Roadha Mihaaru
ލަންކާއިން ފަހަތުން އަރައި ރާއްޖެއާ އެއްވަރު ކޮށްފި

ރާއްޖެ ހަތަރު ލަނޑުގެ ބޮޑު ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައި ލަންކާ އެއްވަރު ކޮށްފި

09 ނޮވެމްބަރ 2021

އަވައްޓެރި ސްރީ ލަންކާގައި މިއަދު ހަވީރު ފެށި ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި ފެށި އިންވިޓޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗުން ފަހަތުން އަރައި ސްރީ ލަންކާއިން ރާއްޖެއާ 4-4 އިން އެއްވަރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަވައްޓެރި ސްރީ ލަންކާގައި މިއަދު ހަވީރު ފެށި ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި ފެށި އިންވިޓޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗުން ފަހަތުން އަރައި ސްރީ ލަންކާއިން ރާއްޖެއާ 4-4 އިން އެއްވަރު ކޮށްފި އެވެ.

މިއަދުގެ މެޗަކީ ރާއްޖޭގެ ގައުމީ ޓީމާ އަލަށް ހަވާލުވި އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ފްރެންޗިސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. މިމެޗުގައި ލަންކާއިން ޖެހި ހަތަރު ލަނޑު ވެސް ޖަހައިދިނީ އެޓީމަށް ކުޅޭ ޖަރުމަނަށް އުފަން އަހުމަދު ވަސީމް ރަޒީކް އެވެ.

މި މެޗުގައި ރާއްޖޭގެ ހަމްޒާ މުހައްމަދުގެ ބަދަލުގައި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރު ފުރަތަމަ 11 ގައި ހިމެނިއިރު، ގޯލު ބެލެހެއްޓީ އުމުރުން 21 އަހަރުގެ ޒުވާން ކީޕަރު އަލީ ނާޖިހު (ނާޖީ) އެވެ. މިއީ ނާޖީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ބާކީ ނުވަ ކުޅުންތެރިންނަކީ ވެސް ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި އާއްމުކޮށް ރާއްޖޭގެ ފުރަތަމަ 11 ގައި ކުޅުނު ކުޅުންތެރިންނެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރާއްޖެއަށް ލީޑު ނަގައިދިނީ ހަތްވަނަ މިނިޓުގައި ކެޕްޓަން އަކްރަމް އަބްދުލް ގަނީ އެވެ. އަދި އޭގެ ދެ މިނިޓް ފަހުން ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ރާއްޖޭގެ ދެވަނަ ލަނޑަށް ފަހު ލަންކާއިން ކުރިޔަށް ޖެހިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް އެޓީމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެ އެވެ. އަލީ އަޝްފާގު (ދަގަނޑޭ) ދިން ބޯޅައެއް ހޯދައިގެން އޭރިއާ ތެރެއަށް ވަދެ، ލަންކާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި، މެޗުގެ 34 ވަނަ މިނިޓުގައި ރާއްޖޭގެ ތިންވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ރާއްޖޭގެ ހަތަރުވަނަ ލަނޑު 58 ވަނަ މިނިޓުގައި ޖެހީ އަޝްފާގެވެ. އޭނާ ވަނީ މަހުދީ ދިން ބޯޅަ ހިފައިގެން ލަންކާ ދެ ކުޅުންތެރިން ދޭތެރެއިން ދެމިގެންފައި އޭރިއާ ތެރެއަށް ވަދެ، ކީޕަރަށް ވެސް ފުރުސަތު ނުދީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ލަންކާގެ ފުރަތަމަ ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި ޖެހީ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ، ވަސީމް ރަޒީކް އެވެ. އޭގެ ހަތަރު މިނިޓު ފަހުން ވަސީމް އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، އޭނާގެ ހެޓްރިކް ފުރިހަމަކުރީ 73 ވަނަ މިނިޓުގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މި ތިން ލަނޑުވެސް ޖަހަން ވަސީމަށް ފުރުސަތު ތަނަވަސް ކޮށްދިނީ އިނގިރޭސި ވިލާތަށް އުފަން، އަދި އެގައުމުގެ ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރު) ގެ ރިޒާވް ޓީމަށް ކުޅޭ ޑިލޮން ޑި ސިލްވާ އެވެ.

މިއީ މި އަހަރު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާގެ އަލް މަވާސް މަހްމޫދު ރާއްޖެ ކޮޅަށް ހެދި ހެޓްރިކަށް ފަހު، ރާއްޖެ ކޮޅަށް ޖެހި ފުރަތަމަ ހެޓްރިކެވެ.

ސްރީ ލަންކާއިން ނަތީޖާ އެއްވަރު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައި ލިބުނު ކޯނަރަކުން ހުރަސްވި ބޯޅަ ލަންކާ ކުޅުންތެރިޔަކު ބޮލުން ވަސީމް އަށް ޖައްސާލުމުން ކޮންޓްރޯލް ކޮށްލާފައި ގޯލަށް ޖެހި ބޯޅައިންނެވެ.

މި މުބާރާތަކީ 2012 ވަނަ އަހަރު ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތަށް ފަހު ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ. އެ އަހަރު 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މުބާރާތް ކުރިޔަށް ގެންދިޔަ އިރު، ރާއްޖޭން މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޕާކިސްތާން ބަލިކޮށްފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗް 1-0 އިން ކާމިޔާބުކުރީ ރާއްޖޭގެ ޓީމެވެ.

މި މުބާރާތް ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސްގެ އިތުރުން ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލާ އެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. މި މުބާރާތުގެ ކުޅުން އިއްޔެ ފަށަން ތާވަލު ކުރި ނަމަވެސް އިއްޔެ ކުޅެން އޮތް ދެ މެޗު ވެސް މިއަދަށް ފަސްކުރީ ލަންކާގެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

މުބާރާތުގައި މިރޭ ކުޅެން ތާވަލު ކޮށްފައި ވަނީ ބަންގްލަދޭޝް އާއި ސީޝެލްސްގެ މެޗެވެ. ރާއްޖޭގެ ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރެވެ.