Roadha Mihaaru
ދަ ސާކަލް ސްޕޭސް: ފޮތް ކިޔަން ހިތްފަސޭހަ މާހައުލެއް

ހިތްފަސޭހަ މާހައުލެއްގައި ފޮތް ކިޔައި، ވަގުތު ހޭދަކޮށްލަން ދާންވީ "ދަ ސާކަލް ސްޕޭސް" އަށް

05 ސެޕްޓެމްބަރ 2021

ފޮތް ކިޔާ ހިތްވާ މީހުން ދިވެހިންގެ ތެރޭގައި ވަރަށް ގިނަ އެވެ. ނަމަވެސް ހިތްހަމަޖެހިލައިގެން، ފޮތް ކިޔާނެ މާހައުލެއް ނެތުމަކީ ބައެއް ފަހަރު ދިމާވާ ދަތިކަމެކެވެ. މާލޭގައި ޕަބްލިކް ލައިބްރަރީއެއް ހުރި ނަމަވެސް މިހާރު ގިނަ ކުދިން ބޭނުންވާނީ ބޮޑު ޖާގައެއް އޮވެފައި އެ ކުއްޖަކަށް ހަމަޖެހިލައިގެން އިނދެ ފޮތް ކިޔާލެވޭނެ ތަނެކެވެ. މިފަދަ ކުދިންނަށް އުގެއިލް ފައުންޑޭޝަނާއި އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ހުޅުވާފައިވާ "ދަ ސާކަލް ސްޕޭސް" ވަރަށް ކަމުދާނެ އެވެ.

ފޮތް ކިޔާ ހިތްވާ މީހުން ދިވެހިންގެ ތެރޭގައި ވަރަށް ގިނަ އެވެ. ނަމަވެސް ހިތްހަމަޖެހިލައިގެން، ފޮތް ކިޔާނެ މާހައުލެއް ނެތުމަކީ ބައެއް ފަހަރު ދިމާވާ ދަތިކަމެކެވެ. މާލޭގައި ޕަބްލިކް ލައިބްރަރީއެއް ހުރި ނަމަވެސް މިހާރު ގިނަ ކުދިން ބޭނުންވާނީ ބޮޑު ޖާގައެއް އޮވެފައި އެ ކުއްޖަކަށް ހަމަޖެހިލައިގެން އިނދެ ފޮތް ކިޔާލެވޭނެ ތަނެކެވެ. މިފަދަ ކުދިންނަށް އުގެއިލް ފައުންޑޭޝަނާއި އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ހުޅުވާފައިވާ "ދަ ސާކަލް ސްޕޭސް" ވަރަށް ކަމުދާނެ އެވެ.

ހުޅުމާލެ ސެންޓްރޯ މޯލްގެ ތިންވަނަ ބައިގައި ހުޅުވާފައިވާ ދަ ސާކަލް ސްޕޭސް އަކީ ހުރިހާ އުމުރެއްގެ މީހުންނަށް ފޮތް ކިޔާލައި، ވަގުތު ހޭދަކޮށްލެވޭގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ތަނުގައި އެކި ބާވަތްތަކުގެ ފޮތް ލިބެން ހުރެ އެވެ. އަދި އަމިއްލަ ފޮތް ހިފައިގެން ގޮސް ކިޔަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ލިބޭނެ އެވެ.

ސާކަލް ސްޕޭސް ހާއްސަ ވަނީ ހަމައެކަނި ފޮތް ކިޔުމަކަށް ނޫނެވެ. މިތަނުގައި ފޮތް ކިޔުމުގެ އިތުރުން ގްރޫޕް ޑިސްކަޝަންތައް ބާއްވައި ފިލާވަޅު ހެދުމާއި ކޮލެޖު އެސައިމެންޓު ތައް ވެސް ހެދޭނެ އެވެ. އަދި މައުލޫމާތު ބަދަލުކުރުމަށް ބޭއްވޭ އެކިއެކި އިލްމީ ބައްދަލުވުންތައް ބޭއްވުމަށް ވެސް މީއީ އެންމެ ހިތްގައިމު ތަނެވެ.

މިގޮތަށް ހިދުމަތްދޭ ބައެއް ތަންތަނުގައި ރަޖިސްޓްރީވެ، ފީއެއް ނެގި ނަމަވެސް ދަ ސާކަލް ސްޕޭސް އަށް ވަންނަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. އަދި ރަޖިސްޓްރީވާކަށް ވެސް ނުޖެހޭނެ އެވެ. މިއީ ދިވެހިންގެ މެދުގައި ފޮތް ކިޔުމާއި އިލްމީ ވާހަކަތައް ދެއްކުމާއި އެފަދަ ބަހުސްތައް ކުރުމުގެ ބޭނުމުގައި އެންމެނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވާފައި ތަނެއް ކަމަށް ދަ ސާކަލް ސްޕޭސް އިން ބުންޏެވެ.

"ފޮތް ކިޔުމުގެ ޝައުގުވެރިކަން ކުދިން ކިބައިގައި އަށަގެންނުވުމާއި ބޮޑެތި މީހުން ފޮތް ކިޔުމަށް ލޯބިކުރުމާއި ފޮތަށް އަހުލުވެރިވުމަކީ މުޖުތަމައެއްގެ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް މުހިންމު ސިފައެއް. މިތަނުގެ ބޭނުމަކީ މި މުހިންމު ސިފަ ދިވެހިންގެ މެދުގައި އަށަގެނުވުން،" އުގެއިލް ފައުންޑޭޝަންގެ ދަ ސާކަލް އެކެޑެމީގެ ޑީން މަރިޔަމް ޝަޒްނާ ވިދާޅުވި އެވެ.

ދަ ސާކަލް ސްޕޭސްގައި ކުދިންތަކެއް ރާޒުވާ ކުޅެން ދަސްކުރަނީ-- ފޮޓޯ: ދަ ސާކަލް

ދަ ސާކަލް ސްޕޭސްގައި ކުދިންތަކެއް ރާޒުވާ ކުޅެން ދަސްކުރަނީ-- ފޮޓޯ: ދަ ސާކަލް

އުގައިލު ފައުންޑޭޝަނުން މިތަން ބަލަހައްޓާ ހިންގަމުން ދާއިރު، އެ ފައުންޑޭޝަންގެ "ދަ ސާކަލް" ޕްރޮގްރާމުތަކުގެ ތެރެއިން ކޮންމެ ހޮނިހިރު ދުވަހަކު ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ވެސް މިތަނުގައި ކުރިއަށްގެންދެ އެވެ. މި ހަރަކާތްތައް އެ ހަފުތާއެއްގެ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ދަ ސާކަލް ބައި އުގައިލު ފައުންޑޭޝަންގެ ފޭސްބުކް ޕޭޖުން އިއުލާން ކުރާނެ އެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކުރާ ކުދިންނަށް އެކަންޏެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ހޮނިހިރު ދުވަހު ހިންގާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ކްރިއޭޓިވް ތިންކިން އާއި ކްރިއޭޓިވް ރައިޓިން ފަދަ އިންސާނާގެ ސިކުނޑި މުއްސަނދިކޮށްދޭ ހަރަކާތްތަކުގެ އިތުރުން ހުނަރު ދަސްކޮށްދިނުމާއި، އެކި ދާއިރާތަކުން މައުލޫމާތު ދިނުން ހިމެނެ އެވެ.

މި ހަރަކާތްތަކުގައި އާއްމުކޮށް ބައިވެރިވާ 11 އަހަރުގެ ލީން ބުނީ ދަ ސާކަލް ސްޕޭސް ގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުން ވަރަށް ގިނަ އާ ކަންތައްތައް ދަސްވާ ކަމަށެވެ. އަދި މިއީ ޗުއްޓީ ދުވަހެއްގައި ކުރަން ވަރަށް ހިތްހަމަ ޖެހޭ ކަމެއް ކަމަށް ލީން ބުންޏެވެ.

"ލީން ވަރަށް ގިނައިން ސާކަލްއަށް އަންނަން. މި އެކްޓިވިޓީތަކުން ވަރަށް ގިނަ ކަންކަން ދަސްވޭ. ލީން ވަރަށް ހިތްހަމަޖެހޭ މިތަނަށް އައިސް ވަގުތު ހޭދަކުރަން. ސްކޫލް ދުވަހުވެސް ލީން އަންނަން ހުސްވަގުތު ފޮތް ކިޔާލަން،" ލީން ބުންޏެވެ.

"ދަ ސާކަލް ސްޕޭސް" އަކީ ސްމާޓް ސިޓީ ޕްލޭނުގެ ދަށުންނާއި އެޗްޑިސީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން އުގެއިލް ފައުންޑޭޝަނާ ގުޅިގެން 2019 ވަނަ އަހަރު ހުޅުވި ތަނެކެވެ. މިއީ ކުރިއަށް އޮތް ޖީލުތައް ބިނާކުރުމުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކުގެ ތެރެއިން ކުއްޖަކު ސައިންސް އެކްސްޕެރިމެންޓެއް ހަދަނީ-- ފޮޓޯ: ދަ ސާކަލް

ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކުގެ ތެރެއިން ކުއްޖަކު ސައިންސް އެކްސްޕެރިމެންޓެއް ހަދަނީ-- ފޮޓޯ: ދަ ސާކަލް

އެ ކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަ، ކޮމިޔުނިޓީ އެންގޭޖްމަންޓް، ޒުލައިޚާ ޝަބީން ވިދާޅުވީ އުގެއިލް ފައުންޑޭޝަނާ ގުޅިގެން ސާކަލް ސްޕޭސް ހުޅުވީ މުޖުތަމައަށް އޭގެ ސަބަބުން ފައިދާ ކުރާނެތީ ކަމަށެވެ. އަދި މީހުން ބިނާ ކުރުމަށް ކުރެވޭ މިފަދަ ކަންކަމުގައި އަބަދުވެސް އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިނީޝިއޭޓިވްއަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއް. މީގެ ސަބަބުން މުޖުތަމައަށް ފައިދާވާނެ. އަދި މިއީ ކުރިއަށް އޮތް ޖީލުތައް ބިނާކުރުމުގައި ކުރެވޭ ވަރަށް ބޮޑު ކޮންޓްރިބިއުޝަނެއް،" ޝަބީން ވިދާޅުވި އެވެ.

ދަ ސާކަލް ސްޕޭސް، ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 10:00ން ހަވީރު 6:00 އަށް ހުޅުވާފައި ހުންނާނެ އެވެ. މިތަނަށް ފޮތް ހަދިޔާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އުގެއިލް ފައުންޑޭޝަނުން ވަނީ ހުޅުވާލައިފަ އެވެ.