Roadha Mihaaru
ކުޑަ އުޖޫރަ ކަނޑައެޅި މިންވަރުން ގިނަ ބަޔަކަށް ފައިދާ

އެންމެ ކުޑަ އުޖޫރަ 6،400 އަށް ހެދުމުން ގިނަ މުވައްޒަފުންނަށް ފައިދާ

23 ފެބުރުއަރީ 2020

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައަކީ 6،000ރ. ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައަޅައިފި ނަމަ، ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 43 ޕަސެންޓާއި 62 ޕަސެންޓާ ދެމެދުގެ މީހުންނަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށް މުސާރަ އާއި އުޖޫރައާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައަކީ 6،000ރ. ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައަޅައިފި ނަމަ، ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 43 ޕަސެންޓާއި 62 ޕަސެންޓާ ދެމެދުގެ މީހުންނަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށް މުސާރަ އާއި އުޖޫރައާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން މިއަދު ބުނެފި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން މުސާރާ އާއި އުޖޫރައާ ބެހޭ ގޮތުން ލަފާދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލި ބޯޑުން ހެދި ރިޕޯޓްގައި ބުނެފައިވާ ގޮތުން، އެންމެ ކުޑަ އުޖޫރައަކީ 6،000.ރ ކަމަށް ކަނޑައަޅައިފި ނަަމަ އޭގެ ހެޔޮ އަސަރުކުރާނީ 43 ޕަސެންޓް މީހުންނަށެވެ. އޭގެ މަތިން، 6،000ރ. އިން ފެށިގެން 8،000.ރ އާ ދެމެދުގެ އަދަދެއް ކަނޑަ އަޅައިފި ނަމަ 50 ޕަސެންޓާއި 62 ޕަސެންޓާ ދެމެދުުގެ އަދަދެއްގެ މުވައްޒަފުންނަށް އެކަމުގެ ހެޔޮ އަސަރު ކުރާނެ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅިދާނެ އަދަދުތަކާއި އެ އަދަދުތައް ކަނޑައަޅައިފި ނަމަ ކުރާނެ އަސަރު، ރިޕޯޓްގައި ވަކިވަކިން ހިމަނާފައިވެ އެވެ.

ބޯޑުން ދިން އަދަދުތަކާއި އަސަރުކުރާނެ ނިސްބަތް

5،000.ރ - 24 ޕަސެންޓް މީހުންނަށް

5،500.ރ - 33 ޕަސެންޓް މީހުންނަށް

6،000.ރ -43 ޕަސެންޓް މީހުންނަށް

6،500.ރ 50 ޕަސެންޓް މީހުންނަށް

7،000.ރ 53 ޕަސެންޓް މީހުންނަށް

8،000.ރ -62 ޕަސެންޓް މީހުންނަށް

ލަފާ ދިނީ ގިނަ ކަންތައްތަކަށް ބަލާފައި

ރިޕޯޓްގައި ހުރި ގިނަ އަދަދުތަކުގެ ތެރެއިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅަން ފެންނަ ކަމަށް ބޯޑުގެ އަޣުލަބިއްޔަތުން ނިންމީ 6،400.ރ އެވެ. އެ ގޮތަށް ކަނޑައެޅީ، ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އޭގެ ސަބަބުން މުވައްޒަފުންގެ އަދަދަށާއި ވިޔަފާރީގެ ހަރަދު އިތުރުވާނެ މިންވަރު ބަލަން ދިިރާސާއެއް ވެސް ކޮށްގެންނެވެ. އެ އަދަދު ކަނޑައެޅުމުން، ބިދޭސީންގެ އައުޓްވާޑް ރެމިޓެންސްގެ ގޮތުގައި ރާއްޖޭން ބޭރަށް ފޮނުވާ ފައިސާއަށް އަންނާނެ ބަދަލު ވެސް ދިރާސާގައި ބަލާފައިވެ އެވެ.

ރިޕޯޓުން އެނގެނީ ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 40 ޕަސެންޓަށް ވުރެ ގިނަ މީހުންގެ މަހު މުސާރަ އުޅެނީ 6،000ރ އިން ދަށުގައި ކަމެވެ. އެހެންކަމުން މިހާރު ކަނޑއަޅާފައިވާ ގޮތަށް އެންމެ ކުޑަ އުޖޫރައަކީ 6،400ރ އަށް ހަދައިފި ނަމަ، އޭގެ ހެޔޮ އަސަރު 40 އާއި 50 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ބަޔަކަށް ކުރުން ގާތެވެ.

ރާއްޖޭގަައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ އިރު، އެ ރިޕޯޓްގައި ހިމެނޭ ދިރާސާތަކަށް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކު ރިއާޔަތް ކުރަން ވެސް ބޯޑުން ވަނީ ލަފާދީފަ އެވެ.