Roadha Mihaaru
ހުރިހާ ކޮޅަކުން ޕްރެޝަރު: މިނިމަމް ވޭޖް މާދަމާ!

ހުރިހާ ކޮޅަކުން ޕްރެޝަރު: މިނިމަމް ވޭޖް އިއުލާނުކުރުން މާދަމާ

07 ނޮވެމްބަރ 2021

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަކަ ދައްކާތާ އަހަރުތަކެއް ފަހުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިހާރު އެ ހުންނެވީ މާދަމާ އެ ނިންމެވުން އިއުލާނުކުރެއްވުމަށް ތައްޔާރަށެވެ. މިނިސްޓަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންނާއި އާންމުން ބޭނުންވާ ފަދަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. ނަމަވެސް މިއީ ލަސްކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަކަ ދައްކާތާ އަހަރުތަކެއް ފަހުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިހާރު އެ ހުންނެވީ މާދަމާ އެ ނިންމެވުން އިއުލާނުކުރެއްވުމަށް ތައްޔާރަށެވެ. މިނިސްޓަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންނާއި އާންމުން ބޭނުންވާ ފަދަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. ނަމަވެސް މިއީ ލަސްކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ވޭޖް ބޯޑުން ނިންމާފައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައެޅީ 7،000ރ. އެވެ. އަމިއްލަ ވިޔަފާރިތަކުގެ ކުދި ވިޔަފާރިތަކަށް 5،000ރ. ކަނޑައެޅި އިރު މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައަކީ 7،000ރ. އެވެ. އަދި އެންމެ ބޮޑެތި ކުންފުނިތަކުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،900ރ. އެވެ.

މި ހުށަހެޅުމާ މެދު ގޮތެއް ނިންމަވައި އިކޮނޮމިކް މިނިސްޓަރު މާދަމާ ރަސްމީކޮށް އިއުލާނުކުރައްވާނެ އެވެ. އެނގިފައިވާ ގޮތުގައި މިނިމަމް ވޭޖް ބޯޑުގެ ނިންމުމަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ.

ބިދޭސީންނަށް މިވަގުތު މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ ރާއްޖޭގެ އިގްތިސާދަށް 340 މިލިއަން ޑޮލަރު ގެއްލޭނެ: ފައްޔާޒް

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެންމެ ކުޑަ އުޖޫރައާ އެކު، ވަޒީފާ އަދާކުރާ ގިނަ ބަޔެއްގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. މިކަމުގައި ކުރު މުއްދަތުގައި ބައެއް ފަރާތްތަކަށް ގެއްލުންތަކެއް ވިޔަސް މިކަމުން ދުރު މުސްތަގްބަލުގައި ވިޔަފާރިތައް ހިންގުމަށް ހަރުދަނާ ސިޔާސަތުތަކެއް ތައާރަފްވެ ވަޒީފާ އަދާކުރާ މީހުން އިތުރަށް ޑިސިޕްލީން ވާނެ ކަމަށް ފައްޔާޒު ދެކެވަޑައިގަންނަވަ އެވެ.

"ޕޮޒިޓިވް އިމްޕެކްޓަކީ ގިނަ ބައެއްގެ މުސާރައަށް ހެޔޮ ބަދަލެއް އައުން. އެކަމަކު ނެގެޓިވް އިމްޕެކްޓަކީ ބައެއް ވަޒީފާތައް ގެއްލިގެން ގޮސްފާނެ ވިޔަފާރިތަކުން ސައިޒް ކުޑަކޮށްފިއްޔާ. އެކަމަކު އެއީ ޝޯޓް ޓާމް ބަދަލެއް،" އޭނާ ވިދާޅުވި އެވެ.

ހުރިހާ ކޮޅަކުން ފައްޔާޒަށް ޕްރެޝަރު!

ފައްޔާޒު ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. މިނިމަމް ވޭޖަކީ އެންމެން ހިތް ހަމަޖެހޭނެ ފަދަ އަދަދަކަށް ނުހެދޭނެ ކަމަށާއި މިކަމަށް އެންމެން ވެސް ޖެހޭނީ އެޖަސްޓްވާން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ނުބައި ގޮތެއް ނޫންތޯ މި ވަނީ. އާދައިގެ ވަޒީފާއެއް އަދާކުރިއަސް ހަގީގަތަކީ ކޮންމެ މީހަކަށް 10،000ރ. ނުވަތަ 15،000ރ. ވަރު އެބަ ލިބެންޖެހޭ. މި ދަންނަވާ ތާހިރު ދިރިއުޅެއް އުޅެންޏާ އެވަރު ބޭނުންވޭ. އެކަމަކު އެއީކީ ވާނެ ކަމެއް ނޫންތާ ވިޔަފާރީގެ ނަޒަރަކުންނެއް. ނުދެވޭނެ އެވަރެއް. އެވަރުގެ އިގްތިސާދެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުމެގެން ދަނީ. މިނިމަމް ވޭޖާ އެކު މުސާރައިގެ ތަފާތު އެންމެ ބޮޑަށް ފެންނާނެ އެއް ބަޔަކީ ސިވިލް ސާވިސްގެ ސަޕޯޓް ސްޓާފުން. --ފޮޓޯ: ނިޝާން އަލީ / މިހާރު

ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުމެގެން ދަނީ. މިނިމަމް ވޭޖާ އެކު މުސާރައިގެ ތަފާތު އެންމެ ބޮޑަށް ފެންނާނެ އެއް ބަޔަކީ ސިވިލް ސާވިސްގެ ސަޕޯޓް ސްޓާފުން. --ފޮޓޯ: ނިޝާން އަލީ / މިހާރު

ފައްޔާޒް ވިދާޅުވީ، ބޯޑުގެ ނިންމުން މުރާޖައާ ކުރީ ވެސް ވިޔަފާރިތަކުގެ ކަންބޮޑުވުންތަަކަށް ރިޔާއަތް ކުރަން ކަމަށެވެ. އަދަދުތައް ފައިނަލް ކުރުމުގައި އިސްކަން ދިނީ މިއީ ވިޔަފާރިތަކަށް ވެސް ތަހައްމަލު ކުރެވޭ ވަރުގެ އަދަދަކަށް ހެދުމާ އެކު އާންމުންނަށް ލިބޭ އުޖޫރައަށް ވެސް އެދެވޭ ބަދަލެއް ގެންނަން ކަމަށް ވިދާޅުވި އެވެ.

"ވަރަށް އުނދަގޫ ނިންމުމެއް. ދެފަޅީގެ ބައެއް މީހުން ހިތް ހަމަނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މިިނިމަމް ވޭޖް ބޯޑުގެ ނިންމުމަށް މާބޮޑު ބަދަލެއް ނުގެނެސް ވިޔަފާރިތަކަށް އެހެން ގޮތްގޮތުން ލުއި ގޮތްތަކެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވިޔަފާރިތަކަށް ސަބްސިޑީ ދިނުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިމަމް ވޭޖާ އެކު ވިޔަފާރިތަކުން އެ ކުންފުނިތަކުގެ ސްޓްރަކްޗާ އަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ބެލެވެ އެވެ. މިބަދަލުތަކުގެ ސަބަބުން މުސްތަގްބަލުގައި މުޅި އިގްތިސާދަށް ވެސް ފައިދާވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ބިދޭސީންގެ މިނިމަމް ވޭޖުން ބޮޑު ގެއްލުމެއް ވެދާނެ"

ފައްޔާޒު ވިދާޅުވީ، ބިދޭސީންނަށް މިނިމަމް ވޭޖެއް މި ވަގުތު ކަނޑަނޭޅިޔަސް އެކަމުން ބިދޭސީންނަށް ވަޒީފާ އިތުރަށް ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިންނާ އެއް ހަމައެއްގައި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ އެކަމުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

"ބިދޭސީންނަށް މިވަގުތު މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ ރާއްޖޭގެ އިގްތިސާދަށް 340 މިލިއަން ޑޮލަރު ގެއްލޭނެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ބިދޭސީން އެ މީހުންގެ އާއިލާތަކަށް ކުރާ ހޭދަ، ރާއްޖެއިން ލިބޭ މުސާރައިން ވަރަށް ފަސޭހައިން ހަމަޖައްސާލެވޭ ކަމަށެވެ. އަދި ދިވެހިންނާއި ބިދޭސީންނަށް ދޭ އެންމެ ކުޑަ އުޖޫރަ އެއްހަމަކޮށްފި ނަމަ ރާއްޖޭގައި ދިވެހިންގެ ބާރު އިތުރަށް ގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ އެކު ކުރިމަތިވި އިގްތިސާދީ ދަތިކަމަށް ފަހު މިއީ މިނިމަމް ވޭޖެއް ގެންނަން އެންމެ ރަނގަޅު ވަގުތު ނޫން ނަމަވެސް މިއީ ލަސް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ވަގުތެއް ނޫން މީ. އެކަމަކު މިކަން ލަސް ކޮށްގެން ވާކަށް ނެތް. މިހާރުވެސް ވިހި އަހަރު ލަސްވެފައި އޮތް ކަމެއް. މިކަން ޖެހޭނީ އެންމެން ބަލައިގަންނަން،" އޭނާ ވިދާޅުވި އެވެ.

މާދަން މިނިމަމް ވޭޖް އިއުލާނުކުރި ނަމަވެސް އެއަށް އަމަލު ކުރަން ފަށާނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، އަންނަ ޖެނުއަރީ 1 އިން ފެށިގެންނެވެ.