Roadha Mihaaru
އާދިއްތައިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވަނީ

އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވަން ނިންމައިފި

06 އޯގަސްޓް 2020

މިނިވަން ދުވަހާއި އަޟްހާ އީދުގެ ބަންދަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވުން މިއަދުގެ ނިޔަލަށް ފަސްކުރި ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮފީސްތައް ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިނިވަން ދުވަހާއި އަޟްހާ އީދުގެ ބަންދަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވުން މިއަދުގެ ނިޔަލަށް ފަސްކުރި ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮފީސްތައް ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އެކަމަކު، އެ ދުވަހުން ފެށިގެން އޮފީސްތައް ހުޅުވާނީ، ކޮވިޑުން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތަކާ އެކުގަ އެވެ.

ރައީސް މިއަދު ކަނޑައެޅުއްވި އުސޫލުގައި ވަނީ މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުމަށެވެ. އަދި މިނިސްޓަރު ނުވަތަ އިދާރާގެ އިސް ވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ވެސް ވަނީ އަންގައިފަ އެވެ.

އުސޫލުގައި ހިމެނޭ ކަންކަން

* މުވައްޒަފުން ޓީމުތަކަކަށް ބަހާލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރުން

* މުވައްޒަފުންގެ އަދަދާއި ވަސީލަތަށް ބަލައި އިދާރާ އިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހާލައި، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުން

* ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުން

* ދަންފަޅި ބަހައިގެން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫނީ މެންދުރުފަހު 2:00 ގެ ފަހުން ނުހުޅުވުން

* ނުރަސްމީގަޑީގައި ހުޅުވައިފައި ބަހައްޓަން ޖެހޭ ހާލަތްތަކުގައި ވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން ހުޅުވައިފައި ނުބެހެއްޓުން

* ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިޔުން

* އޮންލައިންކޮށް ދެވެން ހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން

އުސޫލުގައި ބުނެފައި ވަނީ މުވައްޒަފުން އޮފީހުގައި އުޅޭއިރު އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ސާފުތާހިރުކަމާއި ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އޮފީހުން ކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓްކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތް ކުރުމަށް ވެސް ވަނީ އަންގަވައިފަ އެވެ.

"ކޮވިޑް-19 އާ ގުޅިގެން، ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގުތިސާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައި ވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފައި" ކަމަށް އުސޫލުގައިވެ އެވެ.

ރައީސް އޮފީހުން ބުނީ މި އުސޫލު އެކުލަވައިލީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް އެޗްޕީއޭ އިން އަންގާފައިވާ އެންގުމަށް ބޯލެނބުމުގެ ގޮތުން ކަމަށެވެ.

ކުރިން ހަމަޖައްސައިފައި އޮތީ އީދު ބަންދަށް ފަހު މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވުމަށެވެ. ނަމަވެސް މިދުވަސްވަރު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ މިހަފުތާގައި ސަރުކާރުގެ އޮފީސްތައް ނުހުޅުވަން ރައީސް ނިންމެވީ އެވެ. އެޗްޕީއޭ އިން ބުނާގޮތުގައި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސް އެންމެ ގިނައީ އޮފީސްތަކުގަ އެވެ.

ރާއްޖެ އިން ކޮވިޑް ފެނުމާ ގުޅިގެން، މާޗު 12 ގައި އިއުލާންކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތަކާ އެކު، މިދިޔަ ޖުލައި 5 އާ ހަމައަށް ވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރި އެވެ. އެކަމަކު، އެ މުއްދަތުގެ ތެރޭގައި ވަކި ހިސާބަކުން، ކޮންމެހެން އޮފީސްތަކަށް ނުކުމެ ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވި އެވެ.