Roadha Mihaaru
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު

ރާއްޖޭގައި މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު

08 ނޮވެމްބަރ 2021

ކުދި ޖަޒީރާ ގައުމުތައް އަދި ސަރަހައްދީ ގައުމުތަކާ އަޅާ ބަލާއިރު ވެސް ރާއްޖޭގެ އެންމެ ދަށް އުޖޫރައިގެ ގޮތުގައި މިއަދު ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުދި ޖަޒީރާ ގައުމުތައް އަދި ސަރަހައްދީ ގައުމުތަކާ އަޅާ ބަލާއިރު ވެސް ރާއްޖޭގެ އެންމެ ދަށް އުޖޫރައިގެ ގޮތުގައި މިއަދު ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިނިމަމް ވޭޖް ނުވަތަ އެންމެ ދަށް އުޖޫރަ ކަނޑައެޅުމުގެ ވާހަކަ ދައްކާތާ އެތައް އަހަރު ތަކެއް ފަހުން ސަރުކާރުން މިއަދު ވަނީ މުވައްޒަފަކަށް ދެވޭނެ އެންމެ ދަށް އުޖޫރައަކީ 4،500ރ. ކަމަށް އިއުލާންކޮށްފަ އެވެ. މިނިމަމް ވޭޖް އެކި ބޭންތަކަކަށް ބަހާލާފައިވާއިރު، އެކި ދާއިރާތަކުން އެންމެ ދަށް މުސާރައިގެ ގޮތުގައި ދެވޭނެ ވަރު ތަފާތެވެ.

އެކި ދާއިރާތަކަށް ކަނޑައެޅި މިނިމަމް ވޭޖްގެ އިންފޮގްރެފިކްސް: އަލީ ނަހުޒާން/ މިހާރު

އެކި ދާއިރާތަކަށް ކަނޑައެޅި މިނިމަމް ވޭޖްގެ އިންފޮގްރެފިކްސް: އަލީ ނަހުޒާން/ މިހާރު

މިނިމަން ވޭޖަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވަމުން ހަމްދާން "މިހާރު" އަށް މިއަދު ވިދާޅުވީ، ކުދި ގައުމުތަކާ އަޅާބަލާއިރު ޖީޑީޕީގެ ނިސްބަތުން ވެސް ރާއްޖޭގައި މި ކަނޑައެޅި އުޖޫރަ ރަނގަޅު ކަމަށެވެ. ރާއްޖޭގެ މިނިމަމް ވޭޖް ގައުމުތަކާ އަޅައިކިޔައި އެ ތަފާތު ވެސް އޭނާ އާއްމު ކުރެއްވި އެވެ.

ގައުމުތަކުގެ ވޭޖްތައް: ރާއްޖޭގައި ހުރިހާ ދާއިރާތަކަށް ވެސް ކަނޑައެޅީ ނިސްބަތުން ރަނގަޅު އަދަދެއް.

ގައުމުތަކުގެ ވޭޖްތައް: ރާއްޖޭގައި ހުރިހާ ދާއިރާތަކަށް ވެސް ކަނޑައެޅީ ނިސްބަތުން ރަނގަޅު އަދަދެއް.

ހަމްދާން ވިދާޅުވީ، މިނިމަމް ވޭޖުގެ ވައުދު ފުއްދުމުގެ މަސައްކަތް ކޮށްފައި ވަނީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެމްބަރުންނާ ވާހަކަ ދެއްކެވި މަޝްވަރާތަކަކަށް ފަހު ކަމަށެވެ. މި ބައްދަލުވުންތަކަށް ހުށަހެޅި ކަންބޮޑުވުންތަކަށް ވެސް ރިއާޔަތްކޮށް، ހައްލު ހޯދަން ވެސް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

މިނިމަމް ވޭޖުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާކުރާނެ. -- ހަމްދާން

މި ސިޔާސަތުން، އޭނާ ވިދާޅުވި ގޮތުގައި، ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ނުހައްގުން ދަށް މުސާރަ އާއި އިނާޔަތްތައް މަސައްކަތްތެރިންނަށް ދިނުމުގެ މައްސަލައަށް އެކަށޭނެ ހައްލެއް ލިބޭނެ އެވެ.

"މިނިމަމް ވޭޖުގެ ސަބަބުން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި ސަރުކާރުގައި މަސައްކަތް ކުރާ 15,400 މުވައްޒަފުންނަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާ ކުރާނެ،" ހަމްދާން ވިދާޅުވި އެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން، މިނިމަމް ވޭޖް ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަން ޖެހެ އެވެ. އިގްތިސާދަށް އަންނަ ހެޔޮބަދަލުތަކާ އެކު އެ ބަދަލު މިނިމަމް ވޭޖަށް ވެސް ގެނެވޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.

އެންމެ ހެޔޮ ބަދަލެއް ޓޫރިޒަމްގެ މުވައްޒަފުންނަށް

މިނިމަމް ވޭޖު ކަނޑަނާޅައިގެން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުން ދިޔައީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނެވެ. ބައެއް ރިސޯޓްތަކުގައި އަސާސީ މުސާރައިގެ ގޮތުގައި 250 ނުވަތަ 300 ޑޮލަރު ކަނޑައަޅާފައިވެ އެވެ. މިއީ، 5،000ރ. އަށް ވުރެ ވެސް ދަށް އަދަދެކެވެ.

އެކަމަކު މިނިމަމް ވޭޖް ކަނޑައެޅި އިރު ޓޫރިޒަމް ދާއިރާގެ އެންމެ ދަށް އުޖޫރައަކީ 8،000ރ. އެވެ. އެހެންކަމުން އެ ދާއިރާގެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި 518 ޑޮލަރަށް ވުރެ މަދުން އެއްވެސް ރިސޯޓެއްގައި ނުދެވޭނެ އެވެ.

ހަމްދާން ފާހަގަކުރެއްވި ގޮތުގައި އަންނަ ޖެނުއަރީން ފެށިގެން މިނިމަމް ވޭޖް ތަންފީޒުކުރަން ފަށާއިރު، އެންމެ ހެޔޮ ބަދަލެއް އަންނާނީ ޓޫރިޒަމް ދާއިރާގެ ދިވެހި މުވައްޒަފުންނަށެވެ.

"މިއާއެކު ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލު އަންނާނެ،" ހަމްދާން ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓާ އަށް މިނިމަމް ވޭޖް ތަންފީޒުކުރެވޭނީ ވިޔަފާރިތަކުގެ ކުޑަބޮޑުމިނަށް [ބިޒްނަސް ކްލެސިފިކޭޝަނަށް] ބަލައި ތަފާތު ކުރެވިގެން. މިގޮތުން އެންމެ ކުދި ނުވަތަ "މައިކްރޯ" ވިޔަފާރިތަކުގެ މާލީ ހާލަތަށް ރިއާޔަތްކޮށް މި ވަގުތަށް އެ ވިޔަފާރިތައް އިސްތިސްނާކުރެވިފައި ވާނެ."

ހަމްދާން ވިދާޅުވީ، ކުދި ވިޔަފާރިތަކުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެހެން ގައުމުތަކުން ވެސް އަމަލުކުރާ އުސޫލުން ގަޑިއަކަށް ޖެހޭ މިންވަރު ކަނޑައެޅިފައި އޮތުމުން، މިނިމަމް ވޭޖަށް އަމަލުކުރުމުގައި ވިޔަފާރިތަކަށް ފަސޭހަވާނެ ކަމަށެވެ. މިނިމަމް ވޭޖަކީ ގަޑިއިރަކަށް ޖެހޭ އަދަދެއްގެ ގޮތުގައި ހިސާބުކުރުމުން، ދާއިމީ ނުވަތަ ފުލްޓައިމް ވަޒީފާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ޕާޓްޓައިމް އަދި ސާވިސް ކޮންޓްރެކްޓްތަކުގެ ދަށުން ނަގާފައިވާ މުވައްޒަފުން ވެސް މިނިމަމް ވޭޖު ތެރޭގައި ހިމެނުމަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ހަމްދާން(ކ) ރައީސް އާއެކު: މިނިމަމް ވޭޖުގެ ވައުދު ސަރުކާރުން ފުއްދީ ގިނަ ބަޔަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް ހަމްދާން ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ހަމްދާން(ކ) ރައީސް އާއެކު: މިނިމަމް ވޭޖުގެ ވައުދު ސަރުކާރުން ފުއްދީ ގިނަ ބަޔަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް ހަމްދާން ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް

ވަޒީފާ ދޭ ފަރާތުން ކެއުމާއި ހުރުން ހަމަޖައްސައިދީފައިވާ ނަމަ އެއިން ކަމަކަށް ހޭދަވާނެ ފައިސާ މިނިމަމް ވޭޖުގެ ތެރޭގައި ނުހިމެނޭނެ އެވެ.

"މިނިމަމް ވޭޖުގެ ގޮތުގައި މަގާމުގެ އަސާސީ މުސާރަ އަދި ފިކްސްޑް އެލަވަންސް [މަގާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައާ އެކު މަހުންމަހަށް އެއްވެސް އުނިއިތުރެއް ނާންނަ ގޮތަށްދެވޭ އެލަވަންސް] ހިމެނޭނެ. ނަމަވެސް އެއްވެސް ބާވަތެއްގެ އިން-ކައިންޑް ބެނެފިޓެއް ނުހިމެނޭނެ." ހަމްދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން މިނިމަމް ވޭޖް އެކަށައަޅާފައި ވާނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނޭ ގޮތުންނެވެ.

މިނިމަމް ވޭޖް އިއުލާން ކޮށްދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވީ މިނިމަމް ވޭޖްގެ ވާހަކަ ދެއްކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށެވެ. އަދި އެކަން ތަންފީޒު ނުކުރެވި ލަސްވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު އެކަން ކުރެވުނު ނަމަ މިހާރު މިކަން ކުރަން އޮތް ގޮންޖެހުންތައް އެހާ ބޮޑެއް ނުވީސް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވެސް ވިދާޅުވީ މިއަދު އިއުލާންކުރި މިނިމަމް ވޭޖްގެ އަދަދުތަކަކީ އިގްތިސާދަށާއި ވަޒީފާ އަދާކުރާ އަދި ވަޒީފާ ދޭ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަދަދުތަކެއް ކަމަށެވެ.