްޓަކައި އެ ގައުމުގައި އޮންނަ ދިވެހިންގެ ކޮމިޔުނިޓީން ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. "ކޮލަމްބޯއިން ދިވެހިންގެ ފޯރި" ކިޔާ ކޮމިޔުނިޓީ އަކުން ވަނީ ގައުމީީ ޓީމަށް ސަޕޯޓް ކުރުމަށް ޖޯޒީ ވެސް ތައްޔާރުކޮށްފަ އެވެ. ޖޯޒީ އޯޑަރު ދީފައިވާ ފަރާތްތަކަށް ޑެލިވާ ކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ދަނީ ކުރިއަށެވެ.

"ޓިކެޓްގެ އަގު މިހާ ބޮޑުވާނެ ކަމަކަށް އެއްވެސް މީހަކު ހީނުކުރާނެ. އަނެއްކާ އަގުކަނޑައެޅުމުގައި މިއޮތީ ދެ ގައުމުގެ ސަޕޯޓަރުންގެ މެދުގައި ތާފަތު ކުރުން ގެންގުޅެފައި. މިއީ އަޅުގަނޑުމެންނަށް ގަބޫލުނުކުރެވުނު ކަމަކީ،" ލަންކާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.