ހިދުމަތުގައި މި ވަގުތު ތިބި ޓީޗަރުންނަށް ޑިފޯލްޓުން ލައިސަންސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
25 ޖުލައި 2023
ހިދުމަތުގައި މި ވަގުތު ތިބި ޓީޗަރުންނަށް ޑިފޯލްޓުން ލައިސަންސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ތައުލީމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޓީޗާސް ރަޖިސްޓްރޭޝަން ގަވައިދު އާއްމުކޮށް، ކިޔަވައިދިނުމަށް ބޭނުންވާ ލައިސަންސަށް އެދުމަށް ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް އޮގަސްޓް 2021 ގައި އަމަލުކުރަން ފެށި އެ ގާނޫނުގައި އޮންނަނީ ދެ އަހަރުގެ ތެރޭގައި ޓީޗަރުންނަށް ލައިސަންސް ދޭން ޖެހޭނެ ކަމަށެވެ.
އެެހެންވެ، އަންނަ މަހުގެ 6 ގައި ފަށާ ދިރާސީ އާ އަހަރުގެ ކުރިން 10،000 އެއްހާ ޓީޗަރުންނަށް ލައިސަންސް ދޭން ޖެހޭނެ އެވެ.
ޓީޗާސް ރަޖިސްޓްރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، "މިހާރު" އިން ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މި ވަގުތު ހިދުމަތުގައި ތިބި ހުރިހާ ޓީޗަރުންނަށް ވެސް ލައިސަންސް ލިބޭނެ ކަމަށެވެ.
ނަމަވެސް، އިދާރީ ބައިތައް ފުރިހަމަ ކުރުމަށް ތައުލީމީ ސެޓްފިކެޓާއި ފޯމުތައް ހުށަހަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ތައުލީމީ ދާއިރާގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ބައި-ޑިފޯލްޓް ލައިސަންސް ލިބޭ. މި ގަވައިދާ އެއްގޮތަށް ލައިސަންސް ދޭނީ މީގެ ދެ އަހަރު ފަހުން، ކިޔަވަން ފަށާފައި ހަތަރު އަހަރު ނިންމާ ކުދިންނަށް. މިހާރު ތައުލީމީ ދާއިރާގައި ތިބި ހުރިހާ ބޭފުޅުންނަށް ލައިސެންސް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"މި ޓާމް ނިންމާލާނަން އެކަން ވެސް ކޮށްފައި. މި ގަވައިދު ގެޒެޓު ކުރެވުނު ހިސާބުން، އަޅުގަނޑުމެންގެ ވަޒީފާގައި ތިބި ހުރިހާ މުދައްރިސުންނަކީ ލައިސަންސް މީހުން."
ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ބޭނުމަކީ އެ މީހުންގެ ފެންވަރު ކަށަވަރު ކުރުމާއި ކުދިންނާއި ބެލެނިވެރިންގެ އިހުތިރާމާއި ލޯބި ލިބިދޭ ބަޔަކަށް ހެދުން ކަމަށެވެ. ކިޔަވައިދިނުމަށް ލައިސަންސް ދެނީ ވެސް ވަކި މުއްދަތަކަށް ވާތީ، ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީޗަރެއްގެ ގޮތުގައި ރަޖިސްޓަރީވެ، ލައިސަންސް ހޯދާއިރު ސެޓްފިކެޓުތަކާއި ޕޮލިސް ރިޕޯޓާއި ޓީޗަރުންގެ ސުލޫކީ މިންގަނޑަށް އަމަލުކުރުމުގެ އިގުރާރާއި ކިޔަވައި ދިނުމުގެ ތަޖުރިބާ ހުށަހަޅަންޖެހެ އެވެ. ދިވެއްސެއް ނަމަ ކުށުގެ ރިކޯޑު ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.
އޭގައި ބުނާގޮތުން ޓީޗަރުންނަށް ލައިސަންސް ދޭނީ މިހާރު ވެސް އެ މީހުންގެ ވަޒީފާގެ އޮނިގަނޑު އޮންނަ ގޮތަށް، ހަތް ރޭންކަށެވެ. ސްކޫލްތަކުގެ އިސްވެރިންނަށް ދޫކުރާ ލައިސަންސް ވެސް ވަނީ އެކި ރޭންކުތަކަށް ބަހާލައިފަ އެވެ. ޑެޕިއުޓީ ޕްރިންސިޕަލުން އަދި ޕްރިންސިޕަލުން ވެސް ތިން ރޭންކަކަށް ބަހާލާފައިވާއިރު، ސުޕްރިޓެންޑެންޓްގެ ނަމުގައި ދެ ރޭންކެއް ތައާރަފްކޮށްފައިވެ އެވެ. ތެރަޕިސްޓުންނާއި ކައުންސެލަރުން އަދި ހެލްތު ވޯކަރުންނާއި ސްޕޯޓްސް ސުޕަވައިޒަރުން އަދި ލައިބްރޭރިއަން ފަދަ މަގާމުތަކަށް ދޫކުރާނީ، ގަވައިދުގައިވާ ބުނާގޮތުން ސްކޫލު ޕްރޮފެޝަނަލް ލައިސަންސެވެ.
އާތިޔާ ވިދާޅުވި ގޮތުގައި، ޓީޗިން ލައިސަންސް ދޫކުރާނީ ހަތަރު އަހަރަށެވެ. ނަމަވެސް، ދާއިމީ މަގާމުތަކަށް ޝަރުތު ހަމަވާ މީހުން ނުލިބޭތީ ވަގުތީ ގޮތުން ނަގާ ޓީޗަރުންނަށް ދެ އަހަރުގެ ލައިސަންސެއް ދޫކުރާނެ އެވެ.
ޗުއްޓީ ނިމެނީ، ޝަކުވާ ބޮޑު، މިނިސްޓްރީ ހިމޭނުން!
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ސްކޫލްތަކުގެ މައުލޫމާތާއެކު އެޑިއުކޭޝަންގެ އާވެބްސައިޓެއް
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ޓީޗަރުންގެ ލައިސަންސް ހަތް ކެޓަގަރީއަށް ބަހާލައިފި
ސަރުކާރު ބަދުނާމުކުރުން ޓީޗަރުންނަށް "މަނާ"!
ޓީޗަރުންނަށް ލައިސަންސް ދޭ ގަވައިދު ގެޒެޓު ނުކުރެވޭ
އޯ ލެވެލްގެ ދެބައިކުޅަ އެއްބައި ދަރިވަރުން ފާހެއްނުވޭ
އަރަބިއްޔާ ހާއްސަ، ޖާގަ ދެ ގުނަ ވާނެ: މިނިސްޓަރު