Roadha Mihaaru
ކިޑްނެޕްކުރި ކުއްޖަކު ހޯދީ ޓިކްޓޮކުން ދަސްވި އިޝާރާތުން

ކިޑްނެޕްކުރި ކުއްޖަކު ހޯދުނީ ޓިކްޓޮކުން ދަސްވި އިޝާރާތަކާ ހެދި

11 ނޮވެމްބަރ 2021

ޓިކްޓޮކަށް އަޕްލޯޑްކުރާ ވަރަށް ގިނަ ވީޑިއޯތަކަކީ ގިނަ ފަހަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާ އެއްޗިއްސެވެ. ގިނަ ފަހަރަށް އެފަދަ އެއްޗިއްސަކީ އެކި ކަހަލަ މައްސަލަތަކުގެ ތެރައަށް ވެސް މީހުން ގެންދަން ހިތްވަރު ވެސް ލިބޭ ކަހަލަ އެއްޗިއްސެވެ. އެކަމަކު ސޯޝަލް މީޑިއާގެ މިފަދަ ޕްލެޓްފޯމްތަކުން ލިބޭ ފައިދާ އާއި ފަސޭހަތަކުގެ ވާހަކަތަކަކީ ވެސް ދައްކަން ޖެހޭ ވާހަކައެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓިކްޓޮކަށް އަޕްލޯޑްކުރާ ވަރަށް ގިނަ ވީޑިއޯތަކަކީ ގިނަ ފަހަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާ އެއްޗިއްސެވެ. ގިނަ ފަހަރަށް އެފަދަ އެއްޗިއްސަކީ އެކި ކަހަލަ މައްސަލަތަކުގެ ތެރައަށް ވެސް މީހުން ގެންދަން ހިތްވަރު ވެސް ލިބޭ ކަހަލަ އެއްޗިއްސެވެ. އެކަމަކު ސޯޝަލް މީޑިއާގެ މިފަދަ ޕްލެޓްފޯމްތަކުން ލިބޭ ފައިދާ އާއި ފަސޭހަތަކުގެ ވާހަކަތަކަކީ ވެސް ދައްކަން ޖެހޭ ވާހަކައެވެ.

އެމެރިކާގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގެއްލުނު ފުރާވަރުގެ އަންހެން ކުއްޖަކުު ހޯދުނީ އޭނާ އަށް ޓިކްޓޮކުން ފެނުނު ވީޑިއޯއަކުން ދަސްވި ކަމަކުންނެވެ. އެއީ ގެވެށި އަނިޔާއެއް ލިބޭކަން އަންގައި، އެހީއަކަށް އެދުމުގެ ގޮތުން އަތުން ކުރާ އިޝާރާތެއްގެ އެހީގަ އެވެ. މި އިޝާރާތުގެ ވާހަކަ މިދިޔަ އަހަރު ވަރަށް ބޮޑަށް މީޑިއާތަކުގައި ވެސް ދެކެވި، އޭގެ މުހިއްމު ކަމުގެ ވާހަކަ އެތައް ބަޔަކު ފާހަގަކުރި އެވެ.

މި އިޝާރާތަކީ ގެވެށި އަނިޔާގެ ނުރައްކަލެއް އޮތް ކަމަށް އިހުސާސް ކުރެވޭ ނަމަ އެހެން މީހެއްގެ ފަރާތުން އެހީއަކަށް އެދެވިދާނެ ގޮތެކެވެ. ހަދަން ޖެހޭ ގޮތަކީ މީހަކަށް އަތްތިލަ ފެންނަ ގޮތް ހަދާލާފައި ބޮޑުވައި އިނގިލި އެތެރަށް ލަންބާނީ އެވެ. ދެން ބާކީ ހުރި ހަތަރު އިނގިލި ވެސް ލަންބާލާނީ އެވެ. އޭރުން އަތްތިލަ އިންނާނީ ގޮށްމުށް ކެވިފައި އިންނަ ކަހަލަ ގޮތަކަށެވެ.

މި އިޝާރާތް މިދިޔަ އަހަރު ތައާރަފުކުރީ ވިމެންސް ފަންޑިން ނެޓްވޯކާއި ކެނޭޑިއަން ވިމެންސް ފައުންޑޭޝަން ގުޅިގެންނެވެ. މަގުސަދަކަށްވީ ބަހުރުވައާ ނުލައި، އިޝާރާތުން އެހެން މީހެއްގެ ފަރާތުން އެހީއަކަށް އެދުމެވެ. އަދި ތިމާ ނުރައްކަލެއްގެ ތެރޭގައި ވާކަން އަންގައި ދިނުމެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ނޯތު ކެރޮލައިނާ އޭޝްވިލް އިން ކިޑްނެޕްކުރި 16 އަހަރުގެ ކުއްޖާ ފުލުހުންނަށް ހޯދުނީ އެ ކުއްޖާ އެރުވި ވެހިކަލެއްގެ ފަހަތު ބިއްލޫރިގަނޑުން، މަގުމަތީގައި ހުރި މީހަކަށް އަތުން ކުރި އިޝާރާތުގެ ސަބަބުން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

ކެންޓަކީގެ ލޯރެލް ކައުންޓީ އޮފީސް ޝެރިފުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އަންހެން ކުއްޖަކު ވެހިކަލެއްގެ ފަހަތު ބިއްލޫރިގަނޑުން މަގުމަތީގައި ސައިކަލެއްގެ މަތީގައި އިން މީހަކަށް އަތުން އިޝާރާތެއް ކުރާ ތަން ފެނުމުން އޭނާ ވަގުތުން ފުލުހުންގެ އިމަޖެންސީ ނަމްބަރު 911 އަށް ގުޅީ އެވެ.

"އެ ކުއްޖާ ކުރި އިޝާރާތް ފެނުނު މީހާ އަށް އިޝާރާތުގެ މާނަ ވެސް އެނގިފައި އޮތީމަ ކުއްޖާ ހޯދަން ފުލުހުންނަށް ރިޕޯޓް ކުރަން އެނގުނީ. އެހެންވީމަ މިފަދަ އިޝާރާތްތައް ދަސް ކުރުމަކީ ރައްކާތެރިކަން ހޯދުމަށް ވެސް ކުރެވޭނެ ވަރަށް މުހިއްމު ކަމެއް،" ލޯރެލް ކައުންޓީ ޝެރިފްސްގެ ޑެޕިއުޓީ ގިލްބަޓް އަކާއިޑޯ ވިދާޅުވި އެވެ.

ފުލުހުންނަށް ލިބުނު ރިޕޯޓާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކިޑްޕެކުރި ކުއްޖާ ހޯދައި އަދި އެކަން ކުރި ދުވަސްވީ މީހާ ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ކުޑަކުއްޖަކު ރަހީނުކޮށް، ޖިންސީ އަނިޔާ ކުރަން އުޅުމުގެ ދައުވާ ވެސް އުފުލައިފަ އެވެ.