Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

28 އޮކްޓޯބަރ 2020

އާލިއާ ބަޓް ސޮއިކޮށްފައިވާ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ފިލްމު "ޑާލިންސް" ގައި އޭނާގެ މަންމަގެ ރޯލް ކުޅޭނީ ޝެފާލީ ޝާހް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާލިއާ ބަޓް ސޮއިކޮށްފައިވާ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ފިލްމު "ޑާލިންސް" ގައި އޭނާގެ މަންމަގެ ރޯލް ކުޅޭނީ ޝެފާލީ ޝާހް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ކުރު ފިލްމުތަކަކާ އެކު ޑައިރެކްޝަނަށް ނުކުތް ޝެފާލީ އަކީ "ނަމަސްތޭ ލަންޑަން" އާއި "ސިންގް އިޒް ކިންގް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ވިޕުލް ޝާހްގެ އަންހެނުންނެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޑާކް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ޑާލިންސް" ގެ ޝޫޓިން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ އެވެ.

މި ފިލްމުގައި އާލިއާއާ އެކު ބަތަލުގެ ރޯލުން ފެންނާނެ ކަމަށް ބެލެވެނީ އާލިއާގެ "ގަލީ ބޯއި" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ވިޖޭ ވަރުމާ އެވެ.

ޑާލިންސް" ގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ރިލީޒްކުރި "ޕަތީ ޕަތުނީ އޯރް ވޯ" އާއި 2016 ގެ ފިލްމު "ފޯސް 2" ގެ ސްކްރީންޕްލޭގައި ހިއްސާވި ޖަސްމީތު ކޭ ރީން އެވެ. މި ފިލްމު ވާނީ އޭނާގެ އަލަތު ޑައިރެކްޝަނަށެވެ.

ވިކްރަމްގެ "ޑާޓީ ގޭމްސް" ފަށައިފި

މީގެ ކުރިން ވެސް ވެބް ސީރީޒްތަކެއް އުފައްދާފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް ހަދާ އާ ވެބް ސީރީޒް "ޑާޓީ ގޭމްސް" ގެ ޝޫޓިން ބުދަ ދުވަހު ފަށައިފި އެވެ.

މީގެ ލީޑް ކާސްޓުންނަކީ "ޕިޔާރު ކާ ޕަންޗްނާމާ" ގެ ކާސްޓްގައި ހިމެނޭ އޯމްކާރް ކަޕޫރާއި "އިސީ ލައިފް މޭ" ގެ ބަތަލާ ސަންދީޕާ ދާރެވެ. އަށް އެޕިސޯޑްގެ "ޑާޓީ ގޭމްސް" ގެ މަންޒަރުތައް ނަގަނީ މުމްބާއީގަ އެވެ. ވިކްރަމް ކުރިން ގެނެސްދިން ވެބް ސީރީޒްތަކުގެ ތެރޭގައި ޓީވީ ބަތަލާ ނިއާ ޝަރުމާ ކުޅުނު "ޓްވިސްޓެޑް" އާއި ޝަމާ ސިކަންދަރު ކުޅުނު "މާޔާ" ހިމެނެ އެވެ.

"ރާޒް" އާއި "1920" އާއި "ހޯންޓެޑް 3ޑީ" ފަދަ ފިލްމުތައް ގެނެސްދިން ވިކްރަމް އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ޓީވީ ބަތަލާ ހީނާ ޚާނާ އެކު ގެނެސްދިން "ހެކްޑް" އެވެ.

"ޑާޓީ ގޭމްސް" އަކީ އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރާނެ އެއްޗެކެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

"ޗުޕް ކޭ ޗުޕްކޭ" ރިމެކްގެ ޝޫޓިން މާޗްގައި

މީގެ 45 އަހަރު ކުރިން ރިލީޒް ކުރި ކާމިޔާބު ފިލްމު "ޗުޕްކޭ ޗުޕްކޭ" ގެ ރިމެކްގެ ޝޫޓިން އަންނަ އަހަރު މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އޭގެ ސްކްރިޕްޓް މިހާރު އިތުރަށް ޕޮލިޝްކުރަމުން އަންނަ ކަމަށާއި ފިލްމުގެ ކާސްޓް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފައިނަލްކުރާނެ ކަމަށެވެ. އެކަމަކު މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް "ޗުޕްލޭ ޗުޕްކޭ" ގައި ދަރުމެންދުރާ ކުޅުނު ރޯލް ކުޅޭނީ ރާޖްކުމާރު ރާއޯ އެވެ.

އަންނަ މަހުގެ 12 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ "ލުޑޯ" އާއި އަންނަ މަހުގެ 13 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ "ޝަލާންގް" ގެ ބަތަލުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަދާއީ ދޯ" އާއި މެޑޮކް ފިލްމްސްގެ ކޮމެޑީއަކާއި ތެލެގޫ އެކްޝަން ފިލްމެއްގެ ރިމެކެއް ހިމެނެ އެވެ.

ރިޝިކޭޝް މުކަރްޖީ ޑައިރެކްޓްކޮށް 1975 ގައި ރިލީޒްކުރި "ޗުޕްކޭ ޗުޕްކޭ" ގެ ލީޑް ރޯލް ކުޅުނީ ދަރުމެންދުރާ އާއި އަމީތާބް ބައްޗަނާއި ޝަރުމީލާ ޓެގޯރް އަދި ޖަޔާ ބައްޗަން އެވެ.

އިޝާންގެ "ޕިއްޕާ" އަށް އިތުރު ކާސްޓުންތަކެއް

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޒުވާން އެކްޓަރު އިޝާން ޚައްތަރާ އެކު އިއުލާންކުރި ހަނގުރާމަ ފިލްމު "ޕިއްޕާ" އަށް އިތުރު ތަރިންތަކެއް ސޮއިކޮށްފި އެވެ.

އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި ސައިފް އަލީ ޚާންގެ "ޝެފް" ގެ ޑައިރެކްޓަރު ރާޖާ ކްރިޝްނާ މެނަން ހަދާ ފިލްމަށް ސޮއިކޮށްފައި ވަނީ މުރްނާލް ތާކޫރާއި އެޕްރީލް މަހު ގެނެސްދިން ހޮލީވުޑްގެ ފިލްމު "އެކްސްޓްރެކްޝަން" ގެ ރޯލެއް ކުޅުނު ޕްރިޔަންޝޫ ޕަނިޔޫލީ އެވެ. ރިޕޯޓްތައް ބުނާގޮތުން "ޕިއްޕާ" ގައި އެ ދެ ތަރިން ފެނިގެންދާނީ އިޝާންގެ ދެބޭންގެ ރޯލުންނެވެ.

މުރްނާލަކީ އިޝާންގެ ބޭބެ ޝާހިދު ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "ޖާޒީ" ގެ ބަތަލާ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ޕިއްޕާ" ޝޫޓްކުރާނީ މުމްބާއީ އާއި ބަންގްލަދޭޝްގަ އެވެ. "ޕިއްޕާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އަސްކަރިއްޔާގެ 45 ވަނަ ކަވަލްރީ ޓޭންކް ސްކޮޑްރަންގައި މަސައްކަތްކުރި ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭނާގެ ރޯލް ފިލްމުގައި ކުޅޭނީ އިޝާނެވެ.