Roadha Mihaaru
ބަޖެޓު ސަޕޯޓަށް އިންޑިއާއިން 50 މިލިއަން ޑޮލަރު ދީފި

ބަޖެޓު ސަޕޯޓަށް އިންޑިއާ އިން 50 މިލިއަން ޑޮލަރު ދީފި

11 ފެބުރުއަރީ 2019

ދިވެހި ދައުލަތުގެ ބަޖެޓުގެ ތާށިކަން ހައްލު ކުރުމަށްޓަކައި އިންޑިއާ އިން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހި ދައުލަތުގެ ބަޖެޓުގެ ތާށިކަން ހައްލު ކުރުމަށްޓަކައި އިންޑިއާ އިން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު އިންޑިއާ އިން ބަޖެޓް ސަޕޯޓަށް 25 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބަޖެޓް ސަޕޯޓަށް 25 މިލިއަން ޑޮލަރު ލިބިފަ އެވެ.

އިންޑިއާ އިން ވަނީ 1.4 ބިލިއަން ޑޮލަރު ނުވަތަ 21 ބިލިއަން ރުފިޔާގެ އެހީ ދިވެހި ސަރުކާރަށް ދިނުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ދިނުން ހިމެނެ އެވެ. ބަޖެޓް ސަޕޯޓަށް ލިބޭ 200 މިލިއަނުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ޓްރެޝަރީ ބޮންޑެވެ.

މީގެ އިތުރުން ދެން ހިމެނެނީ މަޝްރޫއުތަކަށް 800 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕެވެ.

މިނިސްޓަރު ވިދާޅުވީ، ބަޖެޓް ސަޕޯޓަށް ބޭނުންވާ ފައިސާ އިންޑިއާ އިން ދޭނީ ސަރުކާރަށް އޭގެ ބޭނުން ޖެހިގެން އެދިއްޖެ ހިނދެއްގައި ކަމަށެވެ.