Roadha Mihaaru
ޝާހިދުގެ ފިލްމަށް ބޫމީ ބުނީ ނޫނެކޭ

ޝާހިދުގެ ފިލްމަށް ބޫމީ ބުނީ ނޫނެކޭ

11 ނޮވެމްބަރ 2021

ޝާހިދު ކަޕޫރާ އެކު ކުޅެން ލިބުނު ފިލްމެއް ބޫމީ ޕިޑްނޭކަރް ގަބޫލު ނުކޮށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހިދު ކަޕޫރާ އެކު ކުޅެން ލިބުނު ފިލްމެއް ބޫމީ ޕިޑްނޭކަރް ގަބޫލު ނުކޮށް ދޫކޮށްލައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމަކީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ނެޓްފްލިކްސްއާ ގުޅިގެން ޕްރޮޑިއުސް ކުރަން ހަމަޖެހިފައިވާ ފްރާންސްގެ 2011 ގައި އެކްޝަން ތުރިލާ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓްސް) ގެ ހިންދީ ރިމޭކެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމުގައި ޝާހިދާ އެކު ބަތަލާގެ ރޯލު ކުޅެން ބޫމީ އަށް ހުށަހެޅީ އެ ރޯލަށް އޭނާ ވަރަށް ބޮޑަށް ފިޓްވާތީ އެވެ. ބޫމީ އަށް ހުށަހެޅި ކެރެކްޓާ އަކީ ޝާހިދުގެ އަންހެނުންގެ ރޯލެވެ.

ނަމާއި ޑައިރެކްޓަރު އިއުލާން ނުކުރާ މި ފިލްމަކީ އަންޑަވޯލްޑާ ގުޅުން އޮންނަ ފުލުހަކު އިސްކޮށް ހުރެގެން ނުފޫޒު ގަދަ ޑްރަގް ލޯޑެއް އަތުލައިގަންނަން ހިންގާ އޮޕަރޭޝަނުގެ ތެރޭގައި އޭނާގެ އަންހެން ދަރިފުޅު ކިޑްނެޕް ކުރުމުން ދިމާވާ ހާދިސާތަކެއް ކިޔައިދިން ފިލްމެކެވެ.

ޕިންކްވިލާ އިން ބުނީ ބޫމީ ފިލްމު ގަބޫލު ނުކުރީ އޭނާގެ ކެރެކްޓާގައި މާ ހާއްސަ ކަމެއް ނެތް ކަމަށް ގަބޫލު ކުރެވުމާއި ރޯލު ވެސް ކުޑަވުމުންނެވެ. އެހެންވެ އޭނާ އެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލުމުން، އަލީގެ ޓީމުން މިހާރު އަންނަނީ ފިލްމަށް އާ ބަތަލާ އަކު ހޯދަމުންނެވެ.

ބޫމީ ދޫކޮށްލި މި ފުރުސަތަކީ ޝާހިދާ އެކު މަސައްކަތް ކުރަން ލިބުނު ފުރަތަމަ ފިލްމު ވެސް މެ އެވެ.

"ދަމް ލަގާ ކޭ ހައިޝާ" އިން 2015 ގައި ބޮލީވުޑަށް ނުކުމެ "ޝުބް މަންގަލް ސާވްދާން" އާއި "ޓޮއިލެޓް: އޭކް ޕްރޭމް ކާތާ" އާއި "ސާންޑް ކީ އާނކް" އާއި "ޕަތީ ޕަތުނީ އޯރް ވޯ" އަދި "ބާލާ" ފަދަ ފިލްމުތައް ކުޅުނު ބޫމީ، 32، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ދުރުގާމަތީ" އިންނެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރާޖްކުމާރު ރާއޯގެ "ބަދާއީ ދޯ"، ވިކީ ކޯޝަލްގެ "މިސްޓަ ލޭލޭ"، އަކްޝޭ ކުމާރުގެ "ރަކްޝާ ބަންދަން"، ރާޖްގެ "ބީޅު"، ޝާހްރުކް ޚާންގެ "ބަކްޝަކް"، އަރުޖުން ކަޕޫރްގެ "ދަ ލޭޑީކިލާ" އަދި ކަރަން ޖޯހަރްގެ "ތަޚުތު" ހިމެނެ އެވެ.