Roadha Mihaaru
"ދަ ސާކަލް" އިން ކޯޑިން އާއި ކްރިޓިކަލް ތިންކިން

ކުދިން ބިނާކުރަން "ދަ ސާކަލް" އިން ކޯޑިން އާއި ކްރިޓިކަލް ތިންކިން

11 ނޮވެމްބަރ 2021

އުގެއިލް ފައުންޑޭޝަނުގެ ދަށުން ހިންގާ "ދަ ސާކަލް" އަކީ ބޮޑެތިވަމުން އަންނަ ކުދިންނަށް ގިނަ ހަރަކާތްތަކާއި ތައުލީމީ ޕްރޮގްރާމުތައް ކުރިއަށްގެންދާ އެކެޑެމީއެކެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ދާއިރާތަކުން ލީޑަރުން އުފެއްދުމާއި ކާމިޔާބު މީހަކަށްވުމަށް ކުރަންޖެހޭ ކަންކަން ދަސްކޮށްދޭ ގިނަ ޕްރޮގްރާމްތަކެއް އެ އެކެޑެމީން ހިންގަ އެވެ. މީގެ ތެރޭގައި ހިމެނޭ "ކޯޑިން އެންޑް ކްރިޓިކަލް ތިންކިން" އަކީ ވެސް މިހާރު ކުރިއަށްގެންދާ ތަފާތު އަދި ބޭނުންތެރި ޕްރޮގްރާމެކެވެ.

އުގެއިލް ފައުންޑޭޝަނުގެ ދަށުން ހިންގާ "ދަ ސާކަލް" އަކީ ބޮޑެތިވަމުން އަންނަ ކުދިންނަށް ގިނަ ހަރަކާތްތަކާއި ތައުލީމީ ޕްރޮގްރާމުތައް ކުރިއަށްގެންދާ އެކެޑެމީއެކެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ދާއިރާތަކުން ލީޑަރުން އުފެއްދުމާއި ކާމިޔާބު މީހަކަށްވުމަށް ކުރަންޖެހޭ ކަންކަން ދަސްކޮށްދޭ ގިނަ ޕްރޮގްރާމްތަކެއް އެ އެކެޑެމީން ހިންގަ އެވެ. މީގެ ތެރޭގައި ހިމެނޭ "ކޯޑިން އެންޑް ކްރިޓިކަލް ތިންކިން" އަކީ ވެސް މިހާރު ކުރިއަށްގެންދާ ތަފާތު އަދި ބޭނުންތެރި ޕްރޮގްރާމެކެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ކުރިއަރައިގެންދާވަރަށް ބަލައި ކޯޑިން ފަދަ މުހިންމު ހުނަރެއް ދަސް ކުރުމަކީ ކުރިމަގުގައި ކޮންމެ ކުއްޖަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. އާއްމު ބަހުން ބުނާ ނަމަ ކޯޑިން އަކީ ކޮމްޕިއުޓަރާ މުއާމަލާތް ކުރާނެ ގޮތެވެ. ކޯޑިން ދަސްކޮށްފައިވާ މީހަކަށް ވެބްސައިޓުތަކާއި އެޕުތައް ހަދައި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދާން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ އެވެ.

ދަ ސާކަލްގެ މި ޕްރޮގްރަމުގައި ކިޔަވައިދޭ ކްރިޓިކަލް ތިންކިން އަކީ ވެސް ކޯޑިން އެކޭ އެއްގޮތަށް ކުރިމަގުގައި ކުދިންނަށް އެތައް ފައިދާއެއް ލިބޭނެ ހުނަރެކެވެ. ކްރިޓިކަލް ތިންކިންގައި ކުދިންނަށް ދަސްކޮށްދޭނީ ކަންކަމާ މެދު އެކި ގޮތްގޮތަށް ވިސްނުން ބަހައްޓަންވީ ގޮތެވެ. މިއީ ކުޑައިރުން ފެށިގެން މުސްކުޅިވުމާ ހަމައަށް ދިރިއުޅުމުގައި ބޭނުން ހުނަރެކެވެ.

އުގެެއިލް ފައުންޑޭޝަނުގެ ދަ ސާކަލްގެ ބައިވެރިއެއް ފޮތް ކިޔަވަނީ-- ފޮޓޯ: އުގެއިލް ފައުންޑޭޝަން

އުގެެއިލް ފައުންޑޭޝަނުގެ ދަ ސާކަލްގެ ބައިވެރިއެއް ފޮތް ކިޔަވަނީ-- ފޮޓޯ: އުގެއިލް ފައުންޑޭޝަން

ދަ ސާކަލްގެ ޑީން މަރްޔަމް ޝަޒުނާ ވިދާޅުވީ ކޯޑިން އަދި ކްރިޓިކަލް ތިންކިން ޕްރޮގްރާމަކީ ހަތް އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ކުދިންނަށް ކިޔަވައިދޭނީ ކޯޑިންގެ ބޭސިކް ޕްރޮގްރާމްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮގްރާމުގައި ކުދިންނަށް އަމިއްލައަށް ތަފާތު ގޮތްގޮތަށް ވިސްނަން ދަސްކޮށްދޭނެ. ކޯޑިން އެންމެ ބޭސިކް ޕްރޮގްރާމުތައް ދަސްކޮށްދޭއިރު ވެބްސައިޓާއި ބްލޮގް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދޭނެ. އެ ކުދިން އަމިއްލައަށް އިލެކްޓްރޯނިކް ކާޑު، މިސާލަކަށް، އީދު ކާޑު ފަދަ ކާޑުތައް ތައްޔާރު ކުރެވޭނެ،" ޝަޒުނާ ވިދާޅުވި އެވެ.

ދަ ސާކަލްގެ ދަރިވަރެއް ކަމަށްވާ އައިޝަތު އަލީޝާ އަޒްހީން މި ޕްރޮގްރާމް ސިފަކުރަނީ ވަރަށް މަޖާ ޕްރޮގްރާމެއްގެ ގޮތުގަ އެވެ. އޭނާ ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވިފަހުން ގިނަ ކަންކަން ދަސްވި އެވެ. އަދި އޭގެ ބޭނުން މިހާރު ވެސް ހިފާ ކަމަށް އަލީޝާ ބުންޏެވެ.

"އަސްލު ހީކުރީ ވަރަށް އުނދަގޫވާނެ ކަމަށް. އެކަމަކު ޖޮއިން ކުރީމަ ވަރަށް މަޖާ. ކްރިޓިކަލް ތިންކިން އާއި ކޯޑިން އަކީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑުވެސް އިންޓްރެސްޓްވީ ޖޮއިންކޮށްގެން ކިޔަވަން ފެށީމަ،" އަލީޝާ ބުންޏެވެ.

ކޯޑިން ކްލާހުގައި ބައިވެރިވި ކުއްޖަކު ތައްޔާރު ކުރި ޑިޖިޓަލް ކާޑެއް--

ކޯޑިން ކްލާހުގައި ބައިވެރިވި ކުއްޖަކު ތައްޔާރު ކުރި ޑިޖިޓަލް ކާޑެއް--

މި ޕްރޮގްރާމުގެ އެހެން ބައިވެރިއެއް ކަމަށްވާ އަހުމަދު ސަމާހު މުހައްމަދު ވެސް ބުނީ ކޯޑިން އާއި ކްރިޓިކަލް ތިންކިން އަށް ކުރިން އެއްވެސް ޝައުގުވެރިކަމެއް ނުހުންނަ ކަމަށެވެ. ނަމަވެސް ދަ ސާކަލްގެ ޕްރޮގްރާމުގައި ބައިވެރިވި ފަހުން އާ ގިނަ ކަންކަން ދަސްވެ، ޝައުގުވެރިކަން އުފެދުނީ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ކަންކަން ދަސްވި. ކަންކަމާ މެދު ވިސްނުން ބަހައްޓަންވާ ގޮތާއި ކޯޑިންގެ ޓްރިކްސްތައް ދަސްވި. އަޅުގަނޑު ބުނާނީ ކޮންމެ ކުއްޖަކު ވެސް ޓްރައިކޮށްލަން މިއީ ވަރަށް ރަނގަޅު ޕްރޮގްރާމެކޭ،" ސަމާހު ބުންޏެވެ.

މި ޕްރޮގްރާމް ދަ ސާކަލް އިން މިއަހަރު ފެށީ 500 ކުދިންނާއެކުގަ އެވެ. އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ބައިވެރިވާން ބޭނުންވާ ހުރިހާ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކޮންމެ ހަފުތާ ބަންދެއްގައި ކްލާސްތައް އޮންނަ މި ޕްރޮގްރާމުގައި ކިޔަވައިދޭނީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ޖޫނިއާ އަދި ސީނިއާ ގްރޫޕްތަކަށް ބަހާލައިގެންނެވެ.

ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގެ ދެވަނަ ޕްރޮގްރާމް އަންނަ އަހަރު ފެށުމަށް ދަ ސާކަލް އިން އަންނަނީ ތައްޔާރުވަމުންނެވެ. މި ޕްރޮގްރާމާއި އަދި ސާރކަލްގެ އެހެނިހެން ޕްރޮގްރާމްތަކާއި ބެހޭ މައުލޫމާތު ދަ ސާކަލް އަދި އުގެއިލް ފައުންޑޭޝަންގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ އެވެ.