Roadha Mihaaru
ޓިކްޓޮކްގެ ރާނީގެ ވާހަކަ ސީރީޒަކަށް ހަދަނީ

ޓިކްޓޮކްގެ ރާނީގެ ވާހަކަ ސީރީޒަކަށް ހަދަނީ

20 ޑިސެމްބަރ 2020

ޓިކްޓޮކްގައި ފުރަތަމަ ފަހަރަށް 100 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނާ އެކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި އެމެރިކާގެ ފުރާވަރުގެ އަންހެން ކުއްޖާ ޗާލީ ޑި އެމީލިއޯ އާއި އޭނާގެ އާއިލާގެ ވާހަކަ ސީރިޒެއްގެ ގޮތުގައި ހުލޫ އިން ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓިކްޓޮކްގައި ފުރަތަމަ ފަހަރަށް 100 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނާ އެކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި އެމެރިކާގެ ފުރާވަރުގެ އަންހެން ކުއްޖާ ޗާލީ ޑި އެމީލިއޯ އާއި އޭނާގެ އާއިލާގެ ވާހަކަ ސީރިޒެއްގެ ގޮތުގައި ހުލޫ އިން ގެނެސްދޭން ނިންމައިފި އެވެ.

އަށް އެޕިސޯޑަށް ހަދާ މި ސީރީޒްގެ ނަމަކީ "ދަ ޑި އެމީލިއޯ ޝޯ" އެވެ. މީގައި ޝާލީގެ އިތުރުން އޭނާގެ ކޮއްކޮ ޑިކްޒީ އާއި ބައްޕަ މާކް، އަދި މަންމަ ހެއިޑީ ޑި އެމީލިއޯގެ ދިރިއުޅުން ދައްކުވައިދޭނެ އެވެެ.

ބައެއް މީޑިއާތަކުން "ދަ ޑި އެމީލިއޯ ޝޯ" ސިފަކޮށްފައި ވަނީ އީ! އިން އަންނަ އަހަރު 20 ވަނަ ސީޒަނާ އެކު ނިންމައިލަން ހަމަޖެހިފައިވާ "ކީޕިން އަޕް ވި ދަ ކާޑޭޝަން" ކަހަލަ ޝޯއެއްގެ ގޮތުގަ އެވެ.

"ދަ ޑި އެމީލިއޯ ޝޯ" އަންނަ އަހަރު ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ހުލޫގެ ޑޮކިއުމަންޓަރީޒްގެ ވައިސް ޕްރެޒިޑެންޓް ބެލީޒާ ބެލާބަން ވިދާޅުވީ ޝާލީ އާއި އޭނާގެ އާއިލާގެ ސީރީޒަށް ޒުވާން އޯޑިއަންސް ވަރަށް ގަޔާވާނެ ކަމަށެވެ.

"ވީހާ ވެސް ބޮޑަށް ރިއަލިޓީ ދެއްކުން އެއް ޓާގެޓަކީ. އޭގެ މާނަ އަކީ އޯތެންސިޓީ އަކީ އަހަރެމެން ކޮމްޕްރަމައިޒެއް ނުކުރާނަމޭ،" ބެލީޒާ ވިދާޅުވި އެވެ.

ޝާލީއާ އެކު ސީރީޒެއް ގެނެސްދޭން ނިންމިކަން ހުލޫ އިން އިއުލާންކޮށްފައި މި ވަނީ ކާޑޭޝަން އާއިލާއާ އެކު ވެސް އެއްބަސްވުމެއް ހަދާފައި ވަނިކޮށެވެ. އޭގެ ދަށުން އެ އާއިލާގެ ދިރިއުޅުން ދައްކުވައިދޭ މުޅިން އާ އުފެއްދުމެއް ގެނެސްދޭނެ އެވެ.

ހުލޫގައި މިހާރު ވެސް ހުރި ރިއަލިޓީ ޝޯތަކުގެ ތެރޭގައި "ޓޭސްޓް އޮފް ދަ ނޭޝަން ވިތު ޕަދުމާ ލަކްޝްމީ" އާއި "އީޓާޒް ގައިޑް ޓު ދަ ވޯލްޑް" ހިމެނެ އެވެ. އަލަށް އަންނަން ހުރި ޝޯތަކުގެ ތެރޭގައި ސެލެބްރިޓީ ޝެފް ޑޭވިޑް ޝަންގާ އެކު ގެނެސްދޭ "ދަ ނެކްސްޓް ތިން ޔޫ އީޓް" އާއި ކާރާ ޑެލެވިންއާ އެކު ގެނެސްދޭ "ޕްލެނެޓް ސެ*ސް" ހިމެނެ އެވެ.