Roadha Mihaaru
ޝާހިދާ އެކު ޑިޝާ ފެނިދާނެ

ޝާހިދު ކަޕޫރާ އެކު ޑިޝާ ޕަޓާނީ ފެނިދާނެ

19 ސެޕްޓެމްބަރ 2020

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދައި، ޝިޝާންކް ކައިތާން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ލޯބީގެ އެކްޝަން ފިލްމު "ޔޯދާ" ގައި ޝާހިދު ކަޕޫރާ އެކު ބަތަލާގެ ރޯލު ކުޅޭނީ ޑިޝާ ޕަޓާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދައި، ޝިޝާންކް ކައިތާން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ލޯބީގެ އެކްޝަން ފިލްމު "ޔޯދާ" ގައި ޝާހިދު ކަޕޫރާ އެކު ބަތަލާގެ ރޯލު ކުޅޭނީ ޑިޝާ ޕަޓާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް ދަރުމާގެ ފަރާތުން އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ވަރުން ދަވަންއާ އެކު ޝިޝާންކް މި އަހަރުގެ ކުރީކޮޅު އިއުލާންކުރި ކޮމެޑީ ފިލްމު "މިސްޓަ ލޭލޭ" ގެ މަސައްކަތް މުއްދަތަށް ނެތް ގޮތަށް ފަސްކޮށްފައިވާތީ "ޔޯދާ" ގެ ނަމުގައި ފިލްމެއް ހަދަން ނިންމީ އެވެ. އަދި އެ ފިލްމު ދަރުމާ އިން ވަރަށް އިއުލާންކުރާނެ ކަމަށް ބުންޏެވެ.

މީޑިއާތަކުން ބުނީ 2015 ގައި ގެނެސްދިން "ޝާންދާރު" އަށް ފަހު ދަރުމާގެ ފިލްމަކަށް ޝާހީދު ގެނައުމާ ގުޅޭ ގޮތުން ކަރަން މަސައްކަތްކުރާތާ ދުވަސްތަކެއް ފަހުން، "ޔޯދާ" އަށް މިހާރު ޝާހިދު އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭގެ ތައްޔާރީތައް ވަމުން އަންނަ އިރު، ޝާހިދާ އެކު ޑިޝާ ފެންނާނެ ކަމަށް ބުންޏެވެ. އެހެންވެއްޖެ ނަމަ "ޔޯދާ" ވާނީ މި ދެ ތަރިން އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރަށެވެ.

މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ހިޓް ކަމަށްވާ "ކަބީރު ސިންގް" އަށް ފަހު ޝާހިދު މި ވަގުތު މަސައްކަތްކުރަމުން އަންނަނީ "ޖާޒީ" ގަ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ޔޯދާ" އަކީ "ޖާޒީ" ނިންމާފައި ޝާހިދު ދެން މަސައްކަތް ފަށާނެ ފިލްމު ކަމަށާއި މިއީ ބޮޑު ބަޖެޓަކުން ހަދާނެ ބޮޑު ފިލްމެއް ކަމަށެވެ.

ނެޓްފްލިކްސްގެ ފިލްމެއް ވެސް ދާދި ފަހުން ޝާހިދަށް ހުށަހަޅާފައިވެ އެވެ. އެއީ ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިރަށް މާލެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އެހީވާން އިންޑިއާގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އޭގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

ފެބްރުއަރީ މަހު ރިލީޒްކުރި "މަލަންގް" ގެ ބަތަލާ ޑިޝާގެ ކުރިއަށް އޮތް ފިލްމަކީ ސަލްމާން ޚާންގެ "ރާދޭ" އެވެ. އެކްޓަރު ޓައިގާ ޝްރޮފާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާގެ އަތުގައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ކޭޓީނާ" އާއި "ދޯ ވިލަން" ހިމެނެ އެވެ.