Roadha Mihaaru
ކުއްޔާނުލައި 3 އަހަރަށް ދަނޑުވެރިކަމަށް ބިންދޫކުރަނީ

ކުއްޔަކާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަނީ

11 އެޕްރީލް 2020

ބިން ހުރި ރަށްރަށުން، ކުއްޔަކާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗަރު މިނިސްޓަރު ޒަހާ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިން ހުރި ރަށްރަށުން، ކުއްޔަކާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗަރު މިނިސްޓަރު ޒަހާ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ޒަހާ ވިދާޅުވީ، ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ދަނޑުވެރިކަން ކުރުމަށް ބިން ދޫކޮށް އެ މަސައްކަތް ފުޅާކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުއްޔަކާ ނުލައި ކައުންސިލްތަކަށް ތިން އަހަރަށް ބިން ދޫކުރުމާ ގުޅޭ ކަންކަން ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ރާވަމުން އަންނަ ކަމަށެވެ. ބިންތައް ދޫކުރާނީ އެގްރިކަލްޗަރު މިނިސްޓްރީން ހަމަޖައްސާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބޭނުންވަނީ ނަތީޖާ ހާސިލްވާ ގޮތަށް މި މަސައްކަތް ކުރަން. ހަމަ އެކަނި ބިންތަކެއް ކަނޑައެޅުމެއް ނޫން. އެކަމަކު އެ ބިންތަކުން އަޅުގަނޑުމެންގެ ކާނާގެ ޔަގީންކަން، ފުއްދުންތެރިކަން ޔަގީންކުރުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުން 25 އިން ސައްތައާ ހިސާބަށް މި ކާނާ ނެރުން،" ޒަހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ އުސޫލުން ދޫކުރާ ބިންތަކުގައި މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ދަނޑުވެރިކަން ކުރޭތޯ ބަލާނެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވީ، ދަނޑުވެރިކަމަށް މިހާރު މި ފެށި މަޝްރޫއަކީ މި އަހަރުގެ ފަހުކޮޅަށް ހަމަޖެއްސި މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ އެކު، އިގްތިސޯދަށް ކުރިމަތިވެފަިއވާ ދަތިތަކާ ގުޅިގެން، ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް އެ މަސައްކަތް އަވަސްކުރީ ކަމަށް ވިދާޅުވި އެވެ.

އެސްޓީއޯއިން ވަނީ ދަނޑުވެރިން ހައްދާ ހުރިހާ ބާވަތެއްގެ ތަކެތި ގަންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ބްރީފިންގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަން ނިންމީ އިމްޕޯޓަށް ބަރޯސާވުން ކުޑަ ކުރުވުމަށް ކަމަށެވެ.

އެސްޓީއޯ އިން ވަނީ ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ޚާއްސަ މަރުކަޒެއް ހުޅުވުމަށް ނިންމައިފަ އެވެ. "އެސްޓީއޯ އެގްރި ސެންޓަރު" ގެ ނަމުގައި ގާއިމްކުރާ އެ ތަން ހުޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް މިހާރުއްސުރެ ފެށިގެން އެ މަރުކަޒުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު އެސްޓީއޯ އިން ވަނީ ހުޅުވާލައިފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވީ، ދަނޑުވެރިކަމަށް މިހާރު މި ފެށި މަޝްރޫއަކީ މި އަހަރުގެ ފަހުކޮޅަށް ހަމަޖެއްސި މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ އެކު، އިގްތިސޯދަށް ކުރިމަތިވެފަިއވާ ދަތިތަކާ ގުޅިގެން، ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް އެ މަސައްކަތް އަވަސްކުރީ ކަމަށް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، ދަނޑުވެރިކަން ކުރުމަށް 44 ރަށެއް މިހާރު ވަނީ ފާހަގަވެފަ އެވެ. ބޭނުން ވަނީ ކާނާގެ ޔަގީންކަން 50 ޕަސެންޓަށް އިތުރުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.