Roadha Mihaaru
ސިވިލް ސާވިސް ހިދުމަތުގައި ކުލައެއް ނޯންނާނެ: ރައީސް

ސިވިލް ސާވަންޓުންނަށް ފިކުރު ދެމެހެއްޓޭނެ، ހިދުމަަތުގައި ކުލައެއް އޮވެގެން ނުވާނެ: ރައީސް

10 ނޮވެމްބަރ 2021

ސިވިލް ސާވަންޓުން މީހުން ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިތިބެވޭނެ ކަމަށާއި އެހެން ނަމަވެސް އެމީހުން ދޭ ހިދުމަތުގައި ސިޔާސީ ކުލައެއް އޮވެގެން ނުވާނެ ކަމަށް ރައީސް އިބްރާމް މުހައްމަދު ސޯލިހު މިރޭ ވިދާާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިވިލް ސާވަންޓުން މީހުން ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިތިބެވޭނެ ކަމަށާއި އެހެން ނަމަވެސް އެމީހުން ދޭ ހިދުމަތުގައި ސިޔާސީ ކުލައެއް އޮވެގެން ނުވާނެ ކަމަށް ރައީސް އިބްރާމް މުހައްމަދު ސޯލިހު މިރޭ ވިދާާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކުން މަޖުބޫރުކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނަން ސަރުކާރުން ނޭދޭ ކަމަށާއި ސިޔާސީ ކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅިގެން ނުވާނެ ކަމަށެވެ. އެފަދަ ކަމަކާ ހެދި އެކަހެރިކޮށް މަގާމުން ވަކިކުރެވިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިވިލް ސާވަންޓުންނަކީ ވަކި ބަޔަކަށް "ގުލާނުކޮށްދިނުން" މަޖުބޫރު ސިޔާސީ ބައެއް ނޫނެވެ.

"ސިވިލް ސާވަންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް ވަހެެއް އަދި ރަހައެއް އޮވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ސިވިލް ސާވަަންޓުން ކުރަން ޖެހޭނެހާ ވެސް ކަމަކީ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތާއި ވައުދުތައް ތަންފީޒުކުރުމެވެ. އެ މީހުންނަކީ ދިވެހި ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖެއް ކަމަށް ވެެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ސިވިލް ސާވަންޓުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް ގަވައިދެއް ހެދި ކަމަށް ވާހަކަ ދެކެވި، އެކަމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެކަމަކު ގަވައިދުގައި ހަގީގަަތުގައި އޮތީ މަސައްކަތުގެ ވަގުތުގަޔާއި މަސައްކަތުގެ ދާއިރާގެ ތެރޭގައި ސިޔާސީ ކަމެއްގައި ބައިވެެރި ނުވެވޭނެ ކަމަށެވެ. ސިވިލް ސާވަންޓުން ސިޔާސީ ކަންކަމުގައި ބައިވެރިވުން މުޅިން މަނަލެއް ވެސް ނޫނެވެ. އަދި އެއީ ގަވައިދަށް ފަހުން ގެނައި ބަދަލެއް ވެސް ނޫނެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ސިވިލް ސާވަންޓުންނަކީ އެ މީހަކު ގަަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިތިބެވޭނެ މިނިވަނުން ކަމަށެވެ. އެހެން ނަމަވެސް ދޭ ހިދުމަތުގައި އެކަން އޮވެގެން ނުވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިޖުތިމާއީ އިންސާފަކީ ވަކިރަށެއް ފަރަގު ނުކޮށް ސަރުކާރުގެ ހިދުމަތްތައް ހަމަހަަމަކަމާ އެކު ފޯރުކޮށްދިނުމެވެ. ވޭތުވެ ދިޔަ ތިން އަހަރު ސަރުކާރުން މަސައްކަތްކޮށްފައި ވާނީ ވެސް އެ ހަމަ ހިފަހައްޓަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަބަބަކީ ޖުމްހޫރިއްޔަތަކީ އެންމެން އެކުވީމާ ކިޔާ ނަމެއް. އެއީީ ރައްޔިތުންގެ ވެރިކަމުގެ އެންމެ އަސާސީ ސިފަ،" ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރާއްޖޭގައި އެބަ އޮތް ކަމަށާއި ދުލާއި ގަލަމުގެ މިނިވަންކަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ވަކި ރައްޔިތެއްގެ މައްޗަށް ސަރުކާރުން އިސްކުރާނެ ކަމެއް އޮތިއްޔާ އެެއީ އެންމެންގެ ލާބަ ކަމަށް ވެސް ވިދާޅުވި އެވެ.