Roadha Mihaaru
އޯ ލެވެލް ނަތީޖާ: ރަށްރަށުގެ ވިދުން ގަދަ އަހަރެއް!

އޯ ލެވެލް ނަތީޖާ: ރަށްރަށުގެ ވިދުން ގަދަ އަހަރެއް!

21 އޯގަސްޓް 2022

އޯ ލެވެލްގެ ނަތީޖާ މިދިޔަ ބުރާސްފަތި ދުވަހު ދޫކުރަން ފެށުމާއެކު ސޯޝަލް މީޑިއާ ފުރާލީ ދަރިވަރުންނަށް ކި ހޫނު މަރުހަބާތަކުންނެވެ. މިދިޔަ މެއި/ޖޫން މަހުގެ އިމްތިހާނުގައި 5،900 ދަރިވަރުން ބައިވެރިވިއިރު، މި ފަހަރު ޖުމްލަކޮށް ރަށްރަށުގެ ސްކޫލުތަކުން ހޯދި ނަތީޖާ ރަނގަޅުކަމަށް "މިހާރު" އާ ވާހަކަދެއްކި ބައެއް ޕްރިންސިޕަލުން ބުންޏެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޯ ލެވެލްގެ ނަތީޖާ މިދިޔަ ބުރާސްފަތި ދުވަހު ދޫކުރަން ފެށުމާއެކު ސޯޝަލް މީޑިއާ ފުރާލީ ދަރިވަރުންނަށް ކި ހޫނު މަރުހަބާތަކުންނެވެ. މިދިޔަ މެއި/ޖޫން މަހުގެ އިމްތިހާނުގައި 5،900 ދަރިވަރުން ބައިވެރިވިއިރު، މި ފަހަރު ޖުމްލަކޮށް ރަށްރަށުގެ ސްކޫލުތަކުން ހޯދި ނަތީޖާ ރަނގަޅުކަމަށް "މިހާރު" އާ ވާހަކަދެއްކި ބައެއް ޕްރިންސިޕަލުން ބުންޏެވެ.

އޭގެ ތެރެއިން އެއް ސްކޫލަކީ ތ. ދިޔަމިގިއްޔެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް ޒަކަރިއްޔާ މިއަދު ވިދާޅުވީ ދިޔަމިގިލީގައި ފާއިތުވި ދެ އަހަރުގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. އެކަމަކު، ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 10 އަށް 200 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލްގެ ފަރާތުން އޯ ލެވެލްގައި ބައިވެރިވި 12 ކުދިންގެ ތެރެއިން ހަ ކުދިން ރާއްޖޭގެ ގަދަ 10 ގައި ހިމެނުމަކީ ރަނގަޅު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސްކޫލުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ، ހަތް މާއްދާއިން އޭ ސްޓާ އަދި އެއް މާއްދާއިން އޭ ހޯދައިގެން ރާއްޖެއިން ދެ ވަނަ ހޯދި ޝައިބާން ޝަފީގެވެ. ތިން ވަނަ އައިޝަތު އައިނީ، ފަސް ވަނައިގައި ދެ ކުއްޖަކު، ހަތް ވަނަ އަދި ނުވަ ވަނައިގައި ވެސް ދިޔަމިގިލީ ސްކޫލްގެ ކުއްޖަކު ހިމެނިފައިވެ އެވެ.

ޔޫސުފް ވިދާޅުވީ ދިޔަމިގިލީގެ ދަރިވަރުން ދައްކައިދިނީ އާދައިގެ ވަސީލަތްތައް ހުރި ނަމަވެސް ރަނގަޅު ނަތީޖާއަށް ދެވިދާނެ ކަމުގެ ހެއްކެއް ކަމަށެވެ.

"އެންމެ ރަނގަޅު ނަތީޖާ ހޯދަން މޮޅެތި ވަސީލަތްތަކެއް ބޭނުންނުވާނެކަން އެ ކުދިން ދައްކައިދިނީ،" ޔޫސުފް ވިދާޅުވި އެވެ.

އޭގެ އެއް ހެއްކަކީ ލެބޯޓްރީގެ ފުރިހަމަ ވަސީލަތްތައް ނެތް ނަމަވެސް ކެމިސްޓްރީން ހަ ދަރިވަރުން އޭ ސްޓާ ހޯދުމެވެ. އޭގެ އިތުރުން ލައިބްރަރީ އާއި ކޮމްޕިއުޓާ ލެބާއި ބީޓެކް ދަރިވަރުން ކިޔެވުމަށް ބޭނުންކުރަނީ ވެސް އެއް ކްލާސް ރޫމްކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް ސަރުކާރުން ވަނީ އަށް ކްލާސްރޫމްގައި ކިޔަވައިދޭ ސްކޫލަށް 12 ކްލާސްރޫމްގެ އާ އިމާރާތެއް އަޅައިދޭން ނިންމައިފަ އެވެ. މި އަހަރުގެ ތެރޭގައި މަސައްކަތް ފަށާނެ އެވެ.

އެ ރަށުގައި އަންނަ އަހަރު 10 ކުދިން އޯ ލެވެލް ހަދާނެ އެވެ. ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ޔޫސުފް ވިދާޅުވި އެވެ.

"ހުރި ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އަޅުގަނޑުމެން ބޮޑަށް އިސްކަންދެނީ. ނަތީޖާއާ ދޭތެރޭގައި ހިތްހަމަޖެހޭ،" އޭނާ ވިދާޅުވި އެވެ.

ބާކީ ތިބި ހަ ދަރިވަރުން ވެސް އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން ފާސްވި ކަމަށް ދިޔަމިގިލި ސްކޫލުން ބުންޏެވެ.

މި އަހަރު ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ އަދަދު ގިނަ ނަމަވެސް، އިސްލާމާއި ދިވެހި މާއްދާއިން ދަރިވަރުންގެ ނަތީޖާ ދަށްކަމަށް ބައެއް ޕްރިންސިޕަލުން ވިދާޅުވެ އެވެ. އެހެންވެ، މާލޭގެ ބައެއް ސްކޫލުތަކުން އެއް ވަނައިގައި އެއްވެސް ކުއްޖަކު ހިމެނިފައިނުވެ އެވެ.

ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާގެ ފާތިމަތު ސުޒާ މުހައްމަދު ވަނީ އޯ ލެވެލް ހެދި އަށް މާއްދާއިން ވެސް އޭ ސްޓާ ހޯދައި ރާއްޖެއިން އެއްވަނަ ހޯދައިފަ އެވެ.

އެ އިމްތިހާނުގައި އެ ސްކޫލުން 19 ކުދިން ބައިވެރިވިއިރު، 63 ޕަސެންޓް ދަރިވަރުން ފަސް މާއްދާއިން ފާސްވި ކަމަށް އަތޮޅު މަދަރުސާގެ ޕްރިންސިޕް ހުސެއިން ނައީމް ވިދާޅުވި އެވެ.

"ސުޒާއަށް ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ގަބޫލުކުރެވުނު. އެކަމަކު އެއްވަނަ ލިބޭނެ ކަމަށް އުއްމީދެއް ނުކުރަން. އެންމެ ކުރީއްސުރެ ވެސް އަމިއްލައަށް ކިޔެވުމުގައި އުޅުނު، މޮޅު ދަރިވަރެއް އެއީ،" އޭނާ ވިދާޅުވި އެވެ.

ތ. ވިލުފުށީ ސްކޫލްގެ އަބްދުﷲ ނައިސަމް އުސްމާން ވެސް އަށް މާއްދާއިން އޭ ސްޓާ ހޯދައިގެން އެއް ވަނަ އަދި މަރިޔަމް ޔޫހާ ރާއްޖެއިން ދެ ވަނަ ހޯދާފައިވެ އެވެ. އެ ސްކޫލުގެ އައިޝަތު އަނާމް މުހައްމަދު ވަނީ އަށް ވަނަ ހޯދައިފަ އެވެ.

އޯ ލެވެލްގައި އަބަދު ވެސް މޮޅު ނަތީޖާތަކެއް ހޯދާ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަށް ކުއްޖަކު ރާއްޖޭގެ ގަދަ 10 އަށް އަރާފައިވެ އެވެ. އެ ތަނުން، ހަތް މާއްދާއިން އޭ ސްޓާ އަދި އެއް މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ ދެ ވަނައަށް، އެ ސްކޫލްގެ މުހައްމަދު މަނޫން ފާއިޒް ހިމެނިފައިވެ އެވެ. އޭގެ އިތުރުން ހދ. ކުޅުދުއްފުށީގެ ތިން ސްކޫލު، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލު އަދި އަފީފުއްދީން ސްކޫލުން ޖުމްލަ 33 ދަރިވަރުން ގައުމީ ގަދަ 10 ގައި ހިމެނިފައިވެ އެވެ.

އއ. ތޮއްޑޫ ސްކޫލުގެ ހަ ދަރިވަރަކު ރާއްޖޭގެ ގަދަ 10ގައި ހިމެނިފައިވެ އެވެ.

އެ ސްކޫލްގެ އެޑްމިނިސްޓްރޭޓަރު އާދަމް އިބްރާހިމް ވިދާޅުވި ގޮތުގައި އެހެން އަހަރުތަކަށް ވުރެ މި އަހަރު، 422 ދަރިވަރުން ކިޔަވާ ސްކޫލުން ހޯދީ ރަނގަޅު ނަތީޖާއެއް ކަމަށެވެ. ރާއްޖޭގެ ގަދަ ދެ ވަނައިގައި ދަރިވަރެއް އަދި ތިން ވަނައިގައި އެ ސްކޫލްގެ ދެ ދަރިވަރަކު، އަށް ވަނައިގައި ދެ ދަރިވަރަކު އަދި 10 ވަނައިގައި ވެސް ތޮއްޑޫގެ ދަރިވަރަކު ވަނީ ހިމެނިފަ އެވެ.

އޭނާ ވިދާޅުވީ އެ އިމްތިހާނުގައި ބައިވެރިވި 32 ދަރިވަރުންގެ ތެރެއިން، ބީޓެކް ދަރިވަރުން ނުހިމަނައި އޭ ލެވެލްއަށް 17 ކުދިން ފާސްވި ކަމަށެވެ.

ދިވެހި މާއްދާއިން އެ ސްކޫލްގެ 11 ދަރިވަރަކު އޭ ހޯދިއިރު، އިސްލާމް މާއްދާއިން ވެސް ތިން ދަރިވަރަކު އޭ ސްޓާ އަދި ހަތަރު އޭ ހޯދާފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ.

އޯ ލެވެލްގެ ނަތީޖާއާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގިނަ ސްކޫލުތަކުން އާދަޔާ ހިލާފު ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށެވެ. އެކަމަށް މިނިސްޓަރު ވަނީ މަރުހަބާ ދަންނަވައިފަ އެވެ.