Roadha Mihaaru
ހުރިހާ ކުދިންނަށް ކިޔެވޭ ގޮތަށް ސްކޫލުތައް ބަދަލުކުރަނީ

ނުކުޅެދޭ ކުދިންނަށް ކިޔެވޭ ގޮތަށް ހުރިހާ ސްކޫލެއް ބަދަލުކުރަނީ

11 ނޮވެމްބަރ 2021

ހުރިހާ ދަރިވަރުން ބައިވެރި ކޮށްގެން ކިޔަވައިދިނުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ބަދަލު ކުރަންޖެހޭ ގޮތަށް އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު ރޭ އާއްމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުރިހާ ދަރިވަރުން ބައިވެރި ކޮށްގެން ކިޔަވައިދިނުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ބަދަލު ކުރަންޖެހޭ ގޮތަށް އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު ރޭ އާއްމުކޮށްފި އެވެ.

މިއީ، މިދިޔަ އޮގަސްޓު 10 ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން އާއްމު ކުރަންޖެހޭ ސިޔާސަތެކެވެ.

އެ ސިޔާސަތުގެ ދަށުން އަންނާނެ އެންމެ ބޮޑު ބަދަލަކީ، ރާއްޖޭގެ މުޅި ސްކޫލް މާހައުލު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ބަދަލުކުރުމެވެ. އެ ދަރިވަރުންނަށް މިހާރު ކިޔަވައިދެމުން އަންނަނީ ވަކިންނެވެ.

ނަމަވެސް މި ސަރުކާރުގެ ޕްލޭނަކީ، ސްކޫލުތަކަށް 'ޝާމިލްވެށި' ޔުނިވާސަލް ޑިޒައިން ކޮންސެޕްޓު ތައާރަފުކޮށް ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ވަކިން ކިޔަވައިދިނުމުގެ ބަދަލުގައި އެހެން ކުދިންނާ އެއްކޮށް ކިޔަވައިދިނުމެވެ.

އެހެންވެ، ދަރިވަރުން ކުޅޭ ދަނޑުތަކާއި ފާހަނާ އާއި އެހެނިހެން ތަންތަން ވެސް އެ ކުދިންނަށް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކުރަންޖެހެ އެވެ. އެގޮތުން، ދަރިވަރުންގެ ތަފާތު ގިންތިތަކަށް އަމާޒުކޮށް މެއިންސްޓްރީމް ސްކޫލުތަކުގައި ހިންގަން ޑިޒައިންކޮށްފައިވާ ސްޕެޝަލައިޒްޑް ސެންޓަރުތައް 'އިންކްލޫޝަން ރިސޯސް ސެންޓަރު'ތަކަށް ބަދަލުކުރަން ޖެހެ އެވެ.

އެ އުސޫލުގައި އިސްކަންދީފައިވަނީ ވެސް ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ގާބިލްކަން ދެނެގަނެ، އެ ހުނަރު ކުރިއެރުވުމަށެވެ.

އެގޮތުން އެ ކުދިންނަށް ކިޔަވައިދޭއިރު ނުވަ އަސާސެއް ހިފަހައްޓަންޖެހޭނެ ކަމަށް އުސޫލުގައި ބުނެ އެވެ. އެއީ؛

- ފަރުދީ ތަފާތުތަކަށް އިހުތިރާމްކުރުމާއެކު އަގުކުރާ މާހައުލެއް އުފެއްދުން

- ޒިންމާދާރު ވެރިން އުފެއްދުން

- ޝާމިލުކުރުމުގައި މުޅި ސްކޫލު ބައިވެރިކުރުން

- މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން

- ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމު ގާއިމްކުރުން

- ހުނަރުވެރި ގާބިލް ޓީޗަރުންނާއި ފަންނީ މީހުން ބިނާކުރުން

- އުނގެނުމަށް ފަހި މާހައުލެއް ގާއިމްކުރުން

- އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ވާސިލްވުން

- ގާތުން ބެލުމާއި ވަޒަންކުރުމާއި ޒިންމާދާރުކުރުން

އެ ސިޔާސަތުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ގިންތިކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުން އަސްލަކަށް ބަލައިގެންނެވެ. އޭގެ އިތުރުން ގުދުރަތީ ކާރިސާއަކާ ގުޅިގެންނާއި ދަރިވަރުންނަށް ކުރާ ތަފާތު ގޯނާތަކާ ގުޅިގެން ކިޔެވުމަށް ނޭދެވޭ އަސަރު ފޯރާ އަދި އާއިލީ ތަފާތު މައްސަލަތަކުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން ވެސް ބައިވެރިކުރަން ޖެހޭނެކަމަށް ބުނެ އެވެ.

ކިޔެވުމުގައި ހާއްސަ އެހީ ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ވަކިވަކި ދަރިވަރުންގެ ހާލަތު ބަލައި އެ ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ ޕްލޭނާ އެއްގޮތަށެވެ. އަދި އެ ކުދިންނަށް ކިޔަވައިދިނުމަށް ހަތަރު ޕްރޮގްރާމެއް ހަމަޖައްސާފައިވެ އެވެ. އެއީ ހޯމް ބޭސްޑް ލާނިންނާއި ސްކޫލު ރެޑިނެސް އާއި އާލީ އިންޓަވެންޝަން އަދި މެއިންސްޓްރީމް އެޑިއުކޭޝަނެވެ.

ލޯފަން ދަރިވަރުންނަށް ބްރެއިލް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ނުވަތަ އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެވޭނެ ގޮތް ހަމަޖައްސަން ޖެހޭއިރު އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް "ސައިން ލެންގުއޭޖު" ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ނުވަތަ އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖެއްސުން ވެސް ޖެހެ އެވެ.

ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޔުނިވާސަލް އެކްސެސިބިލިޓީގެ މިންގަނޑުތަކާ އެއްގޮތަށް ސްކޫލުގެ ކްލާސްރޫމު، ލެބޯޓްރީ، ލައިބްރަރީ، ފާހަނާ ފަދަ ތަންތަން މަރާމާތުކުރަންޖެހެ އެވެ. ލިޔުމާއި ކިޔުމުގައި ތަފާތު މައްސަލަތައް ދިމާވާ ދަރިވަރުންނަށާއި ކަރުދާސް ފޮތް ބޭނުންކުރަން ދަތިވާ ދަރިވަރުންނަށް ކަރިކިއުލަމް ކޮންޓެންޓާއި ކިޔަވާ ފޮތްތައް ޑިޖިޓަލް ފޯމެޓުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެ އެވެ.

އުސޫލުގައި ބުނީ އެ ދަރިވަރެއްގެ އުނގެނުމުގެ ހާލަތަށް ރިއާޔަތްކޮށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ކިޔެވުމަށް ފަހި، ޝާމިލް ވެއްޓެއް ސްކޫލުގައި ގާއިމްކުރަންޖެހޭނެ ކަމަށެވެ. އެ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް އިތުރަށް ކުރިއަށް ދެވޭނެ ތަފާތު މަގުތައް ކޮށައިދީ، ވަޒީފާތަކަށް އަހުލުވެރިކުރުމަށް ތަފާތު ލެވަލްގެ އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގަންޖެހޭނެ އެވެ.

އެ ސިޔާސަތު ތަންފިޒުކުރަނީ އެޑިއުކޭޝަން މިނިސްޓްރީން މި ފަހުން އުފެއްދި "އިމަޖެންސީ ރެސްޕޮންސް ޕްލޭނު" ގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންތައްތަކަށް ސަމާލުކަންދީގެންނެވެ.