Roadha Mihaaru
ރިކުއެސްޓެއް: އަޝްފާގު ނުލައި މިއަދު ކުޅެފާނަންތަ؟

ރިކުއެސްޓެއް: އަޝްފާގު ނުލައި ލަންކާއާ ދެކޮޅަށް ކުޅެފާނަންތަ؟

08 ނޮވެމްބަރ 2021

މިއަދު ސްރީ ލަންކާގައި ފަށާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ލަންކާގެ މީޑިއާގައި ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވެ އެވެ. އޭނާގެ މޮޅުކަމުގެ ވާހަކަ އާއި އިދިކޮޅު ޓީމަށް ކުރާ ނުރައްކަލުގެ ވާހަކަ އެވެ. މި ވާހަކަތަކުގެ ތެރެއިން ގޮސް، މިރޭ ލަންކާ އާއި ރާއްޖެ ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ރާއްޖޭގެ ކޯޗް ފްރެންޗިސްކޯ މޮރިއޭރޯގެ ފަރާތުން ލަންކާގެ ނޫސްވެރިޔަކު އެދުނީ އަޝްފާގް ނުހިމަނައި ލަންކާއާ ދެކޮޅަށް ކުޅެވިދާނެތޯ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

"ސުވާލެއް ނޫން އޮތީ ރިކުއެސްޓެއް،" ސުވާލުކުރަން ދިން ފުރުސަތުގައި ނޫސްވެރިޔާގެ ވާހަކަ ފެށި އެވެ. "އަލީ އަޝްފާގް ވަނީ ލަންކާއާ ދެކޮޅަށް އޭނާ ކުޅުނު ކޮންމެ މެޗެއްގައިހެން ލަނޑު ޖަހާފައި. އޭނާ ނުހިމަނައި މެޗު ކުޅެވޭނެ ގޮތެއް އެބައޮތްތަ؟."

ނޫސްވެރިޔާގެ ވާހަކައިގައި ސަމާސާ ރާގެއް ހުއްޓަސް އެ ވާހަކަ އަކީ ލަންކާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް މުހިންމު ވާހަކައަަކަށް ވެދާނެ އެވެ. ލަންކާގެ ފުޓްބޯޅައިގެ ތާރީހުގައި އެ ގައުމުގެ ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ބޮޑު އަހުވައެއް ދައްކާލި ކުޅުންތެރިޔަކީ އަޝްފާގެވެ. އިންޓަނޭޝަނަލް ފުޓްބޯޅައިގައި އެއް މެޗެއްގައި ދެ ހެޓްރިކް ހެދި ކުޅުންތެރިޔާ އަށް އަޝްފާގްވީ ލަންކާ ކޮޅަށް އޭނާ އެއް މެޗުގައި ޖެހި ހަ ލަނޑުންނެވެ.

އަޝްފާގް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗެއްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

އަޝްފާގް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗެއްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސާފް ޗެމްޕިއަންޝިޕް 2013 ގައި ރާއްޖެއިން، 10-0 އިން ލަންކާ ބަލި ކުރި އެވެ. އެ މެޗުގައި އަޝްފާގް ހަ ލަނޑު ޖެހި އެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ވެސް ލަންކާ ބަލިކުރަން ރާއްޖެ އަށް ލަނޑު ޖަހައިދިނީ އަޝްފާގެވެ. އަޝްފާގް ނެތި ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅުނު މެޗަކީ 2018 ގެ ސާފް ޗެމްޕިއަންޝިޕް ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.

ނޫސްވެރިޔާ ކުރި ކޮމެންޓް މޮރިއޭރޯގެ އިޓަލީގެ އެހީތެރިޔާ އޭނާ އަށް އިޓަލީ ބަހުން ތަރުޖަމާކޮށް ދިނުމުން މޮރިއޭރޯ ފެށީ ހޭށެވެ. ދެން އޭނާ ބުނީ އަޝްފާގް ނުހިމނައި މެޗު ކުޅުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. ލަނޑު ޖަހާ ވާހަކަ އަޝްފާގް އަބަދުވެސް ދައްކާ ކަމަށް މޮރިއޭރޯ ބުންޏެވެ.

"އަލީ އަޝްފާގް އަހަރެން ކައިރީ ތަކުރާރުކޮށް ބުނާނެ؛ ހާސް ނުވާށޭ އަހަރެން ލަނޑު ޖަހާނަމޭ. އަހަރެން ލަނޑު ޖަހާނަމޭ. އަހަރެން ލަނޑު ޖަހާނަމޭ. އެކަމަކު އަހަރެމެން ޓީމުގައި ލަނޑު ޖަހާ ކުޅުންތެރިޔަކަށް ހުރީ އޭނާ އެކަންޏެއް ނޫން. ލަނޑު ޖަހާ މޮޅެތި ކުޅުންތެރިން އެބަތިބި. އަލީ އަޝްފާގް ލެވަލްގެ ކުޅުންތެރިއަކު އެއް މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ އާދައިގެ ކަމެއް. އޭނާ ލަނޑު ޖަހައިގެން ވެސް މޮޅު ވާނީ ޓީމު."

އަޝްފާގް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗެއްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

އަޝްފާގް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗެއްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މޮރިއޭރޯ ބުނީ އަޝްފާގާއި ސީނިއާ އެހެން ކުޅުންތެރިންގެ ފަރާތުން ޒުވާން ކުޅުންތެރިން ތަރައްގީކުރުމަށް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. ރާއްޖޭގެ ޓީމާ އެކު މޮރިއޭރޯ މަސައްކަތް ކުރާތާ ވީ ދެހަފުތާ އެވެ. އޭނާ ބުނީ މުބާރާތަށް ކުރިމަތިލީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:30 ގަ އެވެ. ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުޅޭ މެޗު ބަލަން ދަނޑަށް ވަނުމަށް ޓިކެޓް ގަތުމުގެ އިންތިޒާމު ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީ ސޯސަންވިލާގައި މިއަދު ވެސް ވަނީ ލަންކާގެ ފުޓްބޯޅަ ފެޑްރޭޝަނުން ހަމަޖައްސައިފަ އެވެ. ކުރިން 5000 ރުޕީސް އަށް ވިއްކި ޓިކެޓް ރާއްޖޭގެ ސަރުކާރުން އެދުމުން މިހާރު ވަނީ 3000 ރުޕީސް އަށް ހެޔޮކޮށްފަ އެވެ.

މާލޭގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗު ބެލޭނެ އިންތިޒާމް މިރޭ އަލިމަސް ކާނިވަލުގައި ހަމަޖައްސާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.